މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރި އެންމެ ބޮޑު ހުރަހަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން އއ. ރަސްދޫގައި ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ރައީސް ޔާމީން ކަމަށާއި އެހެންވެ އޭގެ ކުރިން އެ މަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓަކު ފެންނާނެ ކަމަށާއި އެއީ އިދިކޮޅު ހަތަރު ޕާޓީގެ ސިންގަލް ކެންޑިޑޭޓަށް ވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"އިންތިޚާބުގެ ކުރިން ވެސް އެ ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ. އެކަން ކުރަން ޖެހޭ ގޮތް ގާނޫނުއަސާސީގައި އެބައޮތް. ރައްޔިތުން ބޭނުންވީމާ އަޅުގަނޑުމެން ޖެހޭނީ އެކަން ކުރެވޭތޯ ބަލަން،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާއިރު، އިބޫ ވިދާޅުވި ގޮތުގައި، އެމަނިކުފާނަކީ ކޮން ބޭފުޅެއްތޯ ފުންކޮށް ވިސްނައި ބަލަން ޖެހެ އެވެ. އަދި ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓެއް ރައީސް ޔާމީނަށް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"2013 ވަނަ އަހަރު ވެސް ރައްޔިތުން އިންތިޚާބު ކުރީ ރައީސް ޔާމީނެއް ނޫން. ގުޅިފައި އޮތް ކޯލިޝަނެއް އިންތިޚާބު ކުރީ. ނަމަވެސް މިއަދު އެ ވެރިކަމެއް ވެސް ނުފެނޭ. އޭރު ލިބުނީ 25 ޕަސެންޓް. އެކަމަކު މިއަދު މި ދާއިރާ އިން އެކަނި ވެސް 25 ޕަސެންޓް ނުލިބޭނެކަން ކަށަވަރު،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓްގައި ރަށްރަށުގެ ތަރައްގީ އަށް ހޭދަކުރާނެ އެއްވެސް ފައިސާއެއް ނެތެވެ. ނަމަވެސް ރައީސް ޔާމީން އައްޔަން ކުރައްވާ ސިޔާސީ މަގާމުތަކުގައި ތިއްބެވި 700 އެއްހާ މީހުންނަށް މަހަކު ހަތަރު މިލިއަނެއްހާ ރުފިޔާ މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ ކަމަށް އިބޫ ވިދާޅުވި އެވެ.
އަނިޔާވެރިކަމާ އެކު އެތައް ޒުވާނަކު މަރާލާފައިވާކަން ފާހަގަކުރަމުން، އިބޫ ވަނީ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ގާތިލުން އަދި ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުވައިލި މީހުން ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ.
"ޝަރުއީ ދާއިރާގެ އިތުބާރު ދުވަހަކު ވެސް ނުގެއްލޭ މިންވަރަށް މި ވަނީ ގެއްލިފައި. ރައީސް ޔާމީން ކުރިން ވިދާޅުވީ ތިމަން މަނިކުފާނު ކޯޓުތަކުން ކުރާ ހުކުމްތަކަށް ތަބާވާނަމޭ. ނަމަވެސް ފެބްރުއަރީ 1 ގެ ފަހުން އެކަން ވެސް މިވަނީ ބަދަލުވެފައި. އޭގެ ބަދަލުގައި އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ ކުރަމުން ދަނީ،" އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމާއި އިދިކޮޅު މެމްބަރުންނަށް ދައުވާކުރާ މައްސަލަތަކާ ބެހޭ ގޮތުން އިބޫ ވިދާޅުވީ މަޖިލީހުގައި 60،000 އަށް ވުރެ ގިނަ ރައްޔިތުން މިހާރު ތަމްސީލެއް ނުކުރެވޭ ކަމަށެވެ. އަދި އިދިކޮޅު 14 މެމްބަރެއްގެ މައްޗަށް އެކި ދައުވާ އުފުލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން [މަޖިލީހުގައި] ތަމްސީލް ކުރެވޭކަށް ނެތް. މަޖިލީހަކީ މިވަގުތު ފަންކްޝަން ކުރާ ތަނެއް ނޫން،" އިބޫ ވިދާޅުވި އެވެ.