ގައިދީންގެ އިންޓަވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ނުކުރަން އަންގައިފި

ހުކުމް ތަންފީޒުކުރާ މީހުންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންގެ ބަޔާންތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓް ނުކުރުމަން އަންގައި، މި އެންގުމާ ޚިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ދީފި އެވެ.


ބްރޯޑްކާސްޓަރުންނަށް މި އިންޒާރު ދީފައި ވާއިރު ހޯމް މިނިސްޓްރީން ވަނީ ނޫސްތަކަށް ވެސް މި އިންޒާރު ދީ މިއަދު ބަޔާނެއް ނެރެފަ އެވެ.

ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ މަސްއޫލުވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހައްގު، ހުކުމެއް ތަންފީޒު ކުރުމަށް ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި އޮންނަ ކަމަށް ބުނެފަ އެވެ. މި މާއްދާއާ ހަވާލާދީ އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަ ނުކުރެވޭނެ ކަމަށް އަންގައިފަ އެވެ.

ބަންދުގައި ތިބޭ މީހުންނާއި ހުކުމް ތަންފީޒުކުރާ މީހުންގެ ފަރާތުން މައުލޫމާތު ހޯދަން ޖެހޭނީ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށާއި ގާނުނާ ހިލާފަށް ހޯދާ މައުލޫމާތު މީޑިއާގައި އާންމުކޮށްގެން ނުވާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނުގައި ވެސް ބުނެފައިވެ އެވެ.

"ޤާނޫނާއި ގަވާއިދާ ތަޢާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ." ކޮމިޝަނުން ބުނެފައިވެ އެވެ.

މީޑިއާތަކަށް މިގޮތަށް އިންޒާރު ދިން އިރު 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމަށް ފަހު ރާއްޖެއިން ބޭރަށް ވަޑައިގެން ގޮތަށް، އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ކުރީގެ ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ވަރަށް ވަރުގަދަ އަށް ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން ސްރީ ލަންކާގައި ހުންނަވައިގެން، ސްކައިޕް މެދުވެރިކޮށް، ރާއްޖޭގައި ތިބި އެ މަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަ އެވެ. އަދި ރިޝްވަތު ދިނުމުގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް ރާއްޖޭން ބޭރަށް ވަޑައިގެން ޖަރުމަނުން ހިމާޔަތް ހޯއްދަވާފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ސިޔާސީ މަސައްކަތް ފުޅާކުރައްވައި މީޑިއާތަކުން އެ ވާހަކަތައް ގެނެސްދެ އެވެ.