އަދަބު ކަނޑައަޅާ މާއްދާ ނުލާ މާލީ ސެކިއުރިޓީޒްގެ ގާނޫނަށް ހުށަހެޅި އިސްލާހު ކޮމެޓީން ފާސްކޮށްފި

މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު، އަދަބު ދެވޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ފާސްކޮށްފި އެވެ.


މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހު މިދިޔަ އާދިއްތަ ދުވަހު ކޮމެޓީން ފާސްކުރި އިރު، މާ ބޮޑު ބަދަލުތަކެއް ގެނެސްފައެއް ނުވެ އެވެ. ކޮމެޓީން އިސްލާހު ފާސް ކުރިޔަސް، މަޖިލީހުގެ ތަޅުމަށް ހުށަހަޅައި އިސްލާހާ މެދު ގޮތެއް ނިންމާނެ އެވެ.

އިގްތިސާދީ ކޮމެޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަލީލް ވިދާޅުވި ގޮތުގައި އިސްލާހު ކޮމެޓީން ފާސްކުރީ މާލީ ސެކިއުރިޓީޒް ގާނޫނާ ހިލާފުވެއްޖެ ނަމަ މަދަނީ ބަދަލެއްގެ ގޮތުގައި ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނާ މާއްދާ އުނިކުރުމަށް ފަހު އެވެ.

އުނިކުރި މާއްދާގައި ވަނީ ގާނޫނާ ހިލާފުވާ މީހަކު އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) އަށް ލިބޭނެ ކަމަށެވެ. އަދި ސީއެމްޑީއޭން އިދާރީ ފިޔަވަޅު އެޅުމަކީ ޖިނާއީ ދައުވާ ކުރުމަށް އޮތް ހުރަހެއް ނޫން ކަމަށް ވެސް އެ މާއްދާގައިވެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ރިފާއު ވާހަކަ ދައްކަވަނީ: މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އޭނާ.-- ފޮޓޯ: މަޖިލިސް

ރިފާއު އިސްލާހު ހުށަހެޅުއްވީ ރާއްޖޭގެ ކުންފުނިތައް މެދުވެރިކޮށް ފަންޑް މެނޭޖު ކުރުމުގެ ހުއްދަ ދޫކުރުމާ ބެހޭ އުސޫލުތައް އެކުލަވާލުމަށެވެ. މިއީ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ފަންޑުތަކެއްކަން ރިފާއު ފާހަގަކުރައްވާފައިވެ އެވެ.

އިސްލާމިކް ފައިނޭންސްގެ އެކި ބާވަތުގެ އުފެއްދުންތައް ތައާރަފްކޮށް، ވިޔަފާރިތަކަށް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ފަންޑު ހޯދުމާއި އިންވެސްޓަރުންގެ ފަންޑުތައް ހަރުދަނާ އުސޫލެއްގެ ދަށުން އަމިއްލަ ވިޔަފާރިތަކަށް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަކީ އަމިއްލަ ވިޔަފާރިތައް ތަރައްގީ ކުރަން ކުރެވޭ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށްދޭނެ ކަމެއް ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އިސްލާހުގައިވާ ގޮތުން އިސްލާމިކް ފައިނޭންސަކީ ރާއްޖޭގައި މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ދާއިރާއެއް ކަމުން ހިއްސާގެ ބާޒާރުގައި އިސްލާމިކް ސެކިއުރިޓީޒް ދޫކުރެވޭނެ މިހާރަށް ވުރެ ހަރުދަނާ އިންތިޒާމްތަކެއް ހަމަޖައްސަން ވަނީ ކަނޑައަޅައިފަ އެވެ.

ސީއެމްޑީއޭގެ ބޯޑު މެމްބަރަކު މަގާމުން ވަކި ކުރެވޭނީ ޖިނާއީ ކުށެއް ކުރިކަން ޝަރުއީ ކޯޓަކުން ސާބިތުވެ، އޭނާގެ މައްޗަށް ހުކުމެއް އައުމުންނާއި މެމްބަރުކަމުގެ މަގާމުގައި ހުރެ ކޮށްގެން ނުވާނެ ފަދަ ކަމެއް ކުރުމުން ކަމަށް ވެސް މި އިސްލާހުގައިވެ އެވެ. އަދި އެއްވެސް ހާލަތެއް މެދުވެރިވެގެން މެމްބަރަކު ބޯޑުން ވަކިވެއްޖެނަމަ 60 ދުވަހުގެ ތެރޭގައި ބޯޑަށް މެމްބަރަކު އައްޔަން ކުރަން ވާނެ ކަމަށެވެ.

މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަކީ ރާއްޖޭގައި ސެކިއުރިޓީޒް އިޝޫ ކުރުމާއި، ގަނެވިއްކުމާއި ކެޕިޓަލް މާކެޓް ކުރިއެރުވުމަށް 2006 ވަނަ އަހަރު ފާސްކުރި ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ކެޕިޓަލް މާކެޓްގެ ކަންކަން ބަލަހައްޓާ މުއައްސަސާއަކާއި ހިއްސާގެ ބާޒާރާއި އެ ބާޒާރު ހިންގުމަށް ބޭނުންވާ އެހެން އިންތިޒާމުތައް ވަނީ ހަމަޖެހިފަ އެވެ.