ހުޅުމާލޭގައި އަނެއްކާ ވެސް މީހެއްގެ ގަޔަށް މިއަދު ވަޅި ހަރައިފި އެވެ.
ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީގެން އުޅޭކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ހަމަލާ ދީފައިވަނީ މިއަދުގެ އަސްރު ނަމާދު ވަގުތު، ހުޅުމާލޭ ވަގުތީ މިސްކިތް ކައިރީގަ އެެވެ. އުމުރުން 29 އަހަރުގެ އެ މީހާގެ ގައިގެ ފަސް ތަނަކަށް ވަޅި ހަރާފައިވާއިރު ހުޅުމާލޭ ހޮސްޕިޓަލުގައި އޭނާއަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ރޭ ވެސް ހުޅުމާލޭގައި 24 އަހަރުގެ ޒުވާނެއްގެ ގަޔަށް ހަތް ތަނަށް ވަޅި ހަރާފައި ވެ އެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.