ނަޝީދުގެ މައްސަލާގައި އދ. އިން ނިންމި ގޮތް ބަލައެއް ނުގަނެވޭނެ: ސަރުކާާރު

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދޭންޖެހޭނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ނިންމި ނިންމުމަކީ ސަރުކާރުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށާއި ނިންމުން ބަލައިނުގަންނާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.


ނަޝީދުގެ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުން އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅި މައްސަލާގައި އެ ކޮމެޓީން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ދޭންޖެހޭ ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން އަޅާ ފިޔަވަޅުތައް 180 ދުވަހުގެ ތެރޭގައި އަންގަން އެ ކޮމެޓީން ސަރުކާރަށް އަންގާފައިވެ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލުތައް ސަރުކާރުން އެ ކޮމެޓީއަށް ދީފައިވިޔަސް، އެ ހުށަހެޅުންތަކާ މެދު އެ ކޮމެޓީން އެކަށީގެންވާ މިންވަރަށް ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ. ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާތީ އެއީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ސަރުކާރުން ހުށަހެޅި ޖަވާބަށް އެކަށީގެންވާ ގޮތެއްގައި އެ ކޮމެޓީން ރިއާޔަތް ކޮށްފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީ މިހާރު އޮތްގޮތުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތު ނަޝީދަށް ނެތް ކަން ފާހަގަކޮށް، އެ ބަޔާނުގައި ބުނީ ރައީސް ކަމަށް ކުރިމަތިލާ ބޭފުޅަކު މަގާމަށް ޝަރުތު ހަމަވާ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

"އެހެންކަމުން އިންތިޚާބުގައި ވާދަކުރަން ނަޝީދު ޝަރުތު ހަމަވާ ކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން، އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީއަކުން ނޫން،" އެ ބަޔާނުގައިވެ އެވެ.

ފަނޑިޔާރަކު ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކަމަށް ނަޝީދު އެތައް ފަހަރެއްގެ މަތިން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށާއި އެ މައްސަލާގައި ނަޝީދު މައްޗަށް ދައުވާކުރީ އެމަނިކުފާނު އަމިއްލަފުޅަށް ނޮމިނޭޓް ކުރެއްވި ޕްރޮސެކިއުޓާ ޖެނެރަލެއް ކަމަށް ވެސް ސަރުކާާރުން ބުންޏެވެ. އަދި 2013 ގައި ނަޝީދު އިންތިޚާބަށް ކުރިމަތިލެއްވިއިރު ވެސް އެ މައްސަލަ ޝަރުއީ މަރުހަލާގައި ހިނގަމުންދިޔަ ކަމަށް ބުނެފައިވެ އެވެ.

އެ ބަޔާނުގައި، އަންނަ ރިޔާސީ އިންތިޚާބު މިނިވަންކަމާ އެކު ބޭއްވުމަށް ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމުގެ ޔަގީންކަން ސަރުކާރުން ބަނީ ދީފަ އެވެ. އަދި އިންތިޚާބުގެ ކަންކަން ގާނޫނު އަސާސީ އާއި ގާނޫނުުތަކާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު ސަރުކާރަށް އެބައޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ ނިންމުމަށް ސަރުކާރުން ފާޑު ކިޔާފައިވާއިރު ނަޝީދު ވަގުތުން ދޫކޮށްލަންޖެހޭ ކަމަށް އދ. ގެ ވޯކިން ގްރޫޕުން ނިންމި ނިންމުން ބަލައިގަތުމަށް ވެސް ސަރުކާރުން ކުރިން އޮތީ ދެކޮޅު ހަދައިފަ އެވެ. ނަޝީދުގެ އިތުރުން އެހެން ބައެއް ސިޔާސީ ބޭފުޅުން ދޫކޮށްލަން ޖެހޭ ކަމަށް ވޯކިން ގްރޫޕުން ނިންމި ނިންމުން ވެސް ސަރުކާރުން ބަލައެއް ނުގަނެ އެވެ.