އޭޑީކޭ ހޮސްޕިޓަލްގައި ގާއިމް ކުރި މެކޭނިކަލް ޕާކިން ސިސްޓަމް އާންމުންނަށް ހުޅުވާލައިފި

އޭޑީކޭ ހޮސްޕިޓަލްގެ ގޯތިތެރޭގައި މެކޭނިކަލް ކާ ޕާކިން ސިސްޓަމެއް ގާއިމްކޮށް، އެ ސިސްޓަމް މިރޭ ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.


ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލްގައި ގާއިމްކުރި މެކޭނިކަލް ކާ ޕާކިން ނިޒާމު ރަސްމީކޮށް ފެށުމުގެ ގޮތުން ވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ކާރު އެ ސިސްޓަމްގައި ޕާކްކޮށްފަ އެވެ.

އެ ޕާކިން ސިސްޓަމްގައި ހަތަރު ފުރޮޅުލީ 19 ވެހިކަލެއް އެއްފަހަރާ ޕާކް ކުރެވެ އެވެ. ޕާކް ކުރުމުގެ ފީގެ ގޮތުގައި ނަގަނީ 50 ރުފިޔާ އެވެ. އޭޑީކޭ ހޮސްޕިޓަލްގެ މައި ދޮރު ކައިރީގައި ބަހައްޓާފައިވާ ސިސްޓަމެއް މެދުވެރިކޮށް، ފައިސާ ދެއްކުމާ އެކު، މެކޭނިކަލް ސިސްޓަމްގައި ހަތަރު ގަޑިއިރަށް ކާރު ޕާކް ކުރެވޭނެ އެވެ. ހަތަރު ގަޑިއިރު ހަމަވުމަށް ފަހު، ދެން އެ ސިސްޓަމްގައި ވެހިކަލެއް ޕާކް ކުރަން ބޭނުން ނަމަ ކޮންމެ ގަޑިއިރަކަށް 60ރ. ޗާޖް ކުރާނެ އެވެ.

އޭޑީކޭ އިން ހަމަޖައްސާފައިވާ އުސޫލުގައިވާ ގޮތުން ނަމަ، މެކޭނިކަލް ޕާކިން ސިސްޓަމްގައި އެންމެ ދިގު މުއްދަތަކަށް ވެހިކަލެއް ޕާކް ކުރެވޭނީ 24 ގަޑިއިރަށެވެ. އެ އަށް ވުރެ އިތުރު ވެއްޖެ ނަމަ، އެ ވެހިކަލެއް ޓޯ ކުރުމުގެ އިޚުތިޔާރު އޭޑީކޭ އަށް ލިބެ އެވެ.

މިރޭގެ ހަފުލާގައި، ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ އޭޑީކޭގެ މި ނިންމުމަކީ މާލޭގައި ޕާކް ކުރުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރަށް ދިން އެއްބާރުލުމެއް ކަމަށެވެ. އެ ގޮތަށް، އެހެން ކުންފުނިތަކުން ވެސް އަމަލު ކުރުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ގާއިމްކުރި މެކޭނިކަލް ޕާކިން ސިސްޓަމްގައި މިނިސްޓަރު މުއިއްޒުގެ ކާރު ޕާކް ކުރުމަށްޓަކައި، އެކަމަށް ޚާއްސަ މެޝިނަށް މިރޭ ފައިސާ ލައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ޚާއްސަކޮށް ބިންތައް ހުރި ކުންފުނިތަކުން އެ ބޭފުޅުންގެ މުވައްޒަފުންނަށް ޕާކިން ހަމަޖައްސައި ދިނުމަށް ވަރަށް ބޮޑަށް އެދެން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަލަށް އިމާރާތް ކުރާ ސަރުކާރުގެ ހުރިހާ އިމާރާތަކާއި އަމިއްލަ މީހުންގެ އިމާރާތްތަކުގެ ތެރެއިން ޖާގައިގެ ގޮތުން ވަކި ވަރަކަށް ވުރެ ބޮޑު އިމާރާތްތަކުގައި ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ވަނީ ލާޒިމްކޮށްފަ އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، ކުރިން ހަތަރު ވެހިކަލް ޕާކް ކުރެވޭ ޖާގައިގައި ބިމުގައި މެކޭނިކަލް ޕާކިން ސިސްޓަމެއް ގާއިމް ކުރުމަށް 3.5 މިލިއަން ރުފިޔާ ޚަރަދުވި ކަމަށެވެ. އެ ޕާކިން ސިސްޓަމްގެ މަގުސަދަކީ އެ ހޮސްޕިޓަލަށް އަންނަ މީހުންނަށް ދިމާވަމުން ދާ ޕާކިންގެ މައްސަލަ ހައްލުކޮށްދިނުން ކަމަށް އަފްއާލް ވިދާޅުވި އެވެ.

"މި ޕާކިން ސިސްޓަމްގައި 50 ރުފިޔާ ދީގެން ހަތަރު ގަޑިއިރު ޕާކް ކުރެވޭ ގޮތް ހެދީ އަޅުގަނޑުމެން ހެދި ދިރާސާތަކަށް ބެލުމަށް ފަހު، އާންމުކޮށް ހޮސްޕިޓަލްގައި މީހުން ހޭދަކުރާ ވަގުތަށް ބަލާފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މެކޭނިކަލް ޕާކިން ސިސްޓަމްގައި ވެހިކަލެއް ބާއްވާފައި އޮންނައިރު، ގުދުރަތީ ކަމަކުން ފިޔަވައި އެހެން ހާދިސާއެއްގައި އެ ވެހިކަލަކަށް ލިބޭ ގެއްލުން ވެސް ވާނީ އިންޝުއާ ކޮށްފަ އެވެ.

އަފްއާލް ވިދާޅުވީ އޭޑީކޭގައި އަލަށް އިމާރާތް ކުރަން ނިންމާފައިވާ އިމާރާތުގެ ދެ ފްލޯ ސައިކަލް ޕާކް ކުރުމަށް ހަމަޖައްސާނެ ކަމަށެވެ. އެއީ 300 ސައިކަލުގެ ޖާގަ އެކެވެ.