ލ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ހެނދުނު ލޮޅުމެއް އަރައިފި އެވެ.
އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 11:33 ހާއިރު، އެ ރަށުގެ ގިނަ ރަށްތަކަށް މި ލޮޅުމުގެ އިހުސާސް ވަނީ ކުރެވިފަ އެވެ. އެގޮތުން ގަމާއި ފޮނަދު އާއި ދަނބިދޫ އާއި ކައްދޫގެ އިތުރުން މާންދޫއަށް ވެސް ލޮޅުމުގެ އިހުސާސް ކުރެވި، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އަށް ވަނީ ރިޕޯޓްކޮށްފަ އެވެ.
ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު ވިދާޅުވީ ލޮޅުމުގެ އިހުސާސް، ދެ ފަހަރެއްގެ މަތިން އެ ރަށަށް ކުރެވުނު ކަމަށެވެ.
"އަޅުގަނޑުމެން އޮފީހުގައި ތިބި އިރު، މޭޒުމަތީގައި ހުރި ކޮމްޕިއުޓަރުތައް ވެސް ތެޅިގަތް. އެއްވެސް އެއްޗެއް ވެއްޓި، ގެއްލުމެއް ނުލިބޭ. އެކަމަކު ހަމަ މިނިޓެއްހާއިރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ދެ ފަހަރަށް ލޮޅުން އެރި،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޮޅުމުގެ އިހުސާސް ކުރެވިގެން، ރަށުގެ ގިނަ ގެތަކުން ވެސް ކައުންސިލަށް އެކަން ރިޕޯޓް ކުރަމުން ދާ ކަމަށެވެ.
މެޓު އޮފީހުން ބުނިގޮތުގައި މިހާތަނަށް ބެލިބެލުމުން މިއީ ބިންހެލުމެއް ކަމަކަށް ނުބެލެވެ އެވެ. އެކަމަކު އެކަން ހިނގި ސަބަބު ބަލަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
މިދިޔަ މަހުގެ ތެރޭގައި، ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަނީ ހަމަ މި ފަދަ ލޮޅުމެއް އަރައިފަ އެވެ. ހެނދުނު 6:40 ހާއިރު، ހަތަރު ވަރަކަށް ސިކުންތަށް ރަށްތަކުގެ ބިންގަނޑު ވަރަށް ބޮޑަށް ގުޑި ކަމަށް، އެ އަތޮޅުގެ ބައެއް ރަށްތަކުން އޭރު ބުނެފައި ވެ އެވެ.
އިންޑޮނޭޝިޔާގެ ސުމަޓްރާގެ ހުޅަނގުން އޮންނަ މެންޓާވީ އައިލެންޑްގެ ހުޅަނގު ދެކުނުން 105 ކިލޯ މީޓަރު ދުރަށް، ރެކްޓާ މިންގަނޑުން 5.9 ގެ ބާރުމިނުގައި ރޭ ފަތިހު ވަނީ ބިންހެލުމެއް އައިސްފަ އެވެ. އެހެން ނަމަވެސް ސުނާމީގެ އެއްވެސް ބިރެއް ނެތެވެ. އަދި އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ވެސް ނެތެވެ.