ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް: އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ފައިސާތަކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައި އަދީބާ ވަނީ ސުވާލުކޮށްފައި.--ފޮޓޯ:ރައީސް އޮފީސް
21 ޖުލައި 2016 - 14:47
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ގިނަ އަދަދެއްގެ ފައިސާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން އަދީބާ ސުވާލުކުރީ ތަހުގީގު ޓީމުން މާފުށީ ޖަލަށް ގޮހެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރަށްތައް ދޫކުރި ގޮތުގެ އިތުރުން ވެސް އެ މައްސަލާގައި ފާހަގަވާ އެކި ކަންކަން އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ސުވާލުކުރަން ޖެހޭ ހުރިހާ ފަރާތްތަކާ ސުވާލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީގެ ތަހުގީގު ޓީމުން މިދިޔަ އެޕްރީލް މަހު ވަނީ ރައީސް ޔާމީނާ ވެސް ސުވާލުކޮށްފަ އެވެ. ރައީސް ޔާމީނާ އޭސީސީން ސުވާލުކުރީ އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައިގައި ކަން އެނގިފައިވެ އެވެ.
އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް އެސްއޯއެފް އިން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ޗެކްތަކެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖުމްލަ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ޗެކްތަކެއްގެ ކޮޕީ ވެސް ހިމެނެ އެވެ. އެސްއެއޯފް އަކީ އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އޮޅުވާލައިގެން ނަގާފައިވާ ކުންފުންޏެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ބިން އަދި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް އޮފީހުގެ ތަހުގީގަށް ފަހު އާއްމުކުރި ރިޕޯޓުގައިވެ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ، އޭރުގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށްވެ އެވެ.
އެ ކުންފުންޏަށް ލިބުނު ފައިސާ ރައީސް ޔާމީންގެ ދެ ކަނބަލުންނާއި ސަރުކާރު ހިންގާ ޕީޕީއެމަށް ފޯރުކޮށްދީފައިވާނެ ކަމަށް އެސްއޯއެފުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކި ހަފުލާތަކުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ ސަރުކާރުގެ ކޮރަޕްޝަން އަދީބާ ހަމައިން ނިމިފައިވާ ކަމަށެވެ. އެ ހިޔާނާތުގައި ސަރުކާރުގެ އިތުރު ބޭފުޅަކު ބައިވެރިނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެ އެވެ. އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެންނާއި ފިސްތޯލެއް ގެންގުޅުއްވި މައްސަލާގައި އަދީބަށް ވަނީ ހުކުމް އިއްވައިފަ އެވެ. ވަކިވަކި ތިން މައްސަލައެއްގައި އަދީބަށް ޖުމްލަ 33 އަހަރުގެ ހުކުމް ވަނީ އިއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު
11 October 2016
ޖަމާކުރިކަމަށްބުނެ ތަފްސީލުދީފިނަމަ، ޢަދީބު ބައިބައި! ޢަދީބު ޖަމާކުރިކަމަށްބުނެ، ބޭންކުތަކަށް ޖަމާވީގޮތުގެ ތަފްސީލާއި ހެއްކާއިހަމައަށްދާން ކޮމިޝަނުން މަސައްކަތްކޮށްފިނަމަ، މެންބަރުންނަށް ބައިބައި! ޖަމާކުރިކަމަށް ޢަދީބު ނުބުނާނަމަ، ހުވަފެނީ ލުޔެއް! ކޮމިޝަނުން ބާފޮތިނަމަވެސް އަޅައިފިނަމަ، ހުވަފެނީ ވަޒީފާގެދެމިއޮތުމެއް!
މޮޔަސޮރު
25 August 2016
ރައީސް ޔާމީނަކާ ސުވާލެއް ނުކުރޭތަ އަދީބަށް އާދަޔާ ޚިލާފު ބާރުތަކެއް ދެއްވައިގެން އުޅުއްވީ ކީއްކުރައްވަންތޯ. ޢަދީބާއި ސަރުކާރުގެ އެތެރޭގެ ޚިޔާނާތާއި ބެހޭ ރިޕޯޓެއް ނެރުމާއި އެކު އޮޑިޓަރޖެނެރަލް މަގާމުންވަކިކޮށް އަދީބަށް އިތުރު ބާރުދެއްވީ ކޮން ކަމެއް ހާސިލްކުރައްވަންތޯ. މުޅިރަށުތެރޭގަ ދިޔައީ މާކުރިންވެސް ތިޔަބުނާ ޚިޔާނާތުގެ ވާހަކަ ދައްކަމުން. އަދީބުގެ ކޮންމެވެސް މައްސަލައެއް ބަލަންފެށީމަނޯންތޯ އުމަރު ނަސީރުގެ ވަޒީރުކަމުގެ ބާރު ހަނިކުރީ؟ އޭގެފަހުން ނޫންތޯ ނައިބުކަންވެސް ދެއްވީ. އަދި ރަށުތެރޭގަ ކިޔާއަޑު އެބައިވޭ މެމްބަރުން ކައިރީގަ މުލިޔާގޭގަ ބައްދަލުކޮށްފަ ބުންޏޯ އަދީބުދެނީ ތިމަނަގެ ފާއިސާޔޯ. ބޯހަލާކު
އުމަރު
22 July 2016
އެފައިސާކޮބާ؟ އަނބުރާ މީރާއާއި ހަވާލުކޮށްފިތަ؟ އަދިވެސް ޖަމާކުރި މީހަކުތޯ ބަލަނީ؟
ހަމައިދި
22 July 2016
މޮލްޓަައަށް ގެންދިޔަ ލާރިގަޑު ކޮބާހޭ
މާމަކުނު
22 July 2016
ޢޭސީސީގެ މެންބަރުންގެ މަގާމު ގެއްލޭކަށް މާގިނަ ދުޗަހެއް ނެތް. އިތުބާރު ނެތްކަމުގެ ވޯޓެއް ތައްޔާރުވުން ގާތް. ފޮށިތަންމަތި ބަނދޭ.
ޒިންދަގީ
22 July 2016
ދެންވެސް އެއްކަލަ ކުދިންކޮޅު ބުނާނެ "ޝުކުރިއްޔާ ޔާމީނޭ"... ބޯހަލާކު
އިހުމާލް
22 July 2016
ތިޔަސުވާލު ކުރަން އެއޮމެރަނގަޅީ ތިޔަފައިސާ ޗާޕުކުރިފަރާތާއި، އެނުކުރިނަމަ ތިޔަފައިސާ އެެއް ތިޔަވިދާޅުވާ މީހެއްގެ އެކައުންޓަކަށް ނުދިޔައީސް، އަޅެ ފަހެ މީހަކު ހައިރާނެއް ނުވާނެތަ، އެމީހެއްގެ އަމިއްލަ އެކައުންޓުގެ ހުރިފައިސާގެ ޛިއްމާ ނަންގަވަން ޖެހޭނީ ޙުދު ޔާމީން ނޫންތޯ؟؟؟؟؟؟
މަގޭގައުމު
22 July 2016
މިއީ ދެންބުނާނެ ސައުދީ ޕްރިންސެއް ފައިސާ ގިނަވެގެން ދިން އެއްޗެއްކަމަށް އެއީ މެލޭސިޔާގެ ހުންނެވި ރައިސްވެސް ބުނީ އެހެންވިއްޔާ
ހިރިގާ
22 July 2016
ޔާމީނުގެ ޕާސަނަލް އެކައުންޓު ހޯދައި މިހަކު އެޔަށް ހިތުރުހުމުން އެއްމިލިއަން ޑޮލަރ އެޅީޔޯ! ހާދަ ހިނދީ ފިލްމީ ސްޓޯރީ އެކޭ ދޯ؟
ކޮޕީން ސިންގަޕޫރު..
22 July 2016
އަދިވެސް އަދީބާތަ ދުވާލުކުރަނީ... ޔާމީނަކީނު އެމްއެމްޕީއާރސީ ގެ ރައީސް... އަނެއްކާ ރައްޔިތުން ވެރިކަން ހަވާލުކުރީ ޔާމީން އާއި ޖަމީލުއަށް... ޖަމީލު ބުރުވާލާފަ ޔާމީންއަށް ނުވިނަމަ އިސްތިއުފާދީފަ ގެއަށް ދިޔަނަމަ..... ރައްޔިތުންނަށް ހެޔޮއެދޭ ބޭންކުގެ މުއައްޒަފެއް އެ ލިޔެކިޔުންތަށް ލީކް ކޮށްލީމަމުކު މިކުށްވެރިވީ އެ ޕުއަރ މުއައްޒަފު... ޔާމީނު އެކަމުގަ ބައިވެރިނުވާނަމަ ކީއްވެ ޑޮލަރު ފުނިލިބުނީމަ އެއީ ތިމަންމަނިކުފާނުގެ އެއްޗެއްނޫނޭ... ބޭންކަށާއި ރައްޔިތުންނަށް ނާންގާއޮތީމަ ޔާމީން ކުށްވެރުވާނެ... ސިންގަޕޫރުގަވެސް އެމީހެއްގެ އެކައުންޓްއަށް އޮޅިގެން ޖަމާކުރެވިފަ ހުއްޓާ އެކައުންޓްގެ ވެރިފަރާތުން އެފައިސާ ބޭނުންކުރިކަން އެނގުމުން އެމީހަކު ހައްޔަރުކުރި... މިއީ މިއަހަރު ސިންގަޕޫރުގަ ހިނގި ކަމެއް... ވީމާ، އަޅުގަނޑު ފުލުހުންނަށް ގޮވާލަން ހިޔާނާތުގެ ކުށުގައި ޔާމީން ހައްޔަރުކުރަން... ކުށެއްކޮށްފިއްޔާ ޔާމީނެއްކަމަކު ވެރިކަމުގަ ހުއްޓައެއްކަމަކު ހައްޔަރުކުރެވެންވާނެ...އެނގިދާނެ ޖުޑީޝަރީގެ ވަރެއް...