ދައުވާގެ ދިފާއުގައި ވިސާމާއި ލީވާން ވެސް ހެކިން ހުށަހަޅައިފި

ފުލުހުންނަށް ހުރަސްއެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރުގެ މައްޗަށް ކުރާ ދައުވާގެ ދިފާއުގައި އެ ދެ ނޫސްވެރިންގެ ފަރާތުން ވެސް މިއަދު ޝަރީއަތަށް ހެކި ހުށަހަޅައިފި އެވެ.


ވިސާމާއި ލީވާންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުލިއާގެ ކައިރިން ބޮމެއް ފެނިގެން ބައެއް ސަރަހައްދުތައް ބަންދުކޮށް، ފުލުހުން އުޅުމުގެ ތެރޭގައި، އެއިން ސަރަހައްދެއްގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު ހުއްޓައި އޭނާ ހައްޔަރުކުރަން ފުލުހުން އުޅުނު ވަގުތު އެ ދެ މީހުން ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އެވެ.

އެ ދައުވާގެ ދިފާއުގައި ވިސާމާއި ލީވާންގެ ފަރާތުން ވަނީ ތިން މީހަކު ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ. އެއީ ފިޔާޒާއި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމާއި މުހައްމަދު ނިޝާން ކިޔާ މީހެކެވެ.

އެ ދެ މީހުންނާ ދެކޮޅަށް ދައުލަތުން ވަނީ ހަތަރު ފުލުހަކު ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ.

އެ މައްސަލައިގެ އިތުރުން ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ ވިސާމްގެ މައްޗަށް އިތުރު ދައުވާއެއް ކުރާތީ، އެ މައްސަލައިގެ ޝަރީއަތް ވެސް މިއަދު ކުރިއަށް ގެންދިޔަ އެވެ. އެ ދައުވާ ކުރަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވިސާމް ވަތް ކަމަށް ބުނެއެވެ.

އެ ދައުވާގެ ދިފާއުގައި ވެސް ވިސާމްގެ ފަރާތުން ވަނީ ހަތަރު މީހެއްގެ ނަން ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވެސް ހިމެނެ އެވެ.

އެ ދައުވާ ވިސާމާ ދެކޮޅަށް ސާބިތުކުރަން ދެ ފުލުހެއްގެ ނަން ވަނީ ހުށަހަޅައިފަ އެވެ.

އެ ދެ މައްސަލާގައި ވެސް ދެން އޮންނާނީ ހެކިންގެ ހެކިބަސް ނެގުމެވެ. އެ އަޑުއެހުން އޮންނާނީ އަންނަ މަހުގަ އެވެ.

ކުރިން ގާޒީ ސައީދު އިބްރާހިމް ބައްލަވަމުން ގެންދެވި މި ދެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަހުމަދު ޝަކީލެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ފިޔާޒުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.