އދ. ގެ މައި މަރުކަޒުގައި ދިވެއްސަކު ހުނަރު ދައްކާލައިފި

އދ. ގެ މައި މަރުކަޒުގައި ދިވެހި ކުރެހުންތެރިއަކު އޭނާގެ ހުނަރު ދައްކާލައިފި އެވެ.


ކޮފީ ބޭނުންކޮށްގެން ކުރަހަމުން އަންނަ ހުސައިން އިއްފަލް (އިއްފަ) ވަނީ، އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ހޯދަން ރާއްޖޭން ހިންގި ކެމްޕެއިން ހަރަކާތުގައި ބައިވެރިވެ ގައުމުތަކުގެ ސަމާލުކަން ހޯދައިފަ އެވެ. މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި އެ ހަރަކާތުގައި ހުނަރު ދައްކާލަން އޭނާ އަށް ފުރުސަތު ހޯދައިދިނީ ރާއްޖޭގެ ފޮރިން މިނިސްޓްރީންނެވެ.

ރާއްޖޭގެ ވަފުދާއެކު، އިއްފަ ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާގެ ކުރެހުމަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށް ބުނި

އެ ކެމްޕެއިންގެ ތެރެއިން ބޭއްވި ހަރަކާތުގައި އިއްފަ ކުރެހީ ވެލި ބޭނުން ކޮށްގެންނެވެ. އެއިން ރާއްޖޭގެ ސަގާފަތާއި ތާރީހު އޭނާ ދައްކައިދިނެވެ. ރާއްޖޭގެ އިތުރުން ދެން ބައިވެރިވީ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި އިންޑޮނޭޝިޔާ އެވެ.

"އެ ހަރަކާތުގައި 100 އަށްވުރެ ގިނަ ގައުމުތަކުގެ ބޭފުޅުން ބައިވެރިވި. އެ ބޭފުޅުން ވެސް ވިދާޅުވީ ކުރެހުން ވަރަށް ފުރިހަމަކަމަށް، ވަރަށް ސަޕްރައިޒް ވެފައި ހުރީ،" އިއްފަ ބުންޏެވެ.

މިއީ އދ. ގެ މައި މަރުކަޒުގައި ދިވެހި އާޓިސްޓެއްގެ ހުނަރު ދައްކާލި ފުރަތަމަ ފަހަރެވެ.

އޭނާ ބުނި ގޮތުގައި، އދ. ފަދަ ބޮޑު ތަނެއްގައި އާޓިސްޓަކު ހުނަރު ދައްކައިލުމަކީ ވަރަށް ބޮޑު ކާމިޔާބެކެވެ.

މީގެ 17 އަހަރު ކުރިން ސްކޫލުގައި އުޅުނު އިރު ކުރެހުމަށް އުފެދުނު ޝައުގުވެރިކަމާ އެކު ކުރެހުމުގެ ހުނަރު ތަފާތު ގޮތްގޮތަށް ދައްކަމުން އަންނަ އިއްފަ ވަނީ ތެޔޮ ކުލަ ބޭނުންކޮށްގެން ކަނޑު އަޑީގައި ކުރަހައި، ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދުނިޔެ އަށް ދައްކާލައިފަ އެވެ. އޭގެ އިތުރުން ބޭރު ދުނިޔޭގައި ވެސް އޭނާގެ ކުރެހުމުގެ މައުރަޒުތައް އަންނަނީ ބާއްވަމުންނެވެ.