އަންނަ މަސް ނިމުމުގެ ކުރިން ބްރިޖު ހުޅުވާނެ: މިނިސްޓަރު

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖު، އަންނަ މަސް ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އަންނަ ހޯމަ ދުވަހު މާލެ އާއި ހުޅުލެ ބްރިޖުން ގުޅުވާލައި ނިމެނޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެތައް ބައެއްގެ އުއްމީދު ހަގީގަތަކަށްވާ އެ ދުވަހަކީ، ތާރީޚުގައި ރަން އަކުރުން ލިއެވޭނެ ދުވަހަކަށް ވާނެ އެވެ.

"ޖުލައި 9 ގައި މާލެ އާއި ހުޅުލެ ބްރިޖުން ގުޅިގެން މިދަނީ. މިއީ، ރައްޔިތުންގެ ހައްގުގައި، މި ސަރުކާރުން ރައީސް ޔާމީން ކުރިއަށް ގެންދާ އުމްރާނީ މަސައްކަތްތަކުގެ ތެރެއިން ހާސިލްވާ ވަރަށް ބޮޑު ކާމިޔާބީއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ އާއި ހުޅުލެ ގުޅުވާލައި ދެން އޮންނާނީ ބްރިޖުގެ ޑެކު މަތީގައި ތާރު އެޅުމެވެ. އެއާއެކު، ވެހިކަލް ދަތުރުތަކަށް ލޭންތައް ހެދުމާއި ލައިޓު ޖެހުން ފަދަ ކަންކަން ހިމެނެ އެވެ. އަންނަ ހޯމަ ދުވަހުން ފެށިގެން އޮންނާނީ، ބްރިޖު ނިންމުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ. --ފޮޓޯ/އަހްމަދު ނިޝާތު

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޖުލައި 26 ގައި ބްރިޖު ހުޅުވަން ނިންމާފައިވާނެ ކަމަށް އެއްވެސް އިރެއްގައި ސަރުކާރުން ބުނެފައެއް ނުވާނެ އެވެ. އެކަމަކު، އެ ތާރީޚަށް ބްރިޖު ނިމޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ޗައިނާގެ ސީސީސީސީން އުއްމީދުކޮށް، ސަރުކާރާ އެ ވާހަކަ ހިއްސާކުރި ނަމަވެސް އެ ތާރީޚަށް ނިންމަން މަޖުބޫރުކޮށްފައެއް ނުވެ އެވެ.

ބްރިޖު ގުޅާލުން ކުރިއަށް ދަނީ: ސީސީސީސީއާ އެކު އެއްބަސްވެފައި ވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބްރިޖުގެ މަސައްކަތްތައް ނިންމަން.

ސަބަބަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ކުންފުންޏާއެކު އެއްބަސްވެފައި ވަނީ ސެޕްޓެމްބަރު 25، އަށް ބްރިޖު ނިންމާށެވެ. އެކަމަކު މިހާރުގެ މަސައްކަތަށް ބަލާއިރު ވެސް ބްރިޖުގެ ހުރިހާ ކަމެއް ވެސް އަންނަނީ ޝެޑިއުލަށް ވުރެ ބާރަށް ކަމަށް ވިދާޅުވި އެވެ.

"މަސައްކަތުގެ ސްޕީޑު ހުރީ މިހާރު ވެސް އެއްމަސް ދުވަސް ކުރިއަށް. އަޅުގަނޑުމެންނަށް ވަރަށް ޔަގީން، އިރާދަކުރެއްވިއްޔާ އޮގަސްޓު މަސް ނިމުމުގެ ކުރީގައި ބްރިޖު ހުޅުވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަނީ، ވަރަށް ރަނގަޅަށް ކޮލިޓީ ބެލެހެއްޓިގެން ކަމަށެވެ. ބްރިޖު މަސައްކަތުގެ ކޮންސަލްޓަންޓަކީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އާރުޕް އެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.