ނައިބު ރައީސަކަށް ހުންނެވި އިރު އަދީބު ލޯންޗެއްގައި
03 އެޕްރީލް 2018 - 12:53
ނަސަންދުރަ ޕެލަސް ހޮޓަލް ހިންގަން އެންޕީއެޗް އިންވެސްޓްމަންޓަށް ދިން މައްސަލާގައި ހަތް ދުވަސް ތެރޭގައި 74 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
އަދީބަށް ފިނޭންސް މިނިސްޓްރީން އެގޮތަށް އެންގީ އޭނާ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މުއްދަތު އިތުރު ކުރުމުގެ ފީ ނެގުމެއް ނެތި، ނަސަންދުރަ ހިންގަން އެންޕީއެޗް އިންވެސްޓްމަންޓަށް 50 އަހަރަށް ދޫކުރި މައްސަލައިގަ އެވެ. އޭގެ ކުރިން ނަސަންދުރަ ހިންގަން ހަވާލުކޮށްފައި އޮތީ ގެލެކްސީ އެންޓަޕްރައިސަސްއާ އެވެ. އެކަމަކު އެންޕީއެޗް އިންވެސްޓްމަންޓުން އޮތީ އެތަނުގެ ލީޒް ހޯލްޑް ރައިޓްސް ގަނެފަ އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ސޮއިކުރައްވައި، މިދިޔަ ބުރާސްފަތި ދުވަހު އަދީބަށް ފޮނުއްވި ސިޓީގައިވަނީ މުއްދަތު އިތުރުކުރުމުގެ ފީ ނެގުމެއް ނެތި ނަސަންދުރަ ހިންގުމުގެ މުއްދަތު 50 އަހަރަށް އިތުރުކޮށް، އަލުން އެއްބަސްވުމެއް ހަދާފައިވާތީ 74 މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބުނު ކަމަށެވެ. އަދި އެއީ އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަދީބު އަމަލުކުރެއްވި ގޮތުން ވެފައިވާ ގެއްލުމެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށް ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އެހެންވެ، މާލިއްޔަތު ގާނޫނުގެ ދަށުން، އެ ފައިސާއަކީ އަދީބު ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމަށާއި އެހެންވެ ހަތް ދުވަސް ތެރޭގައި އެ ފައިސާ ދައްކަން އަންގާ ކަމަށް އެ ސިޓީގައިވެ އެވެ. އަދި ބުނެފައި ވަނީ އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ، ގާނޫނީ ފިޔަވަޅު އަޅަން އެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.
ދައުލަތަށް 74 މިލިއަން ރުފިޔާ ދައްކަން އަދީބަށް އެންގިއިރު އޭނާ ގެންދަވަނީ އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މީގެ އިތުރުން ޚިޔާނާތާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ އިތުރު ދައުވާތަކެއް ވެސް އަދީބާ ދެކޮޅަށް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ނަސަންދުރަ ޕެލެސް ހޮޓެލް ހިންގަމުން އައި ބިމާއި އެ ބިމާ ޖެހިގެން އޮތް އަދި ކުރިން އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގަމުން އައި ބިން ކަމަށްވާ ހ. އޯކިޑް ލޮޖް، ނަސަންދުރަ ޕްލެސް އިންވެސްޓްމަންޓް (އެންޕީއެޗު) އަށް 50 އަހަރަށް، ސަރުކާރަށް އެއްވެސް ފީއެއް ނުދައްކާ، ދިނުމުގެ މައްސަލަ އަކީ، އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއެރި އިރު އޭގެ ތެރޭގައި ފާހަގަކުރެވުނު އެއް މައްސަލަ އެވެ.
އެމްޑީޕީ ސަރުކާރުގައި އަށް އަހަރުގެ މުއްދަތަށް 2010 ގައި ނަސަންދުރަ ކުއްޔަށް ދިނީ ގެލެކްސީ އެންޓަޕްރައިސަސް އަށެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ކޮއްކޮއެއްގެ ފިރިކަލުން ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ގެ ހިއްސާ އޮންނަ ގެލެކްސީއަށް ނަސަންދުރައިގެ މައްޗަށް އޮތް ލީސްހޯލްޑް ރައިޓްސް، އޮގަސްޓް 2014 ގައި، ވަނީ އެންޕީއެޗު އަށް ބަދަލުކޮށްފަ އެވެ.
އެންޕީއެޗުގައި ވެސް މަނިކުގެ ހިއްސާ އޮވެ އެވެ.
އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ނަސަންދުރައާ ގުޅޭ މުއާމަލާތްތައް ދެން ހިނގާފައި ވަނީ ވަރަށް ބޮޑެތި އޮޅުވާލުންތަކެއްގެ ތެރެއިންނެވެ.
އިކޮނޮމިކް ކައުންސިލުން ނިންމާފައި ވަނީ އެ ބިމުގައި މަތީ ފެންވަރުގެ ހިދުމަތް ލިބޭ ގޮތަށް ނަސަންދުރަ ތަރައްގީކުރާށެވެ. އެމްޕީއެޗަށް އެ ތަން ދިގު މުއްދަތަކަށް ދިނުމުގެ މަގުސަދުގައި، ޖެނުއަރީ 27، 2015 ގައި، ނަސަންދުރައިގެ ކުރީގެ އެއްބަސްވުން، އެމްޕީއެޗުގެ ރުހުމާ އެކު، ޓޫރިޒަމް މިނިސްޓްރީން ބާތިލްކުރެ އެވެ. އަދި ހަމަ އެދުވަހު ނަސަންދުރަ އާއި ހ. އޯކިޑް ލޮޖް ބިން، އެމްއެމްޕީއާރުސީ އަށް ދިނުމުގެ އެއްބަސްވުމެއް ޓޫރިޒަމް މިނިސްޓްރީއާ އެކު ވެފައިވެ އެވެ.
މި މުއާމަލާތްތަކަކީ ހިޔާނާތް އެކުލެވޭ ކަމެއްކަން އެނގެނީ އެމްއެމްޕީއާރުސީއަށް ބިން ނެގުމަށް ފަހު، ސަރުކާރަށް އެއްވެސް ފީއެއް ނުދައްކާ 50 އަހަރަށް އެންޕީއެޗަށް އެތަން އަލުން ދިނުމުންނެވެ. މާލެ އިން އެހާ ބޮޑު ބިމެއް ބަޔަކަށް ދިނީ އެތަނުގައި އަލަށް ހަދާ އިމާރާތުން ސަރުކާރުގެ ހަފުލާތައް ބާއްވަން ބައެއް ތަންތަން ދޭން، ހަމައެކަނި ސީއެސްއާރުގެ ބައެއް ލައިފަ އެވެ.
އެކަމަކު ހާއްސަ އޮޑިޓް ރިޕޯޓް ބުނާ ގޮތުގައި، ސަރުކާރަށް އެތަންތަން ދޭން ޖެހެނީ ކުއްޔަށް ކަމެއް، ނުވަތަ ކިހާ މުއްދަތަކަށް ކަމެއް ވެސް، އެންޕީއެޗާއި، އެމްއެމްޕީއާރުސީއާ ދެމެދު ވީ އެއްބަސްވުމުގައި ނެތެވެ.
މި ހުރިހާ ކަމެއް ހިނގި އިރު ގެލެކްސީއަށް އެތަން ކުއްޔަށް ދިން މުއްދަތު ހަމަވާން ދެ އަހަރު އޮތެވެ. އަދި ޓޫރިޒަމްގެ ބޭނުންތަކަށް ދޫކުރާ ތަންތަނުގެ މުއްދަތު އިތުރުކޮށްދެނީ އެކަމަށް އަގެއް ނަގައިގެން ކަމަށް ވިޔަސް، ނަސަންދުރަ ދޫކޮށްފައި ވަނީ އެއްވެސް ފައިސާއެއް ނުދައްކާ ކަމަށް ވެސް، 2016 ގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ސަލީމް
04 April 2018
ކޮބާތަ ލާންޖެހޭ އެކައުންޓު ނަންބަރު... އަދީބުގެ ބަދަލުގައި އަހަރުމެން ލާދީފާނަމޭ! އޯކޭނު؟
ޖުހާގެ ވޮއްގަނޑު
04 April 2018
ނައިބު ރައިސް ކުއްވެރިވީއިރު ރައީސުލްޖުމުހުރިއްޔާ ކުއްވެރިި ނުވީ ކީއްވެގެންތޯ!!! ބޮޑު ޖޯކެއް!!!! ދިވެހިންނަކީ ގަމާރުބަޔަކަށް ހަދަން އުޅުނަސް ތީ ބޮޑުވަރު!!!!
ބީކޭކޭ
04 April 2018
74މިލިއަން މާމަދެންނު އަދި އެތިކޮޅެއްޖައްސާލާ!
falaku ain
03 April 2018
މީ މިގަރުނުގެ ޖޯކު ކަމަށް ވެދާނެ. ފުރަތަމަކަމަކީ ދައުލަތުގެ ނަމުގައި އޮތް ބިމެއް، ރަށެއް، ފަޅެއްވިޔަސް ދޫކުރެވެނީ ރައީސް ނިންމަވާ ގޮތެއްގެ މަތިންކަން. މިސާލަކަށް ދައުލަތުގެ ޢިމާރާތެއް ކުއްޔަށް ދިނުން ނުވަތަ ކުއްޔެއް ނުނަގާ ގޮތަށް ދިނުން ކަމުގައިވިޔަސް އެކަމަށް ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ނުވަތަ ހައުސިން މިނިސްޓްރީގެ ހުއްދަ އެއް ލިއުމުން ދޭންޖެހޭ ކަން. ދެވަނަ ކަމަކީ ދައުލަތުގެ ބިމެއް އެހެން ފަރާތަކަށް ރަޖިސްޓްރީ ކޮށްދޭނީވެސް ހައުސިންމިނިސްޓްރީގެ ހުއްދައެއް ލިއުމުން އޮވެގެން. ދައުލަތުގެ އޮފީހެއް ދައުލަތުގެ އެހެން ޢިމާރާތަކަށް ބަދަލުކުރުން ފިޔަވައި ދެން ހިންގޭ ކޮންމެ މުޢާމަލާތެއް ދައުލަތުގެ މުދަލާ ބިމާ ބެހޭ ގޮތުން ހިންގޭނީ ރައީސުލްޖުމުހޫރިއްޔާ ނިންމަވާ ގޮތެއްގެމަތިން އެބިމެއް ޙަވާލުކޮށްފައިވާ ފަރާތަކުން. އެކަން ކުރީ އިކޮނޮމިކް ކައުންސިލުންވިޔަސް ނުވަތަ އެހެން ކޮމިޓީއަކުން ކަމުގައިވިޔަސް ރައީސް އޮފީހުގެ ލިއުމެއް އޮވެގެން ނޫނީ ތިކަމެއް ކުރެވިފައެއް ނޯންނާނޭކަން ބުއްދިއަށް ފެންނަނީ.
ރާއްޖެ މީހާ
05 April 2018
އެންމެން ހިތުން އަދީބު ބޮލަށް ޖަހާފަ ސަލާމަތްވާނެކަމަށް އެއުޅެނީ
----ރައީސު
03 April 2018
އަދީބު އަތަކު ލާރި އެއް ނުހުންނާނެ؟
މަންސޫރު
03 April 2018
ނައިބު ރައީސަށް ހެދީ މި ކަންތައް ކޮއްފައި އޮއްވާ ދެއްތޮ؟ އޭރު ހަމަ އޯކޭ.
ރާގޮނޑި
03 April 2018
މިދެން ބޮޑު ޖޯކެއްނު މާލޭގެ މަލަމަތީގެ ހުރި އެންމެބޮޑުބިން އެއްޗެއްނުނަގާ ދިނީޔޯ ދެން ތިއެއްބަސްވުން އުވާލާފަ ނޫނީ އެތަން ހިންގަން ދިން މީހުން އަތުންބލާރި ހޯދަންވީނު ނުނީ ކޯޓަށް ދާންވީނު އަހަރެމެން މިއުޅެނީ ކުޑަ ތަންކޮޅެއް ހިފައިގެން އެތަނަށްވެސް މަހަކު 15000 އެބަދެން އެކަމު ތިއޮތް ބޮޑުތަނުން ކުއްޔެއް ނުދީ މީ އެމީހުންގެ ތަރިކަމުދާތަ
ބަނާނާ
03 April 2018
މިހާރު ގަންނާނެގަނޑެއްގަންގަންވީ. ވެރިކަންބަދަލުވުމާއެކު ދައުލަތަށް ނަގާނެ ތަންތަނުގެ ލިސްޓްގެ އެންމެ ކުރީގަ އޮތީ ނަސަންދުރަ. ނޫފަރާ ބްރިޖްކާރީހަދާޓަވަރާ އަދިކުރިއަށް އޮތީ. ހޯމްބައިދަސީ ކޯރަލް އެޕާރޓްމަންޓްސް ވެސް އޮންނާނެ އެލިސްޓް ގަ.
މުންދު
03 April 2018
ދެން މިހެން ކޮށްފައި ހުންނަ ކަންތައް ހާމަކޮށް އަނެކާ ދިމާއަށް އެއް އިނގިލި ދިއްކުރާއިރު. ތިމާއާ ދިމާއަށް ހުންނަނީ ކިތައް އިނގިލިތޯ ބަލާލަން އެންމެ ރަނގަޅެއްނޫންތޯއެވެ؟ މިފަދަ ކޮންމެ ކަމަކުން މޮހިގެން ތިއޮއް ވެއްޓެނީ އަނދެގެން ހުރި ފޮށާ ނޫންތޯއެވެ؟
ބޮޑުރިޔާ
03 April 2018
މިއަދު އަދީބު ނައިބުރައީ ސަކަށް ހުރިނަމަ ދެންވާނީ ކިހިނެއްބާ