ގެއްލިގެން ހޯދާ ކުއްޖެއްގެ ޓީޝާޓެއް ފެނިއްޖެ

އައްޑޫ ހިތަދޫގައި އިއްޔެ މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ ދެ ކުދިންގެ ތެރެއިން ކުއްޖެއްގެ ޓީޝާޓް ކަމަށް ބެލެވޭ އެއްޗެއް މިއަދު ފެނިއްޖެ އެވެ.


ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އާ ދިމާލު ފުއްޓަރު ފަރާތު މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 14 އަހަރުގެ ދެ ކުދިން ކަމަށްވާ ހިތަދޫ ޓޮޕާޒް މަޔާމީން އަލީ އާއި ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ އެވެ.

އެ ދެ ކުދިންނާ އެކު އެ ރަށު ބްލޫގޭ ރާއިފް އަލީ ވެސް މޫދަށް އެރުނެވެ. އެކަމަކު ރާޅަކާ އެކު ދަމައިގަތުމުން، އަތިރިމަތީގައި ހުރި މީހަކަށް ރާއިފް ސަލާމަތް ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، ބިޔަ ރާޅުތަކުގެ ތެރެއަށް މަޔާމީން އާއި އަލީ ދިއުމުން ސަލާމަތެއް ނުކުރެވުނެވެ.

ގެއްލިގެން ހޯދާ މަޔާމީން.

މަޔާމީން އާއި ފަހުމީ ހޯދަމުން ދަނިކޮށް، އެ ދެ ކުދިންގެ ތެރެއިން ކުއްޖެއްގެ ޓީޝާޓު ކަމަށް ބެލެވޭ އެއްޗެއް ސާޗިން ޓީމެއް ފެނުނު ނަމަވެސް، މިކަމާ ބެހޭ ގޮތުން ސިފައިންނާއި ފުލުހުން އަދި އިތުރު އެއްވެސް މައުލޫމާތެއް ނުދެ އެވެ. އެ ކުދިން މޫދަށް އެރުނީ ފުޓުބޯޅަ ފްރެކްޓިހަކަށް ފަހު، އިއްޔެ ހެނދުނު ގާތްގަނޑަކަށް 11:30 ހާއިރުގަ އެވެ.

ގެއްލިގެން ހޯދާ އަލީ.

ދެ ކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީފާއި ފުލުހުންނާއި ގަމުގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރާއި އާންމުންގެ ތެރެއިން ބަޔަކު އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.