ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: އެމްޑީޕީ
16 އެޕްރީލް 2018 - 15:09
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހައްގުތައް އިއާދަކޮށް، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ދޭން ޖެހޭ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.
މިގޮތަށް ނިންމީ، ނަޝީދުގެ މަދަނީ އަދި އިންސާނީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ އެ މަނިކުފާނުގެ ފަރާތްޕުޅުން އޭނާގެ ވަކީލުން، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީ އަށް ހުށަހެޅި މައްސަލައިގަ އެވެ. އެ މައްސަލައިގައި، ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހޯދައިދޭން ވެސް ވަކީލުން އެދިފައިވެ އެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ނަޝީދުގެ ވަކީލުން މައްސަލަ ހުށަހެޅީ، ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ މަނިކުފާނު މިނިވަންކުރަން ގޮވައިލި ގޮވައިލުމަށް ދިވެހި ސަރުކާރުން އަމަލު ނުކުރުމުންނެވެ. އެ ގްރޫޕުން ނިންމާފައި ވަނީ، ނަޝީދަށް ހުކުމް އިއްވާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި ވަގުތުން އެ މަނިކުފާނު މިނިވަންކުރަން ޖެހޭ ކަމަށެވެ. އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ ނިންމުން މި އައީ، ސަރުކާރުން އަމަލުނުކުރި މައްސަލަ އަށް ވެސް ރިއާޔަތްކުރުމަށް ފަހު އެވެ.
ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި ކަންކަމާއި ދިވެހި ސަރުކާރުގެ ޖަވާބުދާރީވުންތަކަށް ބަލައި ކޮމެޓީން ނިންމި ނިންމުމުގައި ބުނެފައި ވަނީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ސިޔާސީ މަގްސަދެއްގައި ކަމަށެވެ. އެ ދައުވާގެ ހުރިހާ އިޖުރާއަތުތަކެއް ވެސް ގެންގޮސްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކޮމެޓީ އަށް ފެންނަ ކަމަށް ވެސް ނިންމުމުގައިވެ އެވެ.
#Maldives must restore ex-President Mohamed Nasheed’s right to stand for office, including the office of President, the UN Human Rights Committee concluded in a finding made public today. Learn more: https://t.co/btlgzE66Lb pic.twitter.com/Lzp00l79Pq
— UN Human Rights (@UNHumanRights) April 16, 2018
އެ ނިންމުމުގައި ބުނީ، ގާނޫނުލް އުގޫބާތުގެ ދަށުން ނަޝީދުގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންގޮސް، ޓެރަރިޒަމްގެ ދައުވާ އުފުލީ ވެސް ސިޔާސީ މަގްސަދެއްގައި ކަމަށެވެ. ދައުވާ އުފުލި ގޮތާއި ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތަށް ބަލާއިރު، އިންސާފުވެރި ޝަރީއަތަކުން އެ މަނިކުފާނު މަހްރޫމްކޮށްފައިވާ ކަމަށާއި އެއީ، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ޚިލާފު ކަމެއް ކަމަށް ނިންމުމުގައިވެ އެވެ.
ބައެއް ގާނޫނުތަކަށް ބަދަލު ގެނެސް ނަޝީދަށް، އިންތިހާބުގައި ވާދަކުރެވޭނެ ގާނޫނީ ފުރުސަތުތައް ބަންދުކޮށްފައިވާ ކަމަށާއި އެއީ ވެސް ރާއްޖެ ބައިވެރިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
މި ނިންމުން ނިންމާފައި ވަނީ ރާއްޖޭން ސޮއިކޮށްފައިވާ މުއާހަދާތަކުގެ ދަށުން އުފައްދާފައިވާ، އަދި ރާއްޖޭން އެ އަަށް ތަބާވުމަށް ސޮއިކޮށްފައިވާ މުއާހަދާތަކުގެ ދަށުން ކަމަށް ވާއިރު މި ނިންމުން ބަލައިގަންނަންޖެހޭ ކަމަށާއި މި ނިންމުމާ ގުޅިގެން އަޅާ ފިޔަވަޅުތައް 180 ދުވަހުގެ ތެރޭގައި އެންގުމަށް ކޮމިޓީން އެދިފައިވެ އެވެ.
ނަޝީދަށް އުފުލި ދައުވާ އާއި ޝަރީއަތް އަދި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ގެއްލުވައިލީ ގާނޫނުތަކާއި އެންމެހާ ހަމަތަކާއި އުސޫލްތަކުގެ ބޭރުން ކަމަށް އެ ކޮމެޓީން ނިންމާފައިވިއަސް، ސަރުކާރުގެ ޖަވާބުދާރީވުމުގައި އެ ހުރިހާ ކަމެއް ވަނީ ދިފާއުކޮށްފަ އެވެ. ސަރުކާރުން ބުނީ ނަޝީދުގެ ޝަރީއަތް ހިންގީ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ވާހަކަތަކުގައި އަސްލެއް ނެތް ކަމަށެވެ.
ޖަލު ހުކުމުގައި ހުންނެވުމަށް ފަހު، ބޭސްފަރުވާ އަށް ނަޝީދު ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ގޮތަށް އެ މަނިކުފާނު ވަނީ އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިފަ އެވެ. ސިޔާސީ މަސައްކަތްޕުޅު އެ ގައުމާއި ސްރީ ލަންކާގައި ކުރައްވަމުން ގެންދަވާއިރު، ނަޝީދު ވިދާޅުވަމުން ގެންދަވަނީ އިންތިހާބުގެ ކުރިން އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.
އެކަމަކު ދިވެހި ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަނީ، އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތެއް ނަޝީދަށް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމް އިސްމާއީލް / މަންދު
17 April 2018
އިބްރާހީމް އިސްމާއީލް ވަރުގެ މީހަކު މަޖުލީހުގައި ނެތުމަކީ ރަށަކަށް ކިޔާނެ ނަމެއް ނެތި ދުވަސްތައް ގުނުންފަދަ ކަމެއް؟
ރިޔާޟް
17 April 2018
ފަލަސްތީނު ބިމުން އިޒްރޭލު ސިފައިންވެސް ފައިބަން ޖެހޭނެ... އެކަމަކު އެކަން އެބަ ވޭތަ؟؟ ތި މީހުންނަކަށް އެކަމެއް ބޮޑެއްނުވޭ...
ބަތަލް.
17 April 2018
ބުނަންތަ ރަގަޅު ވާހަކައެއް! ނަޝީދަކަށް މިރާއްޖޭގެ ވެރިކަން ކުރުމުގެ އެއްވެސް ފުރުސަތެއް ދެނެއްނެއް. ސަބަބަކީ ފުރުސަތު ދިނީމާ ހެޔޮގޮތުގައި ބޭނުންކުރަން ނޭގުން. މިއީހަގީގަތް. ވަރަށްސަލާމް.
ޙުސެން
17 April 2018
ފުރުސަތާ އާރާބާރާއެކު ރައީސްކަމަށް އައިސް ހަޑިހާވަނީ ކާކު. ޢަރައިނުގަންނަ މުއައްސަސާއެއްނެތް.
އަހުމަދު އިބްރާހިމް
17 April 2018
އިންތިހާބުގައި ބައިވެރި ވެވޭނެ ކަމަށް ކިޔައިގެން މިގޮލާ ހައްދާލައިގެން ރާއްޖެ ގެނެސް ގޮޅި އަށް ލާންވީ....
އަހްމަދު
17 April 2018
އިބްރާ މަޖްލީހުގަ އިންނަންޖެހޭ!
ހޮޓްކިންގ
17 April 2018
ކުރެވެން ޖެހޭނެ ކަންކަމާއި ކުރެވެން ނުޖެހޭނެ ކަންކަން އދ. އަށް ބުނެއެއް ނުދެވޭނެ. އިންސާފެއް ނެތް ތަނެއް އެއީ. އިޒްރޭލުން ފަލަސްތީނު މީހުން މަރާއިރު ލޯމަރައިގެން ތިބެނީ. އެކަމަކު ޢަރަބި ގައުމަށް ހަމަލާ ދޭން ވެއްޖެނަމަ އެކަން ކުރަން އޯކޭ. އެވަރުގެ ލާއިންސާނީ. ނާއިންސާފު ޖަމާޢަތެއް އެއީ. މިގައުމުގެ ޤާނޫނު އަސާސީން ހުއްދަ ނުކުރާކަމެއް ކުރަން ބުންޏަސް ކުރަންވެސް ނުޖެހޭނެ.
ޙަސަނ
17 April 2018
ތިޔަތަނަކީ ހަމައެއް އޮތްތަނެއްނޫން.
ގަމާރު
17 April 2018
ހުމާމަށްވެސް ޖެހޭނެ
ޗަކަބެ
17 April 2018
ޔާމިނުގެ ވޯޓު ވެސް ނަޝީދަށް
އަތްފުނާ
16 April 2018
ނަށީދު މި ރާއްޖޭގައި ވެރިކަން ކުރެވޭވަރަށް އެހެރީ ކުރެވިފައި !.މިކަހަލަ މީހުން ގަނޑުވަރުގެ އެތެރޭގައި ކުރަފި އުޅެނިއްޔޭ ކިޔާފައި އިސްތިއުފާވެސް ދީފާނެ.އދ އިން ހުރިހާކަމަކަށް ނުބެހިބަލަ.
ޢަލީބެ
17 April 2018
ރައްޔިތުން އަދިވެސް ނަޝީދަށް ވެރިކަންދޭން ތިބިއްޔާ މަށާކަލެއާ މޭބޮޑުވާކަށް ނުޖެހޭ.