ދިވެހިން ވަޒީފާ އަދާކުރާ އެތައް ބައިވަރު ރިސޯޓެއް އޮތް އިރު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭގެ ތެރެއިން އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ރިސޯޓްތަކުގެ މުވައްޒަފުންނާއި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ސެޕްޓެމްބަރު، 23 ގައި ބާއްވާ އިންތިޚާބުގައި ޖުމްލަ 452 ވޯޓު ފޮށި ބަހައްޓާއިރު، އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތް ރިސޯޓެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ހިސާބުތަކުން ދައްކާ ގޮތުގައި 2013ގެ ރިޔާސީ އިންތިޚާބުގައި 42 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.
އެހެންކަމުން މިދިޔަ ރިޔާސީ އިންތިޚާބާ އަޅާބަލާއިރު، ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާ އަދަދު މިވަނީ ވަރަށް ބޮޑަށް މަދުކޮށްފަ އެވެ. މިއީ، އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭނެ ކަމެއް ކަމަށް ބުނެ ރިސޯޓުތަކުގެ މުވައްޒަފުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ޝަކުވާ ކުރަމުންނެވެ.
ވޯޓު ފޮށި ބަހައްޓަން އިއުލާންކުރި ރިސޯޓުތައް:
- ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް
- ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް
- ބަނޑޮސް މޯލްޑިވްސް
- ކުރަމަތި އައިލެންޑް ރިސޯޓު
- ޕެރެޑައިސް އައިލެންޑް ރިސޯޓު
- ސަން އައިލެންޑް ރިސޯޓު
- ކުރެއްދޫ އައިލެންޑް ރިސޯޓު
މި މައްސަލައިގައި ނުރުހުން ފާޅުކުރަމުންދާ މީހުން ބުނާ ގޮތުގައި، އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަކީ، ރިސޯޓުތަކުގައި އުޅޭ އެތައް ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލޭނެ ކަމެކެވެ.
ރިސޯޓުތަކުގައި ތިބޭ މުވައްޒަފުން ވޯޓުލާން އެހެން ރަށްރަށަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ބުނެ ދަނީ ޝަކުވާ ކުރަމުންނެވެ. މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދައްކައިގެން ހައްލު ހޯދަން މަސައްކަތް ކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުންޏެވެ.
މިދިޔަ އިންތިޚާބުތަކުގައި، ރީރެޖިސްޓްރޭޝަނަށް ހުޅުވާލުމުން 100 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެކަމަކު އެ ކޮމިޝަންގެ މިފަހަރުގެ ނިންމުމަކީ 250 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ނުވާ ތަންތަނުގައި ވޯޓު ފޮށި ނުބެހެއްޓުމެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ މި އިންތިޚާބުގައި ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމީ، މިދިޔަ އިންތިޚާބުގައި ދިމާވި މައްސަލަތަކަށް ބެލުމަށް ފަހު ކަމަށެވެ. ވޯޓުލުމުގެ މެދުތެރެއިން ވެސް ވޯޓު ފޮށި ގެންދަން ބައެއް ރިސޯޓުތަކުން އަންގާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"މިކަހަލަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ހުރީމަ، އިލެކްޝަންސް ކޮމިޝަނުން ސީލިންގު މަތިކުރީ، 250 އަށް. މި ބަދަލާ އެކު ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމީ،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސުން ބުނިގޮތުގައި އިއުލާންކޮށްފައިވާ ހަތް ރިސޯޓުގައި ވެސް 250 މީހުން ރީރެޖިސްޓްރީ ނުވާ ނަމަ ވޯޓު ފޮއްޓެއް ނުބަހައްޓާނެ އެވެ.
އެ ކޮމިޝަނުން ބުނީ ވޯޓު ފޮށި ބަހައްޓާނެ ހަތް ރިސޯޓު އިއުލާންކުރީ، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބެލުމަށް ފަހު ކަމަށެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ކުރީ އިންތިޚާބުތަކަށް ވުރެން މަދުން ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަކީ ވޯޓުލުމުގެ ހައްގު ގެއްލިގެންދާ ކަމެއް ކަމަށް އެ ކޮމިޝަނުން ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ، ރިސޯޓުތަކާ ކައިރި ރަށްތަކަށް ރީރެޖިސްޓްރީވެގެން ވޯޓުލެވޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިސޯޓުތަކަކީ މީހުން ދިރިއުޅޭ ރަށްތަކާ ދުރު ތަންތަނެއް ނޫން. އެހެންވީމަ ރީރެޖިސްޓްރީޝަނަށް ހުޅުވާލުމުން ކައިރި ރަށްތަކުގައި ވޯޓުލާން ރަޖިސްޓްރީވެގެން ވޯޓުލެވޭނެ. ރީރެޖިސްޓްރޭޝަނަށް ބަލައި ރިސޯޓަކާ ކައިރި ރަށްތަކަށް ގިނަ އަދަދެއްގެ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ނަމަ އެ ރަށްތަކުގައި އެ ރިސޯޓަކަށް ޚާއްސަ ވޯޓު ފޮއްޓެއް ބަހައްޓަން އިލެކްޝަންސް ކޮމިޝަންގެ ވިސްނުން އެބަހުރި،" އަކްރަމް ވިދާޅުވި އެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން ރީރެޖިސްޓްރީވުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ އެވެ.