އަލީ ވަހީދު މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަނީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ.


އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވަނީ މިރޭ ޖަރުމަނުވިލާތުގައި ބާއްވާ ޚާއްސަ ޖަލްސާއެއްގަ އެވެ. ރާއްޖެ ގަޑިން 9:30 ގައި ބާއްވާ ޖަލްސާ ވަގުތުން ދުރަށް ދައްކާނެ އެވެ.

އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީގެ ލީޑާޝިޕަށް ޝުކުރު އަދާ ކުރައްވައިި، އެ ބޭފުޅުންނަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ބޭފުޅުންނާ "މިވަގުތު ވަކިވެލީ" ވިދާޅުވެ، ގާސިމްއާ އެކު ނަގާފައިވާ ފޮޓޯ އޭނާ ވަނީ އެ ޓްވީޓްގައި އާންމު ކުރައްވައިފަ އެވެ.

ޖުމްހޫރީ ޕާޓީ އަކީ އަލީ ވަހީދު ގުޅިވަޑައިގަންނަވާ ތިން ވަނަ ޕާޓީ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އެކު ޑީއާރުޕީގައި ވެސް އަލީ ވަހީދު އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ. އޭނާ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތީ މައުމޫނާ އެކު ޑީއާރުޕީންނެވެ.

އަލީ ވަހީދުގެ ޓްވީޓް

މިރޭ ޖަރުމަނުގައި ބާއްވަނީ ވަރަށް ޚާއްސަ ޖަލްސާއެއް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓްގައި ވެސް އޭނާ އާއި އަލީ ވަހީދާ އެކު ނަންގަވާފައިވާ ފޮޓޯއެއް ވަނީ އާންމު ކުރައްވައިފަ އެވެ.

ދާދި ފަހުން، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ ޖަރުމަނުވިލާތުގައި ތިއްބަވައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އަދި އިތުރު ބޭފުޅުންތަކެއް ވެސް ޖުމްހޫރީ ޕާޓީއާ ގުޅޭނެ ކަން އެ ޕާޓީން އޮތީ ހާމަކޮށްފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވުމަށް ފަހު، އަލީ ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވީ 2016 ގަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ޕާޓީގެ ހަރަކާތްތަކުން ދުރުގައި ހުންނަވަން ޖެހިވަޑައިގަތުމުން އިސްތިއުފާ ދެއްވީ ކަމަށެވެ. އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކުރެއްވީ، މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލުމުންނެވެ.