ވަކީލުންގެ ބިލް އެކުލަވާލަނީ ބާ ކައުންސިލެއް އުފައްދާ ގޮތަށް: އަނިލް

ވަކީލުންނާ ބެހޭ ބިލް ސަރުކާރުން ޑްރާފްޓް ކޮށްފައި ވަނީ ވަކީލުން ރެގިއުލޭޓް ކުރުމަށް ބާ ކައުންސިލެއް އުފައްދާ ގޮތަށް ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިރޭ ވިދާޅުވި އެވެ.


ވަކީލުކަމުގެ ހުއްދަ ދިނުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ ވަކީލުންނާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެކަން ލަސްވީ އެކިއެކި ސަބަބުތަކާ ހެދި ކަމަށެވެ. ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކު އެ ބިލް ޑްރާފްޓް ކޮށްފައި ވާނީ ބޮޑެތި ބަދަލުތަކެއް ވަކީލުންގެ ޕްރޮފެޝަނަށް ގެންނަ ފަދަ ގޮތަކަށް ކަމަށާއި އެގޮތުން ވަކީލުން ރެގިއުލޭޓް ކުރުމަށްޓަކައި ބާ ކައުންސިލެއް އުފެއްދުމަކީ ވެސް އެ ބިލުގައި ހިމެނޭ އެއް ކަންތައް ކަމަށް އަނިލް ވިދާޅުވި އެވެ.

"ގާނޫނީ ވަކީލުންގެ ފަންނަކީ ބާ ކައުންސިލެއްގެ ބެލުމުގެ ދަށުން ހިނގާނެ ތަނެއް ކަމުގައި ހެދުމަށް އަޅުގަނޑުމެންނާއި ކަމާ ބެހޭ ފަރާތްތަކުން ހިތްވަރާ އެކީގައި މި ބިލް ދިރާސާކޮށް، ނިންމުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން،" އަނިލް ވިދާޅުވި އެވެ.

ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބުނު ވަކީލަކާ އެކަމުގެ ލިޔުން އޭޖީ އަނިލް މިރޭ ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް ލިބުމުން ވަކީލަކަށް ވެވޭ ގޮތަށް ރާއްޖޭގައި އޮތަސް، ދުނިޔޭގެ އެހެން ގައުމުތަކުގައި އެއީ އެހެން އޮންނަ ކަމެއް ނޫނެވެ. އެހެން ގައުމުތަކުގައި ޑިގްރީ ފުރިހަމަ ކުރިޔަސް ވަކީލުކަމުގެ ހުއްދަ ދޭނީ އިތުރު މަރުހަލާތަކެއް ފުރިހަމަ ކުރުމަށް ފަހު ކަމަށާއި އެފަދަ ގޮތަކަށް ރާއްޖޭގައި މިހާރު ވެސް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް އަނިލް ވިދާޅުވި އެވެ.

"ދުނިޔޭގެ ބައެއް ގައުމުތަކުގައި ބާ އެގްޒާމް ފަދަ އެގްޒާމް ހެދުމަށް ލާޒިމް ކޮށްފައި އޮވޭ. އެ އެގްޒާމް ނުވަތަ ޓެސްޓުން ފާސް ނުވެއްޖިއްޔާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ނުވެސް ލިބޭ. އަޅުގަނޑުމެން ޒަމާނީ ތަރައްގީއާ އެކު ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތަށް ބަދަލު ވެގެން ދާއިރު މިކަންކަން ދިވެހި ރާއްޖޭގައި ވެސް ބަދަލު ވެގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއްް ނޫން،" އަނިލް ވިދާޅުވި އެވެ.

ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ 175 މީހަކަށް ދިނުމާއި އެ ވަކީލުންގެ ހުވާ ލައިދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން އޭޖީ އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ ބައެއް އިސް ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ވަކީލުންގެ ފަންނު ދުވަހަކަށް ވުރެ ދުވަހެއް ފުޅާވަމުން އަންނަ ކަން ފާހަގަ ކުރައްވައި، އަނިލް ވިދާޅުވީ ވަކީލުންގެ ތަޖުރިބާ އާއި ތަމްރީން އިތުރު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ވަކީލުން ކުރަންޖެހޭ ހަމައެކަނި މަސައްކަތަކީ ކޯޓުތަކުގައި ވަކާލާތު ކުރުން އެކަނި ނޫން ކަމަށާއި އެ ނޫން ގޮތްގޮތުން ވެސް ވަކީލުންނަށް ފުރުސަތު އެބައޮތް ކަން އަނިލް ފާހަގަ ކުރެއްވި އެވެ. އެގޮތުން ދައުލަތުގެ އިދާރާތަކާއި ކޯޓުތަކާއި ތަހުގީގީ އިދާރާތަކުގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު ވަކީލުންނަށް އެބައޮތް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ވަކީލުން ރެގިއުލޭޓް ކުރަމުން އައީ އެކި ދުވަސްވަރު އެކި އިދާރާތަކުންނެވެ. ކުރިން ޖަސްޓިސް މިނިސްޓްރީން ވަކީލުން ރެގިއުލޭޓް ކުރަމުން އައުމަށް ފަހު އޭގެ ފަހުން ވަކީލުން ރެގިއުލޭޓް ކުރީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ. މިހާރު ވަކީލުން ރެގިއުލޭޓް ކުރަނީ ސުޕްރީމް ކޯޓުންނެވެ.