ކިންގް ސަލްމާން މިސްކިތް ހިމާޔަތް ކުރުމަށް މާލޭ އިރުމަތީ ފަރާތުގައި ދިގު ތޮއްޓެއް ލަނީ

ސައޫދީ އަރަބިއްޔާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކުރަމުން އަންނަ "ކިންގް ސަލްމާން" މިސްކިތުގެ ހިމާޔަތަށް މާލޭ އިރުމަތީ ފަރާތުގައި ދިގު، އާ ތޮއްޓެއް ލުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.


ސަރުކާރުގެ ބަޖެޓުން 46 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތެވެ.

މި މަޝްރޫއުގައި، އާޓިފިޝަލް ބީޗް ސަރަހައްދުން ފެށިގެން ސިޓްރަން ރެސްޓޯރެންޓާ ހަމައަށް 430 މީޓަރު ދިގު ތޮއްޓެއް ލުމަށް ވަނީ ނިންމައިފަ އެވެ. ރާޅު އަރައިފި ނަމަ، އޮޓޮމެޓިކުން ފެން ހިއްކާ ސްޓޯމްވޯޓާ ޕަންޕިން ސިސްޓަމެއް ވެސް ކިންގް ސަލްމާން މިސްކިތް ސަރަހައްދުގައި ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގެ އުތުރުގައި ކިންގް ސަލްމާން މިސްކިތް އިމާރާތް ކުރަމުން އަންނައިރު، އެއީ މޫސުން ގޯސް ދުވަސްވަރު ވަރަށް ބޮޑަށް އުދަރައާ ސަރަހައްދެކެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އިރުމަތީ ފަރާތުގެ ތޮއްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ ސަރަހައްދު ހިމާޔަތް ކރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

"މިއީ އިރުމަތީ ސަރަހައްދަށް އަންނަ ހުރިހާ ތަރައްގީއަކަށް އަދި ތަރައްގީ ކުރެވޭ ހުރިހާ ތަނަކަށް. އަދި އެ ސަރަހައްދަށް އިންވެސްޓް ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު ވިދާޅުވީ "ބްރޭކް ވޯޓާ" ހެދުމަށް ނިންމާފައި ވަނީ މުޅިން ހެން ބޮޑު ހިލަ ބޭނުން ކޮށްގެން ކަމަށެވެ. އެ މަޝްރޫއު ނިންމަން 10 މަސް ދުވަސް ދީފައިވާއިރު އެ އަށް ވުރެ ކުރިން އެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.