ނަޝީދު ޕްރައިމަރީ އަށް ނުކުތުމަކީ ރައްޔިތުން މާޔޫސް ކުރުވާ ކަމެއް: އަމީން

އެމްޑީޕީގެ ޕްރައިމަރީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައި ރިޔާސީ އިންތިޚާބުގެ ޓިކެޓު ހޯއްދެވުމަށް، އިދިކޮޅު ކޯލިޝަނާ ވަކިން މަސައްކަތްޕުޅު ކުރެއްވުމަކީ ރައްޔިތުން މާޔޫސް ކުރުވާ ކަމެއް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.


އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ، އަމީން "މިހާރު" އަށް ވިދާޅުވީ ނަޝީދު އަމަލު ކުރައްވާ ގޮތުން ކޯލިޝަންގެ ތެރޭގައި އެއްވެސް ގުޅުމެއް ނެތް ކަމާއި ބައިބައިވެފައިވާ ކަމަށް އާންމުންނަށް ހީވާ ކަމަށެވެ. އޭގެ ނަތީޖާ އަކީ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މީހުން، ނަޝީދާ ހެދި މާޔޫސްވެ، ކޯލިޝަނަށް ކުރާ އުންމީދު ފަނޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަޝީދު [ކޯލިޝަނާ ވަކިން] މަސައްކަތްޕުޅު ކުރެއްވީމާ އާންމު ރައްޔިތުންނަށް މި ހީވަނީ ކޯލިޝަންގެ ތެރޭގައި އޮތީ ބައިބައިވުމޭ. އެއްވެސް ގުޅުމެއް ނެތޭ. ރައީސް ޔާމީން ރިޔާސީ އިންތިޚާބުން ބަލިކުރަން ކޯލިޝަނުން އެއްގަލަކަށް އަރާފައެއް ނެތޭ. އެހެންވީމާ އެ މާޔޫސްކަން ރައްޔިތުންގެ ތެރޭގައި މި އޮތީ،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެންމެ އިތުބާރު ކުރައްވާ، އެ ޕާޓީގެ އިސް ވެރިންގެ ތެރޭގައި ހިމެނޭ އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ނަޝީދު އެކަނި ކުރިމަތިލައްވައިގެން، މާދަމާ ބާއްވާ އެ ޕާޓީގެ ޕްރައިމަރީއާ، އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުމަށް ޚާއްސަ ކޮމެޓީއަކުން މިހާރު ކުރާ މަސައްކަތާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އަމީން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ އަމިއްލަފުޅު ގޮތުން، ކޯލިޝަނާ މުޅިން ވަކިންނެވެ.

އޭނާ ވިދާޅުވީ، ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް "އަށާރަ، ނަވާރަ" ކޮމެޓީން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި އަދާލަތު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން މަންދޫބުން ހިމެނޭ އެ ކޮމެޓީގެ ނިންމުމަށް ކޯލިޝަނުން ތަބާވާން ޖެހޭނެ ކަމަށް އަމީން ވިދާޅުވި އެވެ. ނަމަވެސް އެ ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް، އޭގެ ބޭރުން ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ނަޝީދު އުޅުއްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ނުކުންނަވާތީ އިދިކޮޅު ބައެއް ފަރާތްތައް ހިތްހަމައެއް ނުޖެހޭ،

"ކޮމެޓީގެ ނިންމުމަކީ ވަކި ލީޑަރަކު ބޭނުންވާ ގޮތަކަށް ދާން ޖެހޭނެ ކަމެއް ނޫން. އެއް ކެންޑިޑޭޓަކު ކަނޑައަޅާނީ ކޮމެޓީގެ މެޖޯރިޓީން. މެޖޯރިޓީއާ އެއްގޮތަށް ކަންތައް ނުކުރެވޭ ނަމަ، އޭގެ މާނަ އަކީ ހަތަރު ލީޑަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމަކީ އެއްވެސް މައުނަވީ އެއްޗެއް ނޫނޭ. އޭގެ ބޭރުން ދަތުރު ކުރާ ނަމަ މުޅި ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ. އެއީ ގައުމަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިދިކޮޅު ޕާޓީތަކުން އިންތިޚާބަށް ނުކުންނަ ކެންޑިޑޭޓަކު ވަކި ތާރީޚެއްގެ ކުރިން ކަނޑައެޅުމަކީ، ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތަށް ބަލާއިރު ކޮންމެހެން މުހިންމު ކަމެކެވެ. ސަބަބަކީ، އިދިކޮޅު ހަތަރު ލީޑަރުންނަށް ވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ގާނޫނީ ގޮތުން ބަންދުވެފައި ވުމެވެ.

އަމީން ދެކެވަޑައިަގަންނަވާ ގޮތުގައި، އެއް ކެންޑިޑޭޓަކު ކަނޑަނޭޅި ލަސްވުމަކީ ވެސް މިހާރު ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. އެހެންވެ، އިދިކޮޅު ކޯލިޝަންގެ ފަހަތުގައި ތިބި އެތައް ބައެއްގެ ޝަކުވާ އާއި ސުވާލުތައް ކޮންމެ ދުވަހަކު ވެސް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފަހަތުގައި އެތައް ރައްޔިތުންނެއް އެބަތިބި. އެއިން ކޮންމެ ބޭފުޅަކު ވެސް ބޭނުންވަނީ ޔާމީން ބަލިކުރަން. އެހެންވެ، ޔާމީނާ ވާދަކުރަން ވަގުތު އޮއްވައި އަޅުގަނޑުމެންނަށް މީހަކު ނުދެއްކި ލަސްވާ ކޮންމެ ދުވަހަކީ އެތައް ޕްރެޝަރެއް ކުރިމަތިވާ ކަމެއް. އެ މާޔޫސް ކަމުގައި އަޅުގަނޑުމެންގެ ތެރެއިން ވެސް ބައެއް މީހުން ހިތްހަމަނުޖެހި، އެއް ބަޔަކު އަނެއް ބަޔަކަށް ގޯސް އެއްޗެހި ބުނެވެނީ،" އަމީން ވިދާޅުވި އެވެ.

ނަމަވެސް، އޭނާ ވިދާޅުވީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.