އިސްލާމިކް ފައިނޭންސްގެ އެވޯޑުތަކެއް ދިވެހި ކުންފުނިތަކަކަށް ލިބިއްޖެ

އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއެރުން ހޯދި ދިވެހި ބައެއް ކުންފުނިތަކަށް މިދިޔަ ބުދަ ދުވަހު އެވޯޑު ލިބިއްޖެ އެވެ.


އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އައިއެފްއެފްއެސްއޭ) އެވޯޑު ލިބުނު ކުންފުނިތަކުގެ ތެރޭގައި ހައްޖު ކޯޕަރޭޝަންގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، އެލައިޑް އިންޝިއުރަންސްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް، އަމާނާ ތަކަފުލް މޯލްޑިވްސް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހިމެނެ އެވެ.

ހައްޖު ކޯޕަރޭޝަނަށާއި އެޗްޑީއެފްސީއަށް ލިބުނީ އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުންފުނިތަކުގެ ކެޓަގަރީންނެވެ. އެގޮތުން އެޗްޑީއެފްސީއަށް ކެޓަގަރީގެ އެއްވަނަ ލިބުނު އިރު، ހައްޖު ކޯޕަރޭޝަނަށް ލިބުނީ ދެވަނަ އެވެ.

އެޗްޑީއެފްސީއަކީ ގެދޮރު އިމާރާތް ކުރަން ބޭނުންވާ މީހުންނަށް ލޯނު ދިނުމަށް ސަރުކާރާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމަންޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.

ހައްޖު ކޯޕަރޭޝަނަކީ ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމަށް އުފެއްދި ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ހައްޖާއި އުމްރާ އަށް ދިއުމަށް ފައިސާ ރައްކާ ކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ ގޮތުން ސްކީމްތަކެއް ތައާރަފްކޮށްފަ އެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ހައްޖު ކޯޕަރޭޝަނަށް ލިބުނު އެވޯޑާ އެ ކޯޕަރޭޝަނުގެ ބޯޑް މެމްބަރު މުހައްމަދު ރިޒާ ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މީގެ އިތުރުން ސީއެމްޑީއަށް އިސްލާމިކް ފައިނޭންސްގެ އެޑިއުކޭޝަން ކެޓަގަރީން އެއްވަނަ ލިބުނު އިރު، ސީއެމްޑީއޭއަކީ އާންމުންނަށާއި ކުންފުނިތަކަށް ފައިސާ ހޯދުމުގެ އާ ފުރުސަތުތައް ހޯދައިދިނުމާއި އިންވެސްޓްމަންޓްގެ އާ ނިޒާމެއް ގާއިމްކުރުމުގެ އިތުރުން ކެޕިޓަލް މާކެޓްގައި ހަރަކާތްތެރިވާ ފަރާތްތައް ހޭލުންތެރި ކުރުވުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

ލަންކާގެ ޔޫޓީއޯ އެޑިއު ކޮންސަލްޓިން އިން މި އަހަރު ދޭން ފެށި އެވޯޑުގެ އެއްވަނަ އިސްލާމިކް ބޭންކަށާއި އަމާނާ ތަކަފުލްއަށް ލިބުނީ އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުންފުންޏަށް ވާތީ އެވެ.

އަމާނާ ތަކަފުލްއަކީ ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ހިއްސާ ވިއްކުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ އިސްލާމިކް ހެލްތު އިންޝިއުރަންސް ފަދަ އިސްލާމިކް ފައިނޭންސްގެ ތަފާތު އެކިއެކި ޕްރޮޑަކްޓްތައް ވެސް ތައާރަފްކޮށްފަ އެވެ.

ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އަދި އައިސީޑީގެ 85 ޕަސެންޓް ހިއްސާއާއެކު 2011 ވަނަ އަހަރު އުފެދުނު އެމްއައިބީ އަކީ ރާއްޖޭގައި ހިންގާ ހަމައެކަނި އިސްލާމިކް ބޭންކެވެ. އެ ބޭންކުން ދަނީ ރާއްޖޭގައި އެކިކަންކޮޅުތަކަށް ހިދުމަތް ފުޅާ ކުރަމުންނެވެ.

ތަކަފުލް ވިންޑޯ ކެޓަގަރީން އެއްވަނަ ހޯދި އެލައިޑް އިންޝިއުރަންސްގެ އެލައިޑް އަޔާދީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުންޏެވެ. އެ ކުންފުނިން ދާދިފަހުން ވަނީ އިސްލާމީ ޝަރީއަތް ހުއްދަކުރާ އިންޝުއަރެންސް ސްކީމެއް ވެސް ތައާރަފްކޮށްފަ އެވެ.

އައިއެފްއެފްއެސްއޭ އެވޯޑަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ ބައިނަލްއަގުވާމީ އެވޯޑެކެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތްދޭ ފަރާތްތަކަށް ހާއްސަކޮށްގެން ދިން ފުރަތަމަ އެވޯޑެވެ.