އީސީން ޕާޓީތަކާ ވަކިވަކިން ބައްދަލުކުރަނީ

ހުރިހާ ސިޔާސީ ޕާޓީތަކާ އެއްފަހަރާ ބައްދަލުކުރުމުގެ ބަދަލުގައި، ވަކިވަކިން ޕާޓީތަކާ ބައްދަލުކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހަމަޖައްސައިފި އެވެ.


އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ، ހުރިހާ ޕާޓީތަކާ އެކު އެއް މޭޒެއްގެ ދޮށުގައި ތިބެ ވާހަކަ ދައްކައި މަޝްވަރާ ކުރުމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ބާއްވަން އުޅުނު އެ ބައްދަލުވުން ކެންސަލް ވުމުން، ކޮމިޝަނުގެ ބައްދަލުވުމަކުން މިއަދު ނިންމީ ޕާޓީތަކާ ވަކިވަކިން ބައްދަލުކުރާށެވެ.

"ބޭނުމަކީ، ވީހާ ވެސް ގާތުން ޕާޓީތަކާ ބައްދަލުކޮށް، މައުލޫމާތު ހިއްސާކުރުން. އަޅުގަނޑުމެން މި ހަފުތާގައި ޕާޓީތަކާ ބައްދަލު ކުރާނަން،" ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައްދަލުވުމުގައި ޕާޓީތަކާ އެކު ވާހަކަ ދައްކާނީ ސިޔާސީ ޕާޓީތައް މޮނީޓަކޮށް، ރެގިއުލޭޓް ކުރުމުގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ވެސް ޕާޓީތަކަށް މައުލޫމާތު ދޭން ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އިންތިޚާބު ބާއްވަން ޖެހޭއިރު، އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. އެކަމަކު އެ ތުހުމަތުތައް ދޮގުކޮށް، އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެ ކޮމިޝަނުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެކޭ އެއްގޮތަށް ރިޔާސީ އިންތިޚާބު ވެސް މިނިވަން ވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން، ރާއްޖޭގައި ބާއްވާފައިވާ އެހެން އިންތިޚާބުތަކާ ޚިލާފަށް، މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ އާންމުން ވީހާ ވެސް ބޮޑަށް ބައިވެރި ކޮށްގެން، އުފާވެރި އިންތިޚާބެއްގެ ގޮތަށެވެ.