ވެރިކަމަށް އަންނާނީ ކޮން ބައެއްތޯ ފުލުހުން ވިސްނާކަށް ނުޖެހޭ: ރައީސް ޔާމީން

ފުލުހުންނަކީ އަބަދު ސިޔާސީ މީހުންނަށް ތަބާވާންޖެހޭ ބައެއް ނޫން ކަމަށާއި ވެރިކަމަށް ދެން އަންނާނީ ކޮން ބައެއްތޯ ފުލުހުން ވިސްނަން ނުޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


ފުލުހުންގެ މުއައްސަސާ އަށް 85 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް ދެން އަންނާނީ ކޮން ބައެއްތޯ ވިސްނުމުގެ ބަދަލުގައި ފުލުހުން ވިސްނަން ޖެހޭނީ އެއިރަކު އޮންނަ ގާނޫނީ ސަރުކާރެއް ދަމަހައްޓަން ކަމަށެވެ.

"ފުލުހުން މެދުވެރިކޮށް އެކިއެކި ސިޔާސީ ބޭފުޅުން ކުރަން މި އުޅޭ ކަންކަމަކީ ޖާގަ ދެވިގެންވާނެ ކަންކަމެއް ނޫން. ފުލުހުންގެ މުއައްސަސާއަކީ މި ދެންނެވި އުސޫލުތަކުގެ މައްޗަށް ބިނާވެފައި އޮންނަ މުއައްސަސާއަކަށް ވާންޖެހޭ. ފުލުހުންގެ މުއައްސަސާގައި އިސްކޮށް ތިއްބެވި ބޭފުޅުން ގަބޫލު ކުރަން އެބަޖެހޭ ދައުލަތް ހިންގުމުގެ އެންމެ އިސް ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާކަން، ދައުލަތް ހިންގުމުގެ އެންމެ އިސް ވެރިއަކީ ޖުޑީޝިއަރީއެއް ނޫން. އަދި ދައުލަތް ހިންގުމުގެ އެންމެ އިސް ވެރިއަކީ އިދިކޮޅު ޕާޓީތަކުގައި ތިބި ލީޑަރުންނެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތަކީ މަތިވެރި އަމާނާތެއް ކަމަށް ވިދާޅުވެ، ހަމައެކަނި "މޮޓޯއަކުން ލޯގޯއަކުން ފުއްދާލެވޭކަށް ނެތް" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އަމަލީ ގޮތުން އެ ކަން ދައްކައިދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މުޅި ފުލުހުންގެ މުއައްސަސާ އަށް އަންނަ ބަދުނާމު އަންނަނީ މަދު ފުލުހުންތަކެއް ހިންގާ ގާނޫނާ ހިލާފު ނޭދެވޭ ކަމެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.

ފުލުހުންނަކީ ރައްޔިތުންގެ މުދަލާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރާ ފަރާތް ކަމަށްވާ އިރު ފުލުހުންގެ ހިދުމަތަށް ޝުކުރުވެރިވި ނަމަވެސް ދާދި އަވަހަށް އެކަން ހަނދާންނެތޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް ފުލުހުންގެ މުއައްސަސާ އިން ކުޑަކުޑަ ކުށެއް ކުރެވިއްޖެ ނަމަ އެއީ ޖެހޭ ލައްގަނޑަކަށް ވެގެންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކޮންމެ ފަހަރަކު ތައުރީފް އަދާކުރާ ހިދުމަތެއް ކަމަށް ދެކުން ހުއްޓާލަން ވެއްޖެ. އަޅުގަނޑުމެންނަކީ އެ އަށް ވުރެ ވަރުގަދަ މަސްއޫލިއްޔަތެއް، ވާޖިބެއް، އަދި އޭގެ މުގާބިލުގައި ތައުރީފް ހައްގު ނުވި ނަމަވެސް އަދާކުރަން މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބައެއްކަން އަޅުގަނޑުމެންގެ ހިޔާލަށް ގެންނަން ޖެހެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން ފުލުހުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލުމަށް ދޭ ހަމަލާތަކަކީ ފުލުހުންނަށް އެކަނި ދެވޭ ހަމަލާތަކެއް ނޫން ކަމަށާއި އެއީ ގާނޫނުގެ ބާރު ކަނޑުވާލަން ދޭ ހަމަލާތަކެއް ކަމަށެވެ.

މީގެ 14 އަހަރު ކުރިން 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފައްދާފައިވާ އިރު ރައީސް ޔާމީން ވިދާޅުވީ އެ ކަން ވެގެން ދިޔައީ ގަޑުބަޑުތަކެއްގެ ސަބަބުންކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ. އޭރު އެކަން ހިނގަމުން ދިޔައީ ޑިމޮކްރަސީގެ ނަމުގައި އެ ނިޒާމުގެ މަފްހޫމްތައް އޮޅުވާލައިގެން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މިނިވަން ބަހުސްގެ ނަމުގައި ތަފާތު އެކި ޝުއޫރުތައް ރާއްޖޭގެ އެކި ފެންވަރުގެ މީހުންނަށް. އޭގެ ތެރޭގައި ހިދުމަތް ދޭން ތިބި މަތީ ފަންތީގެ ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށްގެން އަދި ސަރުކާރުގެ މުއައްސަސާތަކުގައި އެންމެ އިސް ފަންތީގައި ތިއްބެވި ބޭފުޅުންގެ އަބުރަށް އަރައިގަތުމަށް އީދެއް ގެނެސްގެން ކުރެވުނު މަސައްކަތްތަކެއް،"

ދަރުބާރުގޭގައި މިރޭ ބޭއްވި މި ޖަލްސާގައި، ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަހު ވަޒީފާ އަދާކުރެއްވި ފުލުހުންގެ ހިދުމަތުގެ އަގު ވަޒަން ކޮށް ހަނދާނީ ލިޔުން ދިނެވެ. އަދި ފުލުހުންގެ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިން އެހެން ފަރާތްތަކަށް ވެސް އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދިނެވެ.