އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
15 މެއި 2018 - 16:39
އެސެޓް ރިކަވަރީ ކޮމިޝަނުން ސިޔާސީ ވަކި ބައެއްގެ ފަހަތުން ނުދުވާ ކަމަށާއި އެ ކޮމިޝަނުގެ މަސައްކަތަކީ ދައުލަތަށް ގެއްލިފައިވާ 29 ބިލިއަން ރުފިޔާ ހޯދުން ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން މިއަދު ވިދާޅުވެއްޖެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަޒްލީން ވިދާޅުވީ ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް، ޖުލައި، 20، 2017 ގައި އެއް އަހަރު ދުވަހަށް އުފެއްދި ކޮމިޝަނުގެ މުއްދަތު އިތުރުކުރަން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ. އަންނަ ޖުލައި މަހަށް މުއްދަތު ހަމަވާ ކޮމިޝަނުގެ މަސައްކަތް ނޮވެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކޮމިޝަނުން މިހާތަނަށް ބެލިބެލުމުން، މިނިސްޓަރު ވިދާޅުވި ގޮތުގައި، ދައުލަތަށް އެކި ފަރާތްތަކުން 29 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އޭގެތެރެއިން ކޮމިޝަނުން މިހާތަނަށް ބަލާ ނިންމާފައި ވަނީ ތިން ބިލިއަން ރުފިޔާގެ މައްސަލަ ކަމަށާއި 25 ބިިލިއަން ރުފިޔާގެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެދުވެރިކޮށް ކުރަމުން އަންނަ މަސައްކަތުގައި، ތަހުގީގު ނިމުނު ބައެއް މައްސަލަތައް ޕްރޮސިކިއުޓަ ޖެނެރަލް އާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
"މި ކޮމިޝަނުން ކުރި މަސައްކަތުން ބައެއް ފައިސާތައް ވަނީ ލިބިފައި، އަދި ބައެއް ފައިސާ ވަނީ ދެއްކުމުގެ މަރުހަލާގައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ކުރީ ސަރުކާރުތަކުގައި އިސް މަގާމްތަކެއް ފުރުއްވި ބޭފުޅުންނަށް ނިސްބަތްވާ މައްސަލަތައް ހިމެނެ އެވެ.
އެގޮތުން، މީގެ 27 އަހަރު ކުރިން ސަރުކާރުގެ މަސް ކުންފުނި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ކޮރަޕްޝަނުގެ މައްސަލަ އާއި 1999 ގައި އެއާ މޯލްޑިވްސް ބަނގުރޫޓުވި މައްސަލަ، އެސެޓްސް ރިކަވަރީ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
އެ ކޮމިޝަނުން ބުނެފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި 1990 ގައި ފަޅާއެރި އަދި އޭރު ތަހުގީގުކުރި އެފްޕީއައިޑީގެ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީ އާއި އޮޑިޓާ ޖެނެރަލް ގުޅިގެން ބަލައި، ގެއްލިފައިވާ ފައިސާއެއް ނަމަ ދައުލަތަށް ހޯދާނެ ކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ ބައެއް މެމްބަރުންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ބަލަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ވުރެ ބޮޑަށް، ކޮމިޝަނުގެ ބޭނުމަކީ ސިޔާސީ މަގްސަދެއް ހާސިލްކުރަން ވަކި ބައެއްގެ މައްސަލަތައް ބެލުން ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އެ ތުހުމަތުތައް ދޮގުކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކޮމިޝަންގައި ސިޔާސީ އެއްވެސް މަގްސަދެއް ނެތެވެ.
"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންނަށް ކޮށްދެއްވާ ތަރައްގީގެ މަސައްކަތްތަކުގެ ތެރެއިން މިހާ ބޮޑު އަދަދެއްގެ ފައިސާ ލިބިއްޖެ ނަމަ، މިއީ ތަރައްގީ އަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ. މި ފައިސާ ހޯއްދަވައިދެއްވަން ކުރީގެ ސަރުކާރުތަކުން މިގޮތަށް މި މަސައްކަތް ކުރައްވާފައެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި އޮތީ ވެސް އަދި މުޅި ކޮމިޝަންގެ އަމާޒަކީ، މި ފައިސާ އެއްވެސް ތައައްސަބެއް ނެތި، މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފައިސާ އަށް ވާތީވެ އެ ފައިސާ ހޯދުމުގައި ސިޔާސީ އެއްވެސް އަމާޒެއް ނޯންނާނެ."
މިނިސްޓަރު ވިދާޅުވި ގޮތުގައި ފައިސާ ހޯދަން ސިޔާސީ އެއްވެސް މަސައްކަތެއް އެ ކޮމިޝަނަކުން ނުކުރެ އެވެ.
އަޒްލީން ވިދާޅުވީ ދައުލަތަށް ލިބެން ޖެހެނީ ކިހާ ފައިސާއެއްތޯ ޕާކުވެފައި ހުރީ ކޮން މައްސަލަތަކެއް ކޮމިޝަނުން ބަލާއިރު، އެކަން ތަހުގީގުކޮށް ފައިސާ ހޯދާނީ އޭސީސީ ފަދަ ކަމާ ގުޅޭ މުއައްސަސާތަކުން ކަމަށެވެ.
ދައުލަތަށް މިހާ ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފައި ހުރި ކަން އެނގުނީ އެ ކޮމިޝަނުގެ މަސައްކަތުން ކަމަށާއި އެ ކޮމިޝަނުން އެކަން ނުކުރި ނަމަ އެއީ، ރައްޔިތުންނަށް ގެއްލިގެންދާނެ ފައިސާތަކެއް ކަމަށް އަޒްލީން ވިދާޅުވި އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މުއައްސަސާތަކާ ގުޅިގެން މައްސަލަ ބެލުމަށް ފަހު، ކޯޓުތަކަށް ފޮނުވުމުން، އެކަން ކުރިއަށް ގެންދާނީ ޝަރުއީ ދާއިރާގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮންޑޮން މަތި
17 May 2018
އެންމެންނށްވެސް އެނގޭ . ތިޔައީ ބަޔަކުމީހުން ހިންދާލާ އަދި ބޔަކު ހައްޔަރު ކުރަން ކުޅޭ ރާޒަވާއެއްގެ މަނާއެއް ކުރިޔަށް ކޮއްޕާލަނީކަން
ޕީސިކްސް
16 May 2018
މިސަރުކާރުގެ ކޮރަޕްޝަން ބެލި ދަނީ އަދަބުތައް ލިބެމުން.
އޭއެމް
16 May 2018
ޥިސްނުންހުރިގޮތުގެވާހަކަ އެގެމުންދާނީ ކޯޓުން
19 ޓްރިލިޔަން ޑޮލަރު
16 May 2018
29 ބިލިއަން ރުފިޔާ ބަނޑު އަޅާލި މީހުންގެ ލިސްޓް އާންމު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަ ދެކެން، ދިވެހިރައްޔިތުންނަށް ތީ ކޮންބައެއް ކަން އެގުން ލާޒިމް...
ކޮޔާ
15 May 2018
އެކިމީސްމީހުންގެއަތުން ފައިސާހޯއްދަވާވާހަކަބުނުއްވާތީ އަނހާލަން ބޭނުނުން ވަނީއެއީ ދަރަންޏައްތޯ
އެކްސް
15 May 2018
ތިކޮމިޝަނުން އެމްއެންއެސްއެލް ބަނގުރޫޓުވި މައްސަލަ ނުބަލާނަންތަ؟
ޙުދު ކާފޫރު
15 May 2018
ފުރަތަމަ ތި ކޮމިޝަނުގަ ތިބި މީހުންގެ ހިސްޓްރީއަށް ބަލާލަން ފެނޭ. ޙުދު ކާފޫރުތޯ؟
ބާބޫ
15 May 2018
އޭސީސީ އުވާލަންވީނު ؟ އެއީ ކީއްކުރާތަނެއް ؟
ބާބޫ
15 May 2018
ތިހެން ކުޔަކިޔާތިއްބާ ދައުރު ހަމަވަނީ ؟
ދޫނިރާއްޖެ
15 May 2018
1990އިގެ މައްސަލަތައް ބަލަން އަދި މާ އަވަސް ދޯ؟ މިހާރު ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް އެހެންވީމަ މީގެ ގަރުނެއް ފަހުން ބަލާލެވޭނެކަމަށް އަންދާޒާކުރެވޭ.