ޅ. އަތޮޅު ހޮސްޕިޓަލުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރީ ތަފާތު ގޮތަކަށް

ޅ. އަތޮޅު ހޮސްޕިޓަލުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ތަފާތު ގޮތަކަށް މިއަދު ފާހަގަކޮށްފި އެވެ.


ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަސް ފާހަގަ ކުރަން ޅ. އަތޮޅު ހޮސްޕިޓަލުގެ އެކި ދިމާލުގައި ވަނީ ސިނގިރޭޓަރު ފިލްޓަރުތަކާއި ސިނގިރޭޓު ފޮށި ފަދަ މޮޑެލްތައް ބަހައްޓައިފަ އެވެ. އަދި ފަސް ފޫޓުގެ ބޮޑު އިންސާނެއްގެ ހިތެއް ސިފަވާ މޮޑެލް އެއް ބަހައްޓައި، އެއަށް ސިނގިރޭޓު ފިލްޓަރުތައް ވަނީ ޖަހައިފަ އެވެ. ހޮސްޕިޓަލްގައި ހުރި ބޮޑު ސިނގިރޭޓު ފޮށީގައި އިންޒާރުގެ މެސެޖްތައް ހިމަނާފައިވެ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސާޖިދު ވިދާޅުވީ އެ ހޮސްޕިޓަލްގައި ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަސް ފާހަގަ ކުރީ އެކަމުގެ ނުރައްކާތެރިކަން ހާމަކޮށް ދިނުމަށް ކަމަށެވެ. މިއީ ހޮސްޕިޓަލް މުވައްޒަފުންގެ ހަފްތާއެއްހާ ދުވަހުގެ ބުރަ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރަން. ސިނގިރޭޓު ފިލްޓަރުތަކެއް ބަހައްޓާފައި.

"ސިނގިރޭޓް އަޅުގަނޑުމެން ހިޔާރުކުރި ގޮތަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް އެތެރެ ކުރާ އަދި އިސްތިއުމާލު ވެސް ކުރާ ދުންފަތުގެ ބާވަތަކީ ސިނގިރޭޓް ކަމުން،" ސާޖިދު ވިދާޅުވި އެވެ.

ސާޖިދު ވިދާޅުވި ގޮތުގައި މި ކެމްޕެއިނުގައި ދޭން ބޭނުންވި މެސެޖަކީ ދުންފަތުގެ ސަބަބުން ފުއްޕާމޭގެ އިތުރުން ހިތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ކުރުވާ ކަމެވެ.

ސާޖިދު ވިދާޅުވީ ދުންފަތުގެ ސަބަބުން ހިތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަކީ ދުނިޔޭގެ އެތައް މިލިއަން މީހުންގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމެއް ކަމަށެވެ. މި ކެމްޕެއިންގެ ސަބަބުން އާންމުން އިތުރަށް ހޭލުންތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރޯދަ މަހަކީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުން، އެކަމުން ދުރުހެލިވުމަށް އޮތް އެންމެ ރަނގަޅު ވަގުތު ކަމަށް ސާޖިދު ވިދާޅުވި އެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުން ހަދާފައި ހުރި ހިތުގެ މޮޑެލް.

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ޅ. އަތޮޅު ހޮސްޕިޓަލުން އިތުރު ހަރަކާތްތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މުވައްޒަފުންތިބި ހޮސްޕިޓަލެއް ކަމާއި ދީނީ ގޮތުން ދަރުސްތަކެއް ދިނުމާއި ފުޓްސަލް މެޗުތަކެއް ބޭއްވުން މެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓަން ބޭނުންވާ މީހުންނަށް ހުޅުވާލައިގެން ހޮސްޕިޓަލްގައި ހާއްސަ ކޮންސަލްޓޭޝަން ތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.