ޑްރަގް ބޭނުންކުރާ ކުޑަކުދިންގެ ހާއްސަ ފަރުވާ ފަށައިފި

މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ހާއްސަ ރިހެބިލިޓޭޝަން ފަރުވާ ޕްރޮގްރާމް، ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގައި އިއްޔެ ފަށައިފި އެވެ.


އެ އޭޖެންސީގައި ބޭއްވި ރަސްމިއްޔާތެއްގައި، ކުޑަކުދިންނަށް ހާއްސަ އެ ޕްރޮގްރާމް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

އެ އޭޖެންސީގައި މީގެ ކުރިން ފަރުވާ ދެމުން އައީ ބޮޑެތި މީހުންނަށް އެކަންޏެވެ. ނަމަވެސް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ކުޑަކުދިންނަށް ދޭން ޖެހޭ އެ ފަރުވާ ދޭން ފެށުމުން، މުޖުތަމައަށް ނުކުންނަން ބޭނުންވާ ގިނަ ކުދިންނަށް ފުރުސަތު ދެވޭނެ ކަމަށް އެންޑީއޭ އިން ބުންޏެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން އެ އެއްޗެހި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދޭން ހާއްސަ މަރުކަޒެއް ހުންނަން ޖެހޭނެ އެވެ. އެފަދަ މަރުކަޒެއް އަދި ނެތަސް، އެންޑީއޭ އިން ވަނީ ކުޑަކުދިންގެ ރިހެބިލިޓޭޝަން ފަރުވާ ދޭނެ ސެންޓަރެއް ހުޅުވަން މަސައްކަތް ކުރަމުންނެވެ.

އެ އޭޖެންސީގެ ސީއީއޯ ހަސަން ޝަހީލް މިއަދު ވިދާޅުވީ ކުޑަކުދިންނަށް ހާއްސަ ޕްރޮގްރާމެއް ތައްޔާރުކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އަދި އެންޑީއޭ އިން ގުޅިގެން ކުރި އަށް ގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމަށް ޔުނީސެފްގެ އެހީތެރިކަން ވެސް ލިބުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.

ބޮޑެތި މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ އަލިކިލޭގެފާނު މަގުގައި ހުންނަ އެންޑީއޭގެ ކޮމިއުނިޓީ ސެންޓަރު ތެރޭގަ އެވެ. ނަމަވެސް ކުޑަކުދިންގެ ރިހެބިލިޓޭޝަން ފަރުވާ ކުރި އަށް ގެންދާނީ އެ ޕްރޮގްރާމާ މުޅިން ވަކިންނެވެ.

ޝަހީލް ވިދާޅުވީ އެ ޕްރޮގްރާމުގެ ތެރޭގައި ކައުންސެލިންގެ އިތުރުން ދީނާއި ދިރިއުޅުމުގެ ކާމިޔާބީތަކާ ބެހޭ ގޮތުން މައުލޫމާތު ދޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން އެ ކުދިންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ބަލައި ދޭތެރެ ދޭތެރެއިން އެ ކުދިންގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެއީ ކުޑަކުދިންނަށް ހާއްސަ ފަރުވާއަކަށް ވިއަސް، އެ ތަނުން ހިދުމަތް ދޭން ނިންމާފައިވަނީ 15-17 އަހަރާ ދެމެދުގެ ކުދިންނަށެވެ.

"މި ތަނަށް ފަރުވާ ހޯދަން އަންނަ ހުރިހާ ކުދިންނަށް ވެސް ފުރުސަތު ދެވޭނެ. ޖާގަ ނުލިބިގެން އެއްވެސް ކުއްޖަކު ބާކީވާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" ޝަހީލް ވިދާޅުވި އެވެ.

އެ ފަރުވާ ހޯދަން ކުއްޖަކު އަމިއްލަ އަށް ހުށަހެޅިދާނެ އެވެ. ނުވަތަ ވަކި ކުއްޖަކަށް އެ ފަރުވާ ދިނުމަށް ދައުލަތުގެ މައްޗަށް ޑްރަގް ކޯޓުން އަމުރު ވެސް ކުރެވޭނެ އެވެ. ނަމަވެސް އެއީ އަމިއްލަ އަށް ބޭނުންވެގެން، ރަނގަޅުވާން ބޭނުންވެގެން ހޯދާ ފަރުވާއަކަށް ހެދުމަށް އެންޑީއޭ އިން އިލްތިމާސް ކުރެ އެވެ.

އެންޑީއޭގެ ފަރުވާ ޕްރޮގްރާމްތައް ހިންގަނީ، ތިން މަަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތިން ދުރުކޮށްދިނުމަށް އަމާޒުކޮށްގެންނެވެ. ނަމަވެސް އެ ކުއްޖަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް މުއްދަތު އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް މާލެ އާއި ހުޅުމާލޭގެ އިތުރުން ހިންމަފުށީ، އައްޑޫ އަދި ފުވައްމުލަކުގައި ހަތް ސެންޓަރެއް ހުޅުވާފައި ވެ އެވެ. އެތަންތަނުގައި 500 އަށްވުރެ ގިނަ މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ.