އެމްޑީޕީގެ ޕްރެސް ކޮންފަރެންސްގައި މާރިޔާ އާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
04 ޖުލައި 2018 - 19:23
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުން ރައީސް އަބްދުﷲ ޔާމީން އެއްފަރާތް ކުރުމަށް ރައްޔިތުން ތިބީ ކެއްމަދުވެފައި ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން "ޖަޒީރާ ރާއްޖެ" ނަމުގައި، ކުރާ ކެމްޕޭންގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވާ މާރިޔާ ވިދާޅުވީ ރައީސް ޔާމީނަށް އިތުރު ދައުރެއް ދޭން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
އިދިކޮޅު ކެންޑިޑޭޓަކަށް، އެމްޑީޕީން ނެރުނު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސިޔާސީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި ރައްޔިތުންގެ ތާއީދާއި އިތުބާރު އޮތް ބޭފުޅެއް ކަމަށެވެ. އަދި ވޯޓުން ރައީސް ޔާމީން ބަލިކުރާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި، ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސީ ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަން އިލެކްޝަންސް ކޮމިޝަނުން އަންގައި، ނަޝީދު ކެންޑިޑެސީ ދޫކޮށް ލެއްވުމުންނެވެ.
އިބޫ އަށް މަރުހަބާ ދަންނަވައި، ރައްޔިތުންނަށް ތަކުލީފު ނުޖައްސައި ކެމްޕޭން ކުރައްވަން ރައީސް ޔާމީން ގޮވާލައްވާފައިވާ އިރު، މިހާތަނަށް ވެސް އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރެއް އެއްވެސް ތަނެއްގައި ހަރުކުރިޔަ ނުދޭ ކަަމަށް މާރިޔާ ވިދާޅުވި އެވެ. "ޖަޒީރާ ރާއްޖެ" ޕޯސްޓަރުތައް ޖަހައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ އެއްވެސް ހަމައެއް، އުސޫލެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދޭތެރޭގައި ކަންކަން ކުރައްވާ އުސޫލުން، އަޅުގަނޑުމެންގެ ޕޯސްޓަރުތަކާ ދޭތެރޭގައި ވެސް އަމަލު ކުރަނީ. ޕޯސްޓަރެއް ފެންނަ އިރަށް ވީދާ ކަމަށް ވަންޏާ ކަމަކު ނުދާނެ. އަޅުގަނޑުމެން ވެސް ކެމްޕޭނަށް ތައްޔާރު ކޮށްފައި ހުރި އެއްޗެހި އެއީ،" އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެވެ.
"މި ގޮތަށް ކަންކަން ކުރިޔަސް، [އެމްޑީޕީގެ ކޮންގްރެސް ބޭއްވި] އުކުޅަހު ރައްޔިތުން ވެސް އަޅުގަނޑުމެންގެ ގާތުގައި ބުނީ މާރިޔާއޭ، ވޯޓުފޮށި ދޭށޭ، ވޯޓު އަޅާ އަޅާ، ރައީސް ޔާމީން ބަލިކުރާނަމޭ."
މާރިޔާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ވެރިކަމުގެ މި ހިސާބަށް ކަންކަން ހިންގާފައިވާ ގޮތާއި އިލެކްޝަންސް ކޮމިޝަނުގެ އަމަލުތަކަށް ބަލާއިރު މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބާއްވާނެ އެވެ. އެހެން ވިޔަސް، އިންތިޚާބުގައި ބައިވެރިވެ، ވޯޓުން ރައީސް ޔާމީން ބަލިކުރަން ނިންމީ، މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބެންދެން މަޑުކޮށްގެން ތިބެވެން ނެތުމުން ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ ރައީސް ޔާމީން ނޫން. އެހެން ބޭފުޅަކާ އެކީގައި ރާއްޖެ ކުރިއަށް ދާން،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކި ކުށްތަކުގައި ބަންދުކޮށްފައިވާ އަދި ޖަލަށް ހުކުމް ކޮށްފައިވާ އިދިކޮޅު ސިޔާސީ ލީޑަރުންގެ ބައިވެރިވުމެއް ނެތި ބާއްވާ އިންތިޚާބު މިނިވަންކަމަށް އެއްވެސް ހަމައަކުން ގަބޫލެއް ނުކުރެވޭނެ އެވެ. އެއާ އެކު، ސިޔާސީ ހަރަކާތް ހިންގަން ޕާޓީތަކަށް ހުރަސްއަޅައި، އިންތިޚާބާ ބެހޭ ގާނޫނުތަކަށް ހިތުހުރި ބަދަލުތައް ގެނެސް ރައީސް ޔާމީން ނޫން ބޭފުޅަކަށް ކެމްޕޭން ކުރުމުގެ ފުރުސަތު ވެސް ނުދީ، ހައްގުތައް ހިފަހައްޓައިގެން ހިންގާ އަމަލުތަކުން މިނިވަން އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ވިދާޅުވި އެވެ.
ކޮންމެ ފަދަ ފިއްތުންތަކެއް ކުރިމަތި ކުރިޔަސް، މާރިޔާ ވިދާޅުވި ގޮތުގައި، އެމްޑީޕީ އަކީ އިންތިޚާބުތަކަށް ފުރަަގަސްދޭނެ ޕާޓީއެއް ނޫނެވެ. އެކަން 2013 ގެ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީން ސާފުކޮށްދީފައި ވާނެ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީ އަކީ ވޯޓުލާ ހިތްވާ ޕާޓީއެއް. އެމްޑީޕީ އަކީ ވޯޓަކާ ކުރިމަތިވުމުން ފޯރި އާއި ޖޯޝާ އެކު ނުކުންނަ ޕާޓީއެއް. މިހާ ހިސާބަށް އައިސް ކަން ކުރީ އެހެން. ކުރިއަށް އޮތް ތަނުގައި ވެސް ކަން ކުރާނީ އެހެން. ވޯޓު އަޅުގަނޑުމެން އަޅައި، އަޅުގަނޑުމެންގެ ވޯޓު ގިނަކަމުން ގޮސް ރައީސް ޔާމީން އެއްފަރާތަށް ޖެހޭ ހިސާބަށް މިކަން ކުރާނަން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އިންތިޚާބު ބާއްވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރަކު މަޖިލީހަށް ވަނުމުގެ ފުރުސަތު ނުދީ، ހައްގުތައް ނިގުޅައިގަނެ، ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައި، ރައްޔިތުން ވަރަށް ހިތްދަތި ހާލަތަކަށް ވައްޓާލާފައިވާ ކަމަށެވެ. ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަންކުރަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
05 July 2018
ރައްޔިތުންނޭ ނުކިޔާ އެ ހައްގު މާރިޔާ އަކަށް ނޯންނާނެ
ބެލްސާ
05 July 2018
ވެރީން ވާންޖެހޭނީ ވަރަށް ހަރުދަނާ އަދި އެހެން މީހުން ޖެހިލުންވާ މީހަކަށް ހަމަ ޖަހާހާ ބެރަކަށް ނަށާ މީހަށް ވެގެން ނުވާނެ އޭރަށް ވާނީ އިސްތިއުފާދިން ސޮރަށް ވީވަރު
ރޮމާރިއާ
05 July 2018
ބޭނުންވަނީ ހަމަ އެކަނި ރައީސް ޔާމީންތަ އެއްކައިރިކުރަން؟ މެއްސެއް އައިސް ބުނީ، ދެން ތިބި އެންމެންވެސް ބޭނުމޭ އެއްކައިރިކުރަން އެކަމު މިވަގުތުހަމަ އެކަނި ކޮޓަރިތެރެއޭ އެވާހަކަ ބާއްވާނީ. ވަގުތު ޖެހުނީމަ އެކަން ކުރާނީއޭ.
ދެބަދި ހާރު
05 July 2018
މީކީ ހުރިހާ ރައްޔިތުންގެ ވާހަކަ އެއް ކަމަކަށް ބަލައެއް ނުގަނެވޭނެ. ހަމަ ގައިމުވެސް ރައީސް ޔާމީން ޤައުމަށް މިކޮށް ދޭ ޙިދުމަތް ތަކާއީ ހުރެ އަހަރެން މިފަހަރު ވޯޓް ލާން ނިންމަނީ ޔާމީނަށް... މިިހާރު އެބަފެނޭ ކުރި އަރާވަރު...ސޯ ނައު ކާންޑް ސޭ ނޯ.
އެޑްމުންޑޯ1
05 July 2018
ރައްޔިތުން ތިބީ ރައީސް ޔާމީން އެއްފަރާތް ކުރަން ކެތްމަދުވެފައި... މި ސުރުޚީ ރަގަޅުކޮށްލާށެވެ. ރަނަގަޅުގޮތަކީ: ރައްޔިތުންގހެ ތެރެއިން ބަޔަކުތިބީ ރައީސް ޔާމީން އެއްފަރާތް ކުރަން ކެތްމަދުވެފައި. އެއްވެސް ޙާލެއްގައި އެއްވެސް މީހަކަށް މުޅި ރައްޔިތުން ޝާމިލުކޮށް އެއްޗެއް ނުބުނެވޭނެއެވެ. ރައްޔިތުންގެތެރެއިން ބަޔަކު އެގޮތަށް ބޭނުންވާކަން އެއީ ޔަޤީންކަމެކެވެ. އެއްބަޔަކު ބޭނުންވަނީ ރައީސް ޔާމީނު ހޮވުނަ ނުދޭށެވެ. އަނެއް ބަޔަކު ބޭނުންވަނީ ޔާމީނު ހޮވާށެވެ. މީ ޙަޤީޤަތެވެ.
މިފަހަރު
05 July 2018
މިފަހަރު މާރިޔާމެންނަށް ފުރުސަތެއްނެތް. އަހަރެމެން ތިބީ އިބޫ އާއި އެކު
ހަސަންމަނިކުފާނު
05 July 2018
ޔޫމެން ތިހެން 2013 ގައިވެސް ކީ! ޗޮކުން ދިޔައީ!
ބަތަލް.
05 July 2018
މާރިޔާ ތިއަގަގަޑު މައިތިކޮށްބެލަ، މިގައުމަކަށް ތިޔަ އަނިޔާވެރި އެން ޑީ ޕީ އެއްވެރިކަން ކުރާކަށް ނާންނާނެ، ތިޕާޓީގެ ވެރިކަމުގައެއްނޫންތަބުނީ. ބުނީ އެހެރީ ބުދު ބަހައްޓާފައޭ އަދިވެސް ބަހައްޓާނަމޭ، ދެން އެފުރުސަތެއް ނުދެވޭނެ. ސޮރީ،
ދޮންބީފާު
05 July 2018
އެހެންދޯ؟ މާރިޔާއްދީ 2013 ގަވެސް ބުނީ ތިހެން. ކަލޭ ދެއްކިހާ ވާހަކަ ވީ ފަރިއްސަށް. މިފަހަރުވެސް އެނގިދާނެތާ. ކަލޭ މިއަދާ ހަމަައަށް ކިިޔަމުން އައީމެއްނު ނަޝީދުގެ ނަން ވޯޓު ކަަރުދާސްކޮޅުގައި އޮންނާނެ އޮންނާނެ އޮންނާނެ ހަމަ އޮންނާނެއޭވެސް. ކުޑަކޮށް ގަމާރު ދޯ ކަލޭވެސް.
އަޅްސަބާ
05 July 2018
ޖޭޕީ އަކައް ރަނިން މޭޓެއް ނުޅިބުނު ދެން ކަޅޭމެންގެ ވެޅެޒިނީ ގެނޭ އޭރުން ޔޫރަޕް ފުރެންޑުން އުފާވާނެ