ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކުރަން ރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުން ދޫކޮށް މެމްބަރުންތަކެއް ނިކުމެވަޑައިގަތުމުން ދޭހަކޮށްދެނީ ޕާޓީ އިސްލާހުކުރަން ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފައްޓަވާފައިވާ އިސްލާހީ މަސައްކަތާ ދެކޮޅު ބަޔަކު ޕާޓީގައި ތިބި ކަން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
މައުމޫން ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުން ދޫކޮށް ނިކުމެވަޑައިގަތީ ރައީސް ޔާމީން ފެކްޝަންގެ މެމްބަރުންނެވެ. އެ ބޭފުޅުންގެ މައްސަލައަކަށްވީ ޕާޓީން ވަކިކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އާމިނަތު ނާދިރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމެވެ.
ކައުންސިލް ބައްދަލުވުން ހިނގައިދިޔަ ގޮތުގެ ތަފްސީލް އާއްމުކުރަން ނެރުނު ބަޔާނުގައި ޕީޕީއެމުން ބުނީ ރޭގެ ބައްދަލުވުމުގައި ފުރުސަތު ހުޅުވާލީ ޕާޓީގެ އެތެރޭގެ މައްސަލަތަކާ މެދު ހިޔާލުފާޅުކުރަން ކަމަށެވެ. މައުމޫން ވާހަކަ ދައްކަވަމުން، ޕާޓީގެ ބައެއް ގުނަންތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވި ކަމަށް ބަޔާނުގައި ވިދާޅުވި އެވެ.
ޖަލްސާ އިން ނިކުންނަވަން މެމްބަރުން ދެއްކެވި އުޒުރަކީ ގަބޫލުކުރެވޭ އުޒުރެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ. ސަބަބު ދައްކަމުން ބުނެފައި ވަނީ ފާރިސް އާއި ނާދިރާ ވަކިކުރީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެ ދެ މެމްބަރުން ވަކިކުރި ސުލޫކީ ކޮމެޓީގެ ކޯރަމް ވެސް ހަމަނުވާ ބައްދަލުވުމަކުން ކަމަށް ބަޔާނުގައިވެ އެވެ.
ސުލޫކީ ކޮމެޓީގައި ތިބެން ޖެހެނީ ގަވާއިދުގައިވާ ގޮތުން ހަތް މެމްބަރުންނެވެ. އެކަމަކު ފާރިސް އާއި ނާދިރާ ވަކިކުރީ ތިން މެމްބަރުންގެ ކޮމެޓީއަކުން ކަމަށް ބަޔާނުގައިވެ އެވެ.
"އަދި ސުލޫކީ ކޮމެޓީގެ ޖަލްސާތަކެއް ބޭއްވި ކަމަށް ބުނާ ވާހަކަ ވެސް އެނގިފައި ވަނީ މީޑިއާ އިން، އެ ނިންމުންތަކުގެ އެއްވެސް ލިޔެކިޔުމެއް ޕާޓީ އޮފީހަށް މިއަދާ ހަމައަށް ވެސް ލިބިފައެއް ނުވެ އެވެ،" ޕީޕީއެމް ބަޔާނުގައިވެ އެވެ.
ޕީޕީއެމުން ބުނީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ނުބާއްވާ، އިސްލާހީ މަސައްކަތް ކުރިއަށް ގެންދަވަން ޕާޓީގެ ރައީސް ނިންމެވި ނިންމެވުމަކީ ވަރަށް ހިކުމަތްތެރި ނިންމެވުމެއް ކަން ރޭ ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
"ޕީޕީއެމްގެ ރައީސް ގަބޫލުކުރައްވަނީ ޕާޓީގެ އެތެރޭގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނެވޭނީ އިސްލާހީ އެޖެންޑާ އަށް ޕާޓީގެ އެންމެހާ މެމްބަރުންނާއި ގުނަވަންތަކުން ތާއީދުކުރައްވައި އެއްބާރުލުން ދެއްވާ ޕާޓީ ތެރޭގައި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ކަމަށެވެ،" ޕީޕީއެމް ބަޔާނުގައިވެ އެވެ.