ފިޔަވަޅު އެޅިއަސް ރައީސް ޔާމީން ރާއްޖެ އަށް ގެއްލުންވިޔަ ނުދެއްވާނެ: ޝައިނީ

އިދިކޮޅުން ޕާޓީތަކުން އެދެމުން އައި ގޮތަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސަރުކާރުގެ ބައެއް އިސް ވެރިންނާ ދޭތެރޭގައި ފިޔަވަޅު އެޅިއަސް އޭގެ ސަބަބުން ދިވެހި ރައްޔިތުންނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުން ވާނެ ފަދަ އެއްވެސް ކަމަކަށް ރައީސް އަބްދުﷲ ޔާމީން ޖާގަ ނުދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަދި އީޔޫގެ ނިންމުންތަކާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން އިސްވެ ލޮބީ ކުރައްވާ ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ އިސް ބައެއް ވެރިންނާ ދޭތެރޭ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މާދަމާ އޮންނަ އީޔޫގެ ކައުންސިލް ބައްދަލުވުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. އީޔޫގެ ވެބްސައިޓުގައި އާއްމު ކޮށްފައިވާ އެޖެންޑާގެ ފަސް ވަނަ ނަމްބަރުގައިވާ ގޮތުން، ފިޔަވަޅު އަޅަނީ އިންސާނީ ހައްގުތަކަށް އަރައިގަނެ، ގާނޫނު ނެެގެހެއްޓުމަށް ހުރަސްއަޅާ ފަރާތްތަކާ މެދުގަ އެވެ.

އީޔޫ އިން ފިޔަވަޅު އަޅަން އިންޒާރު ދިނުމާ ގުޅިގެން، ސަރުކާރުގެ ފަރާތުން ބްރަސަލްސް އަށް ވަޑައިގެން ހުންނެވި މިނިސްޓަރު ޝައިނީ "މިހާރު" އަށް ވިދާޅުވީ، ފިޔަވަޅު އެޅުމާ ހަމައަށް އީޔޫން މި އައީ، އެކި ގައުމުތަކުގައި ލޮބީ ކޮށްގެން، އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ކުރަމުން އައި މަސައްކަތްތަކާ ގުޅިގެން ކަމަށެވެ. ރާއްޖޭގެ އިސް ވެރިންނަށް ފިޔަވަޅު އަޅަން އުޅޭ ކަން މީގެ ދެ ހަފުތާކުރިން އީޔޫން އެންގުމާ އެކު، ސަރުކާރުގެ އިސް ބޭފުޅުން ބެލްޖިއަމަށް ވަޑައިގެން އެ ޖަމާއަތުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި މަސައްކަތްތަކެއް ކުރެއްވި ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ގުޅޭ ގޮތުން ޝައިނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީން، އީޔޫ އަށް އޭރު ފޮނުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޝައިނީގެ އިތުރުން ފޮރިން މިނިސްޓަރު އަހްމަދު އާސިމް އާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އިލެކްޝަންސް ކޮމިޝަނަށް ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ މީހަކު ހަމަޖައްސަވައި ރާއްޖޭގައި މި އަހަރު ރިޔާސީ އިންތިޚާބެއް ނުބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އީޔޫގެ ގައުމުތަކަށް އިދިކޮޅު ފަރާތްތަކުން ވަނީ ދޮގު މައުލޫމާތު ދީފަ އެވެ. އެއާ އެކު، އިންތިޚާބަށް ކުރިމަތިލާ ކޮންމެ މީހަކު ވެސް ޖަލަށް ލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އީޔޫގައި ބުނެފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

އެކަމަކު، އެއީ ޚަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކޮންމެ މީހަކަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ސަރުކާރުން ދޭނެ ކަަމަށް ތަކުރާރުކޮށް ހާމަކޮށްފައިވާނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"އެކަން މިހާރު އެ އޮތީ ފެންނަން. އިދިކޮޅު ކެންޑިޑޭޓުންގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ފައިސަލް ނަސީމް ވެސް އައީ. ސަރުކާރުން މަރުހަބާ ވެސް ކިޔާފައި އެ ވަނީ. މި ހުރިހާ ކަމެއް ވެސް އިދިކޮޅު ފަރާތްތަކުން އީޔޫގައި ވަރަށް ގޯސްކޮށް ދައްކައިގެން މިހާ ހިސާބަށް [ފިޔަވަޅު އެޅުމާ ހިސާބަށް] ގޮސްފައި މިވަނީ،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅުން އެޅުވި ތުހުމަތުތަކާއި ދެއްކި ހަގީގަތާ ޚިލާފު ވާހަކަތަކާ ގުޅިގެން ރާއްޖެ އަށް ފިޔަވަޅު އަޅަން އީޔޫ އިން މާދަމާ އަށް އެޖެންޑާ ކޮށްފައި ވާތީ، އެ ނިންމުން އެހެން ގޮތަކަށް ބަދަލުކުރުމަކީ ދަތި ކަމެކެވެ. އެއާ އެކު، ވެސް ސަރުކާރުން މަސައްކަތްތަކެއް ކޮށް، ކުރިއެރުންތަކެއް ހޯދިފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފިޔަވަޅު އެޅިޔަ ނުދޭން ސަރުކާރަށް ކުރެވުނު ހުރިހާ މަސައްކަތެއް، ރައީސް ޔާމީނާއި ވަޒީރުންނާއި އެމްބެސެޑަރުން ހިމެނޭ ގޮތަށް މި އަންނަނީ ކުރަމުން. މިއަދާއި އިއްޔެ ހިމެނޭ ގޮތަށް ވޭތުވެދިޔަ ހަތަރު ފަސް ދުވަހު ވެސް އަޅުގަނޑު މިއަންނަނީ އީޔޫއާ އެކު ބައްދަލުވުންތައް ބާއްވަމުން. ކުރިއެރުންތަކެއް ވެސް ލިބިއްޖެ،" ޝައިނީ ވިދާޅުވި އެވެ.

"ސަރުކާރުން ޔަގީންކަންދޭ ކަމަކީ، ދިވެހި ރައްޔިތަކަށް ވެސް ވިޔަފާރިއަކަށް ވެސް ގެއްލުމެއް ވުން ހުއްޓުވުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ސަރުކާރުން ކުރާނެ ކަން."

އޭނާ ވިދާޅުވި ގޮތުގައި ފިޔަވަޅު އެޅިއަސް ރާއްޖޭގެ މިނިވަންކަމަށް އަރައިގަނެވޭފަދަ އެއްވެސް ނިންމުމަކަށް އިޖާބަދެއްވަން ރައީސް ޔާމީން ހުންނެވީ ތައްޔާރަކަށް ނޫނެވެ.

އީޔޫ އިން ސަރުކާރަށް ހުށަހެޅި މައިގަނޑު ކަންކަން:

- ރާއްޖޭގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށާއި ރައްޔިތުންގެ ހިފަހައްޓާފައިވާ ހުރިހާ ހައްގުތަކެއް ގާނޫނުއަސާސީގައި ވާ ގޮތަށް ކަށަވަރުކޮށްދިނުން.

- ހައްޔަރުކޮށްފައިވާ އަދި ހުކުމްކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން މިނިވަން ކުރުން.

- ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ވާޖިބަށް ހުރަސްނޭޅުމަށާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް، ގާނޫނުއަސާސީގައިވާ ގޮތަށް މިނިވަންކަމާ އެކު ހިންގަން ފެށުން.

- ޑިމޮކްރަސީގެ މަގަށް ރާއްޖެ އަލުން އިޔާދަވުމަށް، ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާތައް ފެށުން.

ސަރުކާރުން އެތައް ފަހަރަކު މަޝްވަރާ އަށް ގޮވާލުމުން ވެސް ޝަރުތުތައް ކުރިމަތިކުރުވައި އެކަމަށް އިންކާރުކުރުމަށް ފަހު އީޔޫ އަށް ހަގީގަތާ ޚިލާފު މައުލޫމާތުތަކެއް ހުށަހަޅާފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން މަޝްވަރާ އަށް ފުރަގަސްދީފައިވާ ކަން އީޔޫ އިން ވެސް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތާމައަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހިންތަކެއް އިސްވެ އަމިއްލަ ގައުމާއި ރައްޔިތުންނާ މެދު ފިޔަވަޅު އަޅަން މަސައްކަތް ކުރުމެވެ. ބަންދުގައި ތިބި ލީޑަރުން ދޫކޮށްލުން ފަދަ ކަންކަމަކީ ރައީސް ޔާމީނަށް ގާނޫނީ އިމުގެ ތެރެއިން ކުރަން ފަސޭހަ ކަންކަން ނޫން ކަމަށާއި ދޫކޮށްލަން ގޮވާ ބޭފުޅުންނަކީ އެކި ކުށްތައް ސާބިތުވެ ޖަލު ހުކުމް އިއްވާފައިވާ މީހުން ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

ރާއްޖޭގެ އިސް ވެރިންނާ މެދު ފިޔަވަޅު އަޅަން މި ނިންމީ، ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތައް ހުއްޓާލައި، ޑިމޮކްރަސީގެ މަގަށް ރުޖޫއަވުމަށް އަންގައި މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އީޔޫގެ ކައުންސިލުން ފާސްކުރި ގަރާރާ ގުޅިގެންނެވެ. ރާއްޖެއާ ދެކޮޅަށް ގަރާރު ފާސްކުރި އީޔޫގެ ކައުންސިލަކީ ގައުމުތަކުގެ އިސް ވެރިން ނުވަތަ އެ ބޭފުޅުންގެ މަންދޫބުން ތިއްބަވާ، އީޔޫގެ އެންމެ ބާރުގަދަ ތަނެވެ.

އެ ގަރާރުގައި ވަނީ، އިސްލާހުކުރަން ރާއްޖެ އަށް ހުށަހަޅާ ކަންކަން ނުކޮށްފި ނަމަ، ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ، ސަރުކާރުގެ ވެރިންނާއި ދިވެހި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އެޅުމަށެވެ.

އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ އިސް ބޭފުޅުންނަށް ވިސާ ނުދިނުމާއި ބޭރު ގައުމުތަކުގައި ހުރި މުދާތައް ހިފެހެއްޓުމާއި ރާއްޖެ އަށް ދޭ އެހީތައް ހުއްޓާލުން ފަދަ ކަންކަން ކުރުން އެކަށީގެންވެ އެވެ.