ދެކުނުން މަސް ގަންނަ މިންވަރު އިތުރުކުރަނީ

ރާއްޖޭގެ ދެކުނުގެ މަސްވެރިކަން އާދަޔާޚިލާފަށް ރަނގަޅުވެފައިވާތީ އެ ސަރަހައްދުން މަސް ގަންނަ މިންވަރު އިތުރުކުރަމުން އަންނަ ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.


އެ ކުންފުނިން ބުނީ ވޭތުވެދިޔަ ހަ މަސް ދުވަހު 150 ޓަނުގެ މަސް ކިރިއިރު، ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި އެވެރެޖްކޮށް 600 ޓަނުގެ މަސް ކިރުވާ ކަމަށެވެ.

މިފްކޯއިން މަސް ގަނެވޭ ކެޕޭސިޓީއަށް ވުރެ މަސް ބާނާ އަދަދު އާދަޔާ ހިލާފަށް އިތުރުވުމުން، މަސް ކިރުމާއި އައިސް ދޫކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެ މަސްވެރިން ދަނީ ޝަކުވާ ކުރަމުންނެވެ.

މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދެކުނުން މަސް ކިރާ ކެޕޭސިޓީ އިތުރު ކުރުމަށް، އުތުރުގައި މަސް ކިރަން ހަރަކާތްތެރިވި އެކުންފުނީގެ "ކަލަމިންޖާ 402" ބޯޓް ދެކުނަށް ގޮސް މަސް ގަންނަން ފަށާފައިވާ ކަމަށެވެ. އަދި ގއ. ކޫއްޑޫ ގެ ކެޕޭސިޓީ އިތުރު ކުރުމަށް ކެރިއާ ބޯޓެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިފްކޯއިން ބުންޏެވެ.

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިތައް ހައްލު ކުރުމަށް ދެކުނުގެ އައިސް ޕްލާންޓްތައް 24 ގަޑިއިރު މަސައްކަތް ކުރާ ގޮތް ބަދަލުކޮށްފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ ކުރިއާ އަޅާބަލާއިރު މަސްގަތުމުގެ ކެޕޭސިޓީ 400 ޓަނުން 720 ޓަނަށް އިތުރުކޮށްފައިވާ ކަމަށެވެ. މަސް ފިނި ކުރުމުގެ ކެޕޭސިޓީ 216 ޓަނުން 612 ޓަނަށް އިތުރު ކޮށްފައިވާއިރު 2014 ވަނަ އަހަރުން ފެށިގެން އައިސް އުފައްދާ މިންވަރު 355 ޓަނުން 630 ޓަނަށް އިތުރު ކޮށްފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.