އީސީގެ ނިޔަތް ގޯސް، ހޯދަން އުޅޭ މައުލޫމާތު ނުދޭނަން: އިދިކޮޅު

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކާ ބައްދަލު ކުރަން އުޅެނީ، ވެރިކަން ކުރާ ޕީޕީއެމުން ބޭނުންވާ މައުލޫމާތުތަކެއް ހޯދަން ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން އެ ބައްދަލުވުން ބޮއިކޮޓްކޮށްފި އެވެ.


ޕާޓީތައް ރެގިއުލޭޓް ކުރުމާއި ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޕާޓީތަކަށް މައުލޫމާތު ދޭން އީސީން ވަނީ ޕާޓީތަކަށް ދައުވަތު ފޮނުވައިފަ އެވެ. ޕާޓީތަކާ އެކު ވަކިވަކިން ބާއްވާ އެ ބައްދަލުވުންތައް ފަށާގޮތަށް އޮތީ މިއަދެވެ.

ނަމަވެސް، އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވާހަކަ ދެއްކެވި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު މިއަދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ މަސްލަހަތު އެކަނި ހިމާޔަތް ކުރާ މުއައްސަސާއެއް ކަމަށެވެ. އެ ކޮމިޝަނަށް ދާދި ފަހުން، މެމްބަރަކު އައްޔަން ކޮށްފައި ވަނީ ވެސް ގާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީސް ހުއްޓުވާލައި، ގަދަބާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމީރު އެ އިޝާރާތް ކުރެއްވީ، ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި އަހްމަދު ސުލައިމާން އިސްތިއުފާ ދެއްވުމުން، އެ ކޮމިޝަނަށް އަހްމަދު ޝަރީފް އައްޔަން ކުރެއްވި ވާހަކަ އެވެ. ޝަރީފަކީ، މިހާރު އިލެކްޝަން ކޮމިޝަންގެ ރައީސެވެ.

އެއާ އެކު ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އެ ކޮމިޝަން ގާނޫނާ ޚިލާފު ވެފައިވާ ކަމަށާއި އެ ހާލަތުގައި އޮތް ކޮމިޝަނަކުން ސިޔާސީ ޕާޓީތަކާ ވަކިވަކިން ބައްދަލުކުރަން އުޅޭ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށް ސަމީރު ވިދާޅުވި އެވެ.

"ފުރަތަމަ ދައުވަތު ފޮނުވީ ޕާޓީތަކާ އެއްކޮށް ބައްދަލުކުރަން. ފަހުން ވަކިވަކިން ބައްދަލު ކުރާ ގޮތަށް މި ނިންމީ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ބޭނުމަކީ ރައީސް ޔާމީންގެ މަސްލަހަތުތަކެއް ހިމާޔަތް ކޮށްދީ، ޕީޕީއެމުން ބޭނުންވާ މައުލޫމާތުތަކެއް ހޯދުން،" ސަމީރު ވިދާޅުވި އެވެ.

"އެހެންވެ އީސީން އެ ހޯދަން އުޅޭ މައުލޫމާތުތައް ދޭކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ. އެ ކޮމިޝަނުން ބޭނުން ވެގެން އުޅެނީ ގާނޫނު ލާޒިމްކުރާ މައުލޫމާތުތަކެއް ނޫން. ނުބައި މަގްސަދެއް އޮވެގެން ޕާޓީތަކާ ބައްދަލުކުރަން އުޅޭތީ އަޅުގަނޑުމެން ނުދާން ނިންމީ."

އިދިކޮޅު ޕާޓީގެ ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ސަމީރު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތަކަށް ޕާޓީތަކުން ނުދާން ނިންމި ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ސިޔާސީ ޕާޓީތަކުން، ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކަކީ، އީސީން ދިން ދައުވަތާ ގުޅިގެން ރަސްމީ ގޮތުން ދެއްކި ވާހަކަތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީން ކުރަނީ ޕާޓީތަކުން ބައްދަލުވުމަށް އަންނާނެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ޕާޓީތަކާ އެކު ވާހަކަ ދައްކާނީ ސިޔާސީ ޕާޓީތައް މޮނީޓަކޮށް، ރެގިއުލޭޓް ކުރުމުގެ އިތުރުން މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ވެސް ޕާޓީތަކަށް މައުލޫމާތު ދިނުމަށް ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭއިރު، އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އެކަމަކު އެ ތުހުމަތުތައް ދޮގުކޮށް، އެ ކޮމިޝަނުން ބުނެފައި ވަނީ އެ ކޮމިޝަނުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެކޭ އެއްގޮތަށް ރިޔާސީ އިންތިޚާބު ވެސް މިނިވަން ވާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން، ރާއްޖޭގައި ބާއްވާފައިވާ އެހެން އިންތިޚާބުތަކާ ޚިލާފަށް، މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ އާންމުން ވީހާ ވެސް ބޮޑަށް ބައިވެރި ކޮށްގެން، އުފާވެރި އިންތިޚާބެއްގެ ގޮތަށެވެ. އަދި އެއްވެސް ކަމެއްގައި ވަކި ޕާޓީއަކަށް ތަފާތުކުރުމެއް އެ ކޮމިޝަނުން ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.