މައުމޫންގެ އިހްޔާ ޕްރޮގްރާމް ނެތުމުން ބޮޑު ފަޅުކަމެއް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ވޭތުވެދިޔަ 39 އަހަރު މެދުނުކެނޑި ކޮންމެ ރޯދަ މަހަކު ބާއްވަމުން އައި އިހްޔާ ޕްރޮގްރާމް މި އަހަރު ނުބާއްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.


ޝައުގުވެރި އެތައް މައުލޫއުތަކަކަށް ދަރުސް ދެއްވަމުން ގެންދެވި މައުމޫން މިހާރު ހުންނެވީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓައިފަ އެވެ.

ހަފުތާގެ އެކި ރޭތަކަށް ބަހާލައިގެން ބާއްވަމުން ގެންދިޔަ އިހްޔާ ޕްރޮގުރާމުތަކުގައި ރައީސް މައުމޫން ދެއްވާ ދަރުސްތަކުގައި ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީޘްތަކުގެ މައްޗަށް އަލިއަޅުވާލައި ސައިންސްގެ ހެކިތަކުން މިސާލު ދައްކަވައިގެން ދަރުސް ދެއްވަ އެވެ. އޭގެ ތެރޭގައި ކީރިތި ގުރުއާނުގައި ހިސާބު އަދަދުތައް ހިމަނުއްވާފައިވާ ގޮތް ފަދަ ޝައުގުވެރި މައުލޫއުތައް ހިމެނެ އެވެ.

މިދިޔަ އަހަރު ބޭއްވި އިހްޔާ ޕްރިގުރާމުގެ ތެރެއިން ރައީސް މައުމޫން މީހަކާ ސަލާމް ކުރައްވަނީ-- މިހާރު ފޮޓޯ

މައުމޫންގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގައި ހިދުމަތް ކުރެއްވި، އަދި އިހްޔާ ޕްރޮގުރާމަށް ދާއިމީ ގޮތެއްގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވީ މި އަހަރު ރައީސް މައުމޫންގެ އިހްޔާ ޕްރޮގްރާމް ނެތުމަކީ ލިބުނު ވަރަށް ބޮޑު ފަޅުކަމެއް ކަމަށެވެ.

"ގުރުއާނާ ސައިންސާ ގުޅުވައިގެން ވަރަށް ތަފާތު ގޮތަކަށް ރައީސް މައުމޫންގެ ދަރުސްތައް ގެންދަވަނީ. ޒުވާނުން އަދި ވަރަށް ކަމުގޮސްގެން އެ ވާހަކަ ދައްކާ،" އަނީސާ ވިދާޅުވި އެވެ.

ރޯދަ މަހުގެ ރޭތަކުގައި މިހާރު އަނީސާ ކުރައްވާ ކަމަކީ އެ ޕްރޮގުރާމްތަކުގެ ރިޕީޓް ބެއްލެވުމެވެ. އަނީސާ ވިދާޅުވީ ރައީސް މައުމޫންގެ ދަރުސްތައް މި އަހަރު ނުބޭއްވޭތީ އެތައް ބަޔަކު ހިތާމައާއެކު އެކަން ފާހަގަ ކުރާ ކަމަށެވެ.

ރޯދަ މަހާ ގުޅުވައިގެން ދަރުސްތައް ދިނުމަށް އިސްލާމިކް މިނިސްޓްރީން މިހާރު ވެސް ޕްރޮގްރާމްތައް ބާއްވަ އެވެ. އަނީސާ ވިދާޅުވީ އެހެން ދިވެހި އިލްމުވެރިންނާއި ރައީސް މައުމޫން ދެއްވާ ދަރުސްތަކާ ވަރަށް ވެސް ތަފާތު ކަމަށެވެ.

"ރާއްޖޭގެ ބޭފުޅުން ދައްކަވަނީ އެއް ވާހަކައެއް. އޭގެ ބަދަލުގައި ރައީސް މައުމޫން ވިދާޅުވަމުން ގެންދަވަނީ މި ޒަމާނާ ގުޅުވައިގެން ސައިންސްގެ ހެކިތައް ދައްކަވައިގެން،" އަނީސާ ވިދާޅުވި އެވެ.

ރައީސް މައުމޫން ދަރުސް އެއް ދެއްވަނީ-- މިހާރު ފޮޓޯ

ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތް ކުރައްވާ ހަސަން ޝާކިރު މުހައްމަދަކީ ވެސް ގަވައިދުން ރައީސް މައުމޫންގެ އިހްޔާ ޕްރޮގްރާމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އެ އިހްޔާ ޕްރޮގްރާމަކީ ވަރަށް މައުލޫމާތު މުއްސަނދި، ބޭނުންތެރި ފިލާވަޅުތަކެއް ލިބިގެންދިޔަ ޕްރޮގްރާމެކެވެ. އެ ދަރުސްތައް މެދުކެނޑިގެން ދިއުމަކީ ދީނީ ގޮތުން ހޭލުންތެރި ކުރުމުގެ މަސައްކަތަށް ލިބިގެން ދިޔަ ބޮޑު އުނިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އިހްޔާ ޕްރޮގްރާމް ކުރިއަށް ގެންދަވާ ގޮތަށް ވުރެ ރައީސް މައުމޫން ގެންދެވި ގޮތް މާ ޝައުގުވެރި. އަޅުގަނޑަށް ކަމުދަނީ އެ ގޮތް،" ޝާކިރު ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ އެ ޕްރޮގުރާމް ނުބޭއްވޭތީ އެކަމާ ކަންބޮޑުވެ ރައީސް މައުމޫން ވާހަކަފުޅު ދައްކަވާ ކަމަށެވެ.

ރައީސް މައުމޫންގެ އިހްޔާ ޕްރޮގުރާމަކީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމާއެކު ރޯދަ މަހަށް ހާއްސަކޮށް ފެއްޓެވި ޕްރޮގްރާމެކެވެ. އެންމެ ފުރަތަމަ އިހްޔާ ޕްރޮގްރާމް ބޭއްވީ މުލީއާގޭ ގޯތިތެރޭގަ އެވެ. އެއަށް ފަހު އިސްލާމީ މަރުކަޒު ބިނާކުރުމުން އެ ޕްރޮގްރާމް ބާއްވަމުން އައީ އިސްލާމީ މަރުކަޒު ހޯލުގަ އެވެ.

އޭރު ރޯދަ މަހުގެ ކޮންމެ ރެއަކު އެ ދަރުސްތައް ބާއްވާއިރު ރައީސް މައުމޫންގެ އިތުރުން ރާއްޖެ އާއި ބޭރުގެ ދީނީ އިލްމުވެރިން ދަރުސް ދެއްވަ އެވެ. ރައީސް މައުމޫންގެ ވެރިކަން ނިމުމުން ރައީސް މައުމޫން ފައުންޑޭޝަންގެ ފަރާތުން ވެސް ގެންދެވީ އެ ޕްރޮގުރާމް ބާއްވަމުންނެވެ.