އައްޑު އާއި ފުވައްމުލަކުގެ ދަފްތަރު ވެސް ހައުސިންގެ ދަށަށް

ފުވައްމުލަކު އަދި އައްޑޫ ސިޓީ ކައުންސިލުން ބަލަހައްޓަމުން އައި، ވިހައި މަރުވާ މީހުންގެ ރެކޯޑާއި ރަށުގައި ރަޖިސްޓަރީ ވެފައިވާ މީހުންގެ ދަފްތަރު ވެސް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.


ލާމަރުކަޒީ ގާނޫނުގެ ދަށުން، ސިޓީ ކައުންސިލްގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި މަސައްކަތް، މާލޭ ސިޓީ ކައުންސިލްގެ އަތުން ވެސް ވަނީ ނަގައި ހައުސިން މިނިސްޓްރީ އަށް ބަދަލުކޮށްފަ އެވެ.

ވިހައި މަރުވާ މީހުންގެ ރެކޯޑާއި ރަށުގައި ރަޖިސްޓަރީ ވެފައިވާ މީހުންނާއި ރަޖިސްޓަރީ ނުވެ އުޅޭ މީހުންގެ އިތުރުން އެ ރަށެއްގައި އުޅޭ ބިދޭސީންގެ ދަފްތަރު ވެސް، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް މިއަދު ވިދާޅުވީ، އެންމެ ކުރިއްސުރެ ރަށު އޮފީހުން ނުވަތަ ކައުންސިލްތަކުން ކުރަމުން އައި އެ މަސައްކަތް ކުއްލިއަކަށް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރި ބޭނުން ވިސްނި ވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު، އާބާދީ އެންމެ ބޮޑެތި ރަށްތަކުގެ ދަފްތަރު ބެލެހެއްޓުން ވަކި މިނިސްޓްރީއަކާ ހަވާލުކުރަނީ ސިޔާސީ ކަމެއް ގަައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އިހުލާސްތެރި ކަމެއް އޮތް ނަމަ، މިނިސްޓްރީން އެއްގޮތަކަށް ވެސް ތައްޔާރު ނުވެ، ޓަސްލާފައި މި ފަދަ ނިންމުމެއް ނުނިންމާނެ. ރަށެއްގައި މަރުވާ އަދި ވިހައި މީހުންނާއި އެ ރަށެއްގައި އުޅޭ މީހުންގެ ރަޖިސްޓަރީ ބެލެހެއްޓުމަކީ ޒަމާނުއްސުރެ އެ ރަށަކުން ކޮށް އުޅޭ ކަމެއް،" ޔަސްރިފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ މިއީ ކެމްޕޭން ހަރަކާތެއް ކަމަށް."

އޭނާ ވިދާޅުވި ގޮތުގައި، މި އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮއްވައި، މީހުންގެ ރަޖިސްޓަރީއާ ގުޅޭ ހުރިހާ ކަމެއް ވަކި މިނިސްޓްރީއެއްގެ ދަށަށް ބަދަލު ކުރުމުން ވޯޓަށް ނުފޫޒު ފޯރުވުމުގެ ބިރު އެބައޮތެވެ.

ހައުސިން މިނިސްޓްރީގެ ޔުނިޓެއް، އައްޑު އާއި ފުވައްމުލަކުގައި ވަރަށް ކުރިއްސުރެ ފެށިގެން ވަނީ ގާއިމް ކޮށްފަ އެވެ.

ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު މިއަދު ވިދާޅުވީ، ރަށްވެހިވެފައިވާ މީހުންގެ ރަޖިސްޓަރީ އެހެން ތަނަކަށް ބަދަލު ކުރުމުން ވޯޓު ލުމުގެ ހައްގަށް ބަދަލުތަކެއް އަތުވެދާނެ ކަމަށެވެ. އަދި މިއީ އާއްމުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެ އޮތީ މާލޭ ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ވެސް ހުޅުވާލާފައި. އޭގެ ސަބަބުން އެ ކަކަށް ދެ އައިޑީ ކާޑު ހެއްދުމުގެ ފުރުސަތު އެބައޮތް. މި ހުންނަނީ ވޯޓަށް ނުފޫޒަށް ފޯރުވެވިދާނެ ކަންކަން،" ލިރާރު ވިދާޅުވި އެވެ.

ކައުންސިލްތަކުން ކުރަމުން އައި، މަގުތައް ބެލެހެއްޓުން ފަދަ މުނިސިޕަލްް ބައެއް މަސައްކަތްތައް ވެސް މީގެ ކުރިން ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އެކަމަކު، އެ މަސައްކަތްތައް ވެސް މިހާރު ކުރިއަށް ނުދާ ކަމަށް ކައުންސިލްތަކުން ބުންޏެވެ.

ހައުސިން މިނިސްޓްރީން ވަނީ މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން އައި ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތައް ވެސް އެ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މާލޭ ސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތައް އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތްތައް ނުދޭތީ އެވެ.