ދަފްތަރަށް ރަޖިސްޓްރީ ބަދަލުކުރެވޭނީ ވޯޓު ނުލެވުނަސް ހެޔޮ ކަމަށް: ޑީއެންއާރް

މާލޭގެ ދަފްތަރުގައި ރަޖިސްޓްރީ ކުރަން ނުވަތަ އެއްވެސް މައުލޫމާތެއް ބަދަލުވެގެން، މިދުވަސްކޮޅު އައިޑެންޓިޓީ ކާޑު ހައްދާ ނަމަ، ކުރި އަށް އޮތް އިންތިހާބުގައި ވޯޓު ނުލެވިދާނެ ކަމަށް އެއްބަސްވެ އިގްރާރެއްގައި ސޮއިކުރަން ޖެހޭކަން އެނގިއްޖެ އެވެ.


ދަފްތަރުގައި ޖެއްސުމަށް ފަހު އައިޑީ ކާޑު ބަދަލު ކުރަން ހުށަހެޅުމުން، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ދޭ އެ އިގްރާރުގައި ވާ ގޮތުން، އިންތިޚާބުގެ ކުރިން މި އޮތް ދުވަސްތަކުގައި، އެ މީހެއްގެ ނަން ނުވަތަ އެޑްރެސް ނުވަތަ އުފަން ތާރީހު ބަދަލުވެގެން އައިޑީ ކާޑު ހައްދާ ނަމަ، ރިއާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ގެއްލުނު ނަމަވެސް މައްސަލައެއް ނެތް ކަމަށް އެއްބަސްވާން ޖެހެ އެވެ.

ޑީއެންއާރުގެ ޑިރެކްޓަރު ފަރީދާ ޔޫސުފް ވިދާޅުވީ މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދާނަމަ، އިގްރާރެއްގައި ސޮއިކުރަން ދެނީ އިންތިހާބުގައި ވޯޓުލާން ދާއިރު ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި އެ މައުލޫމާތު ބަދަލުވެފައި އޮތަސް، އެ ތަނުން އޭގެ ޒިންމާ ނެގެން ނޯންނޭނެތީ ކަމަށެވެ.

"ވޯޓާސް ލިސްޓާ ގުޅޭ މައުލޫމާތު އެއްކޮށް، އެކަމުގެ މަސައްކަތް ކުރަނީ އަޅުގަނޑުމެންނެއް ނޫން. އެހެންވީމަ، ލިސްޓުގައި (އަލުން ހައްދާ ކާޑާ އެއްގޮތަށް) އެ މީހެއްގެ ނަމާއި އެޑްރެސް އޮންނާނެއެކޭ އަޅުގަނޑުމެންނަކަށް ނުދެންނެވޭނެ. އެހެންވެ، ލިސްޓުގައި ނަން ނެތިގެން އެ މައްސަލަ ޖެއްސިޔަސް އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެތީ، މި ފަދަ އިގްރާރެއްގައި ސޮއިކުރަން ދެނީ،" އޭނާ ވިދާޅުވި އެވެ.

ފަރީދާ ވިދާޅުވީ ފްލެޓަކަށް ބަދަލުވެގެން ނުވަތަ ދަފްތަރުގައި ރަޖިސްޓްރީވެ، އެޑްރެސް ބަދަލު ވެގެން ގިނަ ބަޔަަކު އައިޑީ ކާޑު ބަދަލު ކުރަން މިދުވަސްކޮޅު އަންނަ ކަމަށެވެ. އަދި އެ އެންމެންގެ ވެސް އައިޑީ ކާޑު އެ ތަނުން ބަދަލުކޮށްދޭނެ ކަމަށާއި އެކަމަކު މި ދުވަސްވަރު އެ ފަދަ ކަމެއް ކުރުމުގައި އާއްމުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާއެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ

ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ރަޖިސްޓްރީ، މިދިޔަ ޖުލައި އެއް ވަނަ ދުވަހު އެކުލަވައިލި ފަހުން، މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު ދަފްތަރުގައި ޖެހުނު ކަމުގައި ވިޔަސް، އިންތިހާބުގެ ކުރިން އެ މީހެއްގެ އެޑްރެސް ބަދަލު ނުވާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފަ އެވެ.

ފަރީދާ ވިދާޅުވީ ދަފްތަރުގައި ޖެހިގެން އައިޑީ ކާޑު ހައްދަން އަންނަނީ، ކޮން އިރަކު ދަފްތަރުގައި ރަޖިސްޓްރީ ވެގެން ކަމެއް ނޭނގޭ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ދަފްތަރުގައި އަލަށް ޖެހުމަށް އެ ތަނަށް ހުށަހަޅާ މީހުންގެ މައުލޫމާތުތައް، އިންތިޚާބުގެ ކުރިން އެ މިނިސްޓްރީން ޑީއެންއާރަށް ނުފޮނުވާނެ ކަމަށެވެ.

ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް، ހުޅުމާލޭން ދޫކުރާ ފްލެޓަށް ކުރިމަތިލެވޭނެ އެވެ. އެހެންވެ، ގިނަ ބަޔަކު އަންނަނީ މާލޭގެ ދަފްތަރަށް ބަދަލުވެ، ފްލެޓް ހޯދުމަށް ފޯމު ހުށަހަޅަމުންނެވެ.

"ދަފްތަރުގައި ޖެހުމަށް ފޯމު ހުށަހެޅުމުން އަޅުގަނޑުމެން މި ވަގުތު ދެނީ ސްލިޕްކޮޅެއް. އެ ސްލިޕްކޮޅު ހުށަހެޅުމުން ދަފްތަރު ފްލެޓަށް ކުރިމަތިލެވޭނެ. އެކަމަކު އެއިން އެއްވެސް މައުލޫމާތެއް އަޅުގަނޑުމެން ޑީއެންއާރަކަށް ނުފޮނުވާނަން. އެކަން ކުރާނީ އިންތިހާބުގެ ފަހުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަފްތަރުގައި ޖެހުނު ކަމުގައި ވިޔަސް، އިންތިހާބުގައި ވޯޓުލުމަށް އެއްވެސް ހުރަހެއް ނާންނާނެ ކަމަށެވެ.

ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މި މަހުގެ 11 ވަނަ ދުވަހު ހުޅުވައިލި ފަހުން، މާލެ އަށް ރަޖިސްޓްރީ ބަދަލު ކުރުމަށް ދުވާލަކު 700 އެއްހާ މީހުން ފޯމު ނަގާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.