ހުސައިނަށް އަނިޔާކުރި މައްސަލަ އެންއައިސީން ބަލަން ފަށައިފި

އިދިކޮޅު ފަރާތްތަކުން މިދިޔަ ފެބްރުއަރީ މަހު ބޭއްވި މުޒާހަރާއެއްގައި ފުލުހުން ހައްޔަރުކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން އަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި އިއްޔެ އޭނާގެ ބަޔާން ނަގައި މައްސަލަ ބަލަން ފަށައިފި އެވެ.


ހުސައިން ވަނީ އޭނާ ހައްޔަރު ކުރުމަށް ފަހު ފުލުހުން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް ބުނެފަ އެވެ. ހައްޔަކޮށް ބަންދުކޮށްފައިވާ ވެހިކަލަކަށް ލައިގެން ގަލޮޅު ވިލީ ފުލުހަށް ގެންގޮސް "އަނގަވަތަށް" ބިންމައްޗަށް ވައްޓައިލީ ކަމަށް އޭނާ ބުންޏެވެ. އެއަށް ފަހު ފުލުހެއްގެ ކިހިލިފަތް ދަށުގައި ހުސައިންގެ ކަރު ތާށިކޮށްލައިގެން ދަމާފަައި ވިލީ ފުލުސް ތެރެއަށް ވެއްދި އިރު، އެހެން ބައެއް ފުލުހުން އޭނާގެ ގައިގެ އެކި ތަންތާނގައި ތަޅަމުން ދިޔަ ކަމަށް ވެސް ހުސައިން ބުންޏެވެ.

އޭނާގެ ވާތްފަރާތު އަރިކައްޓާ ދިމާލުގައި ތަޅާފައިވާ ކަން އެނގޭ ނިޝާންތަކެއް ފެންނަން ހުރި އިރު، އެ ތަން ހުރީ މަށައިގެން ގޮސްފަ އެވެ. ހުސައިން ލަފާކުރާ ގޮތުގައި ފުލުހުން އޭނާގެ ގައިގައި ތެޅީ އެ މީހުން އަރައިގެން ތިބި އެންކަލް ބޫޓުތަކުންނެވެ.

އެ އަނިޔާތަކުގައި ހުސައިން ހޭނެތުމުން އޭޑީކޭ ހޮސްޕިޓަލުން އެ ރޭ ފަރުވާ ދިނެވެ. އަދި އޭނާ ވަނީ ސްރީލަންކާއިން ވެސް ފަރުވާ ހޯދައިފަ އެވެ.

ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެ މައްސަލަ ޕޮލިސް އިންޓަގެރިޓީ ކޮމިޝަން (އެންއައިސީ) އަށް ރާއްޖެ ޓީވީން ހުށަހެޅި އެވެ.

ހުސައިން މިއަދު ބުނީ އޭނާ އެންއައިސީ އަށް ހާޒިރުކޮށް ބަޔާން ނަގައި، ކަން ހިނގިގޮތް ސާފުކޮށްފައިވާ ކަމަށެވެ. އެއަށް ފަހު ޒަހަމްވި ތަންތަން ފޮޓޯ ނެގި ކަމަށް ހުސައިން ބުންޏެވެ.

"އެބޭފުޅުން އެދުނީ ފޮޓޯ ނަގަން. އަޅުގަނޑު ދެއްކިން އަނިޔާވެފައި ހުރި ތަންތަން. އެކަމަކު މިހާރު ހުރީ ލަކުނު،" ހުސައިން ބުންޏެވެ.

ހުސައިންގެ ހަށިގަނޑުގައި ޒަހަމްތައް، އޭނާ ބުނީ ފުލުހުން އަނިޔާ ކުރީ ކަމަށް--

ހުސައިންގެ ގައިން ޒަހަމުވި ތަންތަން ލަކުނަށްވި ފަހުން އެންއައިސީން ފޮޓޯ ނަގާފައިވާއިރު ހުސައިން ހޮސްޕިޓަލުގައި އޮއްވާ އެޗްއާރުސީއެމުން ވަނީ އޭނާގެ ހާލަތު ބަލައި ފޮޓޯ ނަގައިފަ އެވެ.

ހުސައިން ބުނީ އޭނާއަށް އަނިޔާ ކުރި ފުލުހުންގެ ވަނަވަރު އެނގޭތޯ އެންއައިސީން ސުވާލު ކުރި ކަމަށެވެ. އެ ފުލުހުންގެ ނަންތައް ނޭންގޭ ކަމަށާއި ނަމަވެސް ފެނިއްޖެ ނަމަ އެނގޭނެ ކަމަށް ބުނިކަމަށް ހުސައިން ބުންޏެވެ. އެންއައިސީން ވަނީ އެ ރޭ މުޒާހަރާ ރޫޅާލަން އުޅުނު ފުލުހުންގެ ފޮޓޯތައް ހުސައިންނަށް ދައްކާނެ ކަމަށް ބުނެފަ އެވެ.

އެ ތަހުގީގާ ގުޅޭގޮތުން އެންއައިސީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ފުލުހުންގެ މި އަމަލާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނާ ގުޅުމުން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އެއްވެސް މީހެއްގެ މައްޗަށް ފުލުހުން އަނިޔާވެރި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.