ވިލާ އަށް ބޮޑެތި ލުއިތަކެއް ދިނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އަދީބަށް ދައުވާ ކުރަން އޭސީސީން ފޮނުވަނީ

ވިލާގެ އެކި ކުންފުނިތަކަށް ދައުލަތުން ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ލުއިތަަކެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ހެދި ސެޓްލްމަންޓް އެގްރިމެންޓްތައް ހަދާފައި ވަނީ ދޭން ނުޖެހޭ ބޮޑެތިި ލުއިތަކެއް ލިބޭ ގޮތަށް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.


ގާސިމް އިބްރާހިމްގެ ވިލާގެ އެކި ކުންފުނިތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ޑިސެމްބަރު، 2013 ގައި ހެދި ސެޓްލްމަންޓް އެގްރިމެންޓްތަކަކީ އަލީ އިބްރާހިމް ކިޔާ މީހަކަށް 9.7 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ޖެހުމުން އެކަމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ވިލާ ކުންފުންޏާއި ސަރުކާރާ ދެމެދު ހެދި އެއްބަސްވުންތަކެކެވެ. އެ އެއްބަސްވުންތައް 2015 ގައި ސަރުކާރުން ބާތިލް ކޮށްފައި ވަނިކޮށް، މިދިޔަ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވަނީ އެ އެއްބަސްވުންތައް އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ހުކުމްކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި، އެ އެއްބަސްވުންތަކުގެ މައްސަލަ ބެލުމަށް ފަހު އެއީ ގާނޫނާ ޚިލާފަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް އޭސީސީން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެ އެއްބަސްވުންތައް ހެދުމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަދީބު ބައިވެރިވެވަޑައިގެންފައިވާ ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެހެން ބަޔަކަށް ނާޖާއިޒް ފައިދާ ލިބިފައިވާ ކަމަށް ކަނޑައަޅައި، އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން އޭސީސީން ނިންމާފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ.

މީގެ އިތުރުން، އެ އެއްބަސްވުންތަކަކީ މާލިއްޔަތު ގާނޫނާއި ޓޫރިޒަމްގެ ގާނޫނާ ޚިލާފަށް، ދޭން ނުޖެހޭ ބޮޑެތި ލުއިތަކެއް ދީގެން ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށާއި އެހެންވެ، އެއީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށް އޭސީސީގެ ނިންމުމުގައިވާ ކަމަށް ވަނީ އެނގިފަ އެވެ. އަދި އެ އެއްބަސްވުންތަކާ ގުޅިގެން ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށް ފަހު، އެއްބަސްވުންތަކާ މެދު ގޮތެއް ނިންމަން ޓޫރިޒަމް މިނިސްޓްރީ އަށް އޭސީސީން ވަނީ އަންގައިފަ އެވެ.

އެ އެއްބަސްވުންތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގިއިރު، ދައުލަތުން ވެސް ބުނެފައިވަނީ އެ އެއްބަސްވުންތައް ހަދާފައި އޮތީ ދޭން ނުޖެހޭ ބޮޑެތި ލުއިތަކެއް ދީގެން ކަމަށާއި އެ އެއްބަސްވުންތައް ހެދުމުގައި ބަންޑާރަ ނައިބުގެ ލަފައެއް ވެސް ހޯދާފައި ނެތް ކަމަށެވެ. އެގޮތުން، އިތުރު ފީއެއް ނެގުމެއް ނެތި ރަށްތަކާއި ފަޅުތަކުގެ މުއްދަތު 50 އަހަރަށް އިތުރުކޮށް، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދީފައިވާ ކަމަށާއި އެކަންކަމުގެ ސަބަބުން ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ މާލީ މަންފާ ވިލާ އަށް ލިބިފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

އަދީބުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަން އޭސީސީން ނިންމިއިރު، އޭނާ މިހާރު ވެސް ގެންދަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރާ އިތުރު ކޮރަޕްޝަންގެ މައްސަލަތަކެއް މިހާރު ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.