އެމްއޭސީއެލް އިން 10 މުވައްޒަފަކު ހައްޖަށް ފޮނުވަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ 10 މުވައްޒަފަކު، އެ ކުންފުނީގެ ޚަރަދުގައި މި އަހަރު ހައްޖަށް ފޮނުވަން ނިންމައި، އެ ކަމަށް ހޮވުނު މުވައްޒަފުންނާ ރޭ ލިޔުން ހަވާލު ކޮށްފި އެވެ.


އެ މީހުންނަށް ލިޔުން ހަވާލު ކުރީ ޗަންޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓާ އާދިލް މޫސާ އެވެ.

އެ ރަސްމިއްޔާތުގައި އާދިލް ވިދާޅުވީ، ހައްޖަށް ފޮނުވާ މުވައްޒަފުން ކަނޑައެޅުމުގައި ބެލީ އެ ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މީހުންނަށް އިސްކަން ދީގެން ކަމަށެވެ. މީގެ ތިން އަހަރު ކުރިން ފެށިގެން އެމްއޭސީއެލްގެ މުވައްޒަފުން ހައްޖަށް ފޮނުވާއިރު، މިހާތަނަށް 30 މުވައްޒަފަކަށް އެ ފުރުސަތު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އެމްއޭސީއެލްގެ އެމްޑީ އާދިލް ވާހަކަ ދައްކަވަނީ.

އާދިލް ރޭ ވިދާޅުވި ގޮތުގައި، ހިޔާ ޕްރޮޖެކްޓުގައި އެމްއޭސީއެލް އިން ހުޅުމާލޭގައި އިމާރާތް ކުރާ ދެ ޓަވަރުން އެޕާޓްމަންޓް ލިބޭ މުވައްޒަފުންނަށް އެ ތަންތަނަށް ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މުވައްޒަފުންނަށް ގިނަ ކަންތައްތަކެއް އެ ކުންފުނިން އަންނަނީ ކޮށްދެމުންނެވެ.