ފުވައްމުލަކަށް އާދަޔާ ހިލާފަށް އުދަ އަރައި މީހުންގެ މުދަލަށް ގެއްލުންވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ފުވައްމުލަކު މޭޔަރު އަބްދުﷲ ފަލާހް ޝަރީފް ވިދާޅުވީ މިއަދު ފަތިހުން ފެށިގެން އުދައަރަމުން ދާ ކަމަށެވެ. އެންމެ ބޮޑަށް އުދައަރާފައިވަނީ މިއަދު ހަވީރު 4:15 ކަންހާއިރު ކަމަށާއި އޭރު 15 ފޫޓުގެ އުސް ރާޅު އަރާފައިވާ ކަމަށް ފަލާފް ވިދާޅުވި އެވެ. މިހާރު ވަނީ އުދައެރުން މެދުކެނޑިފަ އެވެ.
އުދައަރާފައި ވަނީ ނައިބު ތުއްތު މަގުން، ފަޔާ ސްޓޭޝަނާއި ކްރިކެޓް ދަނޑާ ދެމެދަށް ކަމަށް ފަލާހް ވިދާޅުވި އެވެ.
އުދައެރި ހިސާބުތަކުގައި ފޫޓެއްހާ އުސްމިނަށް ވަނީ ލޮނުގަނޑު ބޮޑުވެފަ އެވެ. ރާޅާއެކު މަގުތަކަށް ކުނި ޖަމާވެ ދުއްވާ އުޅުމަށާއި ހިންގާ ބިނގާވެ އުޅުމަށް ވަނީ ދަތިވެފަ އެވެ. ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ތެރޭގައި ވެސް ވަނީ ފެންގަނޑު ބޮޑުވެފަ އެވެ.
ފަލާހް ވިދާޅުވީ ގެއަކަށް ލޮނުގެ އަސަރު ނުކުރާ ކަމަށާއި އެހެން ނަމަވެސް ބައެއް ވެހިކަލްތަކަށާއި ލުއިކާނާ ވިއްކާ ގާޑިޔާތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. ގެއްލުންތަކުގެ ތަފްސީލް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ފުވައްމުލަކަކީ ވެލިގަނޑު އުސް ރަށަކަށްވާއިރު މިއީ ވޭތުވެދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި އެ ރަށަށް އެހާ ގަދަޔަށް އުދައެރި ފުރަތަމަ ފަހަރު ކަމަށެވެ.
ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކަށް އަންނަނީ އުދަ އަރަމުންނެވެ. މިއަދާއި މާދަމާ ވެސް ދިޔަވަރު ބޮޑުވާ ވަގުތު އުދައެރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އެބައޮތް ކަމަށް މެޓުން ބުނެ އެވެ. އުތުރުގެ އަތޮޅުތަކަށް މިރޭ ދޭއް ޖަހާކަންހާއިރު ދިޔަވަރު ބޮޑުވާއިރު މެދު ރާއްޖެތެރެ އަށް ދިޔަވަރު ބޮޑުވާނީ ހަތަރެއް ޖަހާކަންހާއިރެވެ. ދެކުނަށް ދިޔަވަރު ބޮޑުވާނީ ފަހެއް ޖަހާ ކަންހާއިރު އެވެ.
މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިއަދާއި މާދަމާ ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.