ޓެރަރިޒަމްގެ ގާނޫނު އުވާލަން އުޅޭ ނިޔަތާ މެދު ސުވާލު އުފެދޭ: އަޒްލީން

ޓެރަރިޒަމްގެ ގާނޫނު އުވާލަން އިދިކޮޅު ފަރާތްތަކުން އުޅޭ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ރޭ ރައްދު ދެއްވައިފި އެވެ.


ހުސްނުއް ސުއޫދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ހިފަނީ ޓެރަރިޒަމްގެ އަމަލުތަކަށް ނޫން ކަމަށެވެ. އެ ގާނޫނުގެ ބޭނުން ހިފަނީ، ހަމައެކަނި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށާއި އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގެ 90 ދުވަހުގެ ތެރޭގައި އެ ގާނޫނު އުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޖަލްސާއެއްގައި ސުއޫދު ވާހަކަ ދައްކަވަނީ: ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ހިފަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނު އުވާލުމުގެ ވާހަކަ އިދިކޮޅު ބޭފުޅުން ދައްކަވާ އިރު، އެ ގާނޫނު ދަށުން ނުރައްކާތެރި ބޮޑެތި ޖަރީމާތަކެއް ހުއްޓިފައިވާ ކަމަށެވެ. އެހެންކަމުން، ގާނޫނު އުވާލައިގެން ހާސިލްކުރަން އުޅޭ މަގްސަދާ މެދު އަޒްލީން ސުވާލު އުފެއްދެވި އެވެ.

"ޓެރަރިޒަމްގެ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށްޓަކައި ޒަމާންތަކެއް ވަންދެން އެޅިފައި ހުރި ގާނޫނީ ފިޔަވަޅުތަކެއް ކުއްލިއަކަށް ހުއްޓާލައި، އަލިފުން ޔާ އަށް ގައުމު ހަލަބޮލިކޮށްލައި ގައުމު އަނދަވަޅަކަށް ވައްޓާލުމުގެ ވާހަކައެއް ނޫންތޯ މި ބޭފުޅުން މި ދައްކަވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެރަރިޒަމާ ގުޅޭ ގާނޫނު އުވާލަން ދައްކާ ވާހަކައަކީ ޓެރަރިސްޓުންނަށް ހިތްވަރު ދޭން ދައްކާ ވާހަކައެއްތޯ ވެސް ސުވާލު އުފެދެ އެވެ. ގާނޫނެއް ނެތި، ޓެރަރިޒަމްގެ ކުށްތައް ހިންގާ މީހުންނަށް އެޅޭނެ ގާނޫނީ ފިޔަވަޅެއް އޮންނާނެތޯ ސުވާލު ކުރެއްވި އެވެ.

އަޒްލީން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނު އުވާލުމުގެ ނުރައްކާތެރިކަން އެ ވާހަކަ ދެއްކެވި ބޭފުޅަކަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅައިގެން އެ ގާނޫނު އުވާލެވޭނެ ވަރުގެ ތާއީދެއް ސުއޫދަށް އެބަ އޮތްތޯ ވެސް އަޒްލީން ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނަށް އެ ގާނޫނުގެ ދަށުން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަަމަށާއި އިންސާނީ ކަރާމާތަށް އަރައިނުގަނެ އެ މީހުންނަށް ވެސް ނަސޭހަތް ދެމުން ދީ މުޖުތަަމައަށް އަނބުރާ ގެންނަ ކަމަށެވެ. ޓެރަރިޒަމްގެ ގާނޫނު އުވާލުމަކީ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަަމަށް ސުއޫދު އިޝާރާތް ކުރެއްވީ، އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންތަކަކަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާކޮށް، ހުކުމް ކޮށްފައިވާ މައްސަލައިގަ އެވެ. އެ ގާނޫނުގެ ދަށުން ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތުގެ މަރުހަލާގައި ވެސް މައްސަލަތަކެއް އެބަހުއްޓެވެ.

ސިޔާސީ ބޭފުޅުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލުމަކީ ސުއޫދުގެ އިތުރުން އެހެން ބައެއް ގާނޫނީ ވަކީލުންގެ ވެސް ކަންބޮޑުވުން އޮތް މައްސަލައެކެވެ.