ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ފާސްކޮށްފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާ ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ޕާޓީގެ ކައުންސިލުން މިރޭ ފާސްކޮށްފި އެވެ.


ޕީޕީއެމުން މީގެ އިރުކޮޅެއް ކުރިން ބޭއްވި ނިއުސް ބްރީފިންއެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ޓިކެޓު ރައީސް ޔާމީނަށް ދޭން ފާސްކުރީ، މިރޭ ބޭއްވި ކައުންސިލްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ނިންމުން ނިންމީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވެރިކަން ޕާޓީ، ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (އ) އާ ހަވާލާ ދެއްވައި އަބްދުއްރަހީމް ވިދާޅުވީ، އެ ޕާޓީގެ ޓިކެޓުގައި ހޮވިވަޑައިގެން ހިނގަމުންދާ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ނަމަ ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދެވިދާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދޭން ނިންމި މައިގަނޑު ސަބަބަކީ، ގައުމުގެ އިޖުތިމާއީ ފޭރާން ރަނަގަޅު ކުރައްވައި، ސުލްހަ ގާއިމް ކުރައްވައި އަދި އިގުތިސޯދީ ފުދުންތެރިކަމާއި އުމްރާނީ ތަރައްގީ ހަލުއި ކޮށްދެއްވީތީ ކަމަށެވެ. އަދި އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތްތައް ނިންމެވުމަށް އިތުރު ފުރުސަތު ދޭން ޖެހޭނެ ކަމަށް ޕީޕީއެމްގެ ކައުންސިލްގެ ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގެންނެވީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"[ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ދޭން ނިންމީ] އަޅުގަނޑުމެންގެ މި ގައުމަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވީ ހިނދު، މާތްވެގެންވާ އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން އަބަދާއިއަބަދު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކޮންމެ ހަފުލާއެއްގައި ދެއްވަމުން ގެންދަވާތީ އަދި އެކަން އަމަލުން ސާބިތުކޮށްދެއްވަމުން ގެންދަވާތީ އާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ވެސް އެމަނިކުފާނު ވަރަށް ވަރުގަދަ އަޒުމަކާ އެކު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާތީ،" ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓު ދޭން ފާސްކުރި ސަބަބާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކުރިއިރު، އެމަނިކުފާނު ގެންދަވަނީ ވަރަށް ކުރިއްސުރެ ފެށިގެން މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން، ވެސްޓް ޕާކް ރެސްޓޯރަންޓް ހިންގި ތަނުގައި ކެމްޕެއިން އޮފީހެއް ހުޅުއްވައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ގެންދަވަނީ ފިރިކަލުންނަށް ތާއީދު ހޯދުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ.