ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހަކަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ހެކިން ހާޒިރު ނުކުރެވިގެން ކެންސަލް ކޮށްފި އެވެ.
އޮގަސްޓް، 2014 ގައި ގެއްލުނު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެެ ދައުލަތުން ދައުވާކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރާގޮތުން ރިލްވާން ގަދަކަމުން ފޮރުވީ އާލިފްގެ ރަތް ކުލައިގެ ކާރު ހުޅުމާލެއަށް ގެންގޮސް، އާލިފާއި ނޫރައްދީން ބައިވެރިވެގެންނެވެ.
އެ ދެ މީހުންނާ ދެކޮޅަށް ދައުލަތުން ގިނަ އަދަދެއްގެ ހެކިން ހުށަހަޅާފައި ވީ ނަމަވެސް ދައުލަތަށް ހެކިން ހާޒިރުކޮށް ނުދެވޭތީ މީގެކުރިން ވެސް ބައެއް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުނެވެ.
މިއަދު މެންދުރު ބާއްވަން ހަމަޖެއްސި އަޑުއެހުން ވެސް ކެންސަލްކުރީ ހެކިން ހާޒިރު ނުކުރެވޭތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް އެ މައްސަލާގައި ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ސުއައިދު ރާއްޖެއިން ބޭރުގައި ހުއްޓާ މަރުވެއްޖެ ކަމަށް އޭނާގެ އާއިލާއިން ކޯޓަށް އެންގިޔަސް ދައުލަތުން ބުނާގޮތުން އޭނާ މަރުވިކަން ކަށަވަރެއް ނުވެ އެވެ.