ވިލާ ހައި ސްކޫލްގެ އެންމެ މޮޅު ދަރިވަރަކީ ނާބިހު

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު، އަހުމަދު ނާބިހު މުހައްމަދު ނައީމަށް ލިބިއްޖެ އެވެ.


އެ ސްކޫލުގައި މިއަދު ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، އެންމެ މޮޅު ދަރިވަރަށް އިނާމު ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ކައުންސިލް މެމްބަރު އަދި މަތީ ތައުލީމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޑރ. އިބްރާހިމް ހަސަނެވެ.

ވިލާ ހައި ސްކޫލުން މިދިޔަ އަހަރު ދެ ވަނަ އަށް ދިޔައީ އިސްމާއިލް ލީވާނެވެ. ތިން ވަނަ ހޯދީ ފާތިމަތު މިޝްކަތު މުހައްމަދެވެ. މި ހުރިހާ ދަރިވަރުންނަށް ވެސް، ވިލާ ކޮލެޖުގެ ޗެއާމަން ގާސިމް އިބްރާހިމް ދެއްވާ ފައިސާގެ އިނާމާއި އެޑިއުކޭޝަން މިިނިސްޓްރީން ދޭ އިނާމު ހަވާލުކޮށްފައި ވެ އެވެ.

ވިލާ ހައި ސްކޫލުން މިއަދު ބޭއްވި، މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެވޯޑު ހޯދި ބައެއް ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޑރ. ހަސަން ވިދާޅުވީ ތައުލީމް ހާސިލްކުރާއިރު ގޮންޖެހުންތަކާ ދިމާވާނެ ކަމަށެވެ. ކަމެއް ހާސިލްނުވެ ފެއިލްވިޔަސް މާޔޫސް ނުވުމަށާއި އެއީ ކާމިޔާބީގެ ތަޅުދަނޑި ކަމަށް ދެކުމަށް އޭނާ ވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ހަސަން ވިދާޅުވީ އޭ ލެވެލް ނިންމާއިރު ކުރިއަށްދާނެ ވަކި ދާނެ ދާއިރާއެއް ކަނޑައެޅުން މުހިންމު ކަމަށެވެ.

ސްކޫލު ދުވަސްވަރުގެ ހަނދާންތައް އާ ކުރައްވައި ހަސަން ވިދާޅުވީ އޭނާ އޭ ލެވެލް ނިންމިއިރު ކުރިއަށް ދިއުމަށް ވިސްނުމަށް އައީ އެންމެ ހަތަރު ދާއިރާ ކަމަށެވެ. ނަމަވެސް މިހާރު އެކަން ބަދަލުވެ، ދަރިވަރުންނަށް ތަފާތު މައުލޫމާތު ލިބުމުގެ ފުރުސަތުތައް މިހާރު ފަހިވެފައިވާކަން ފާހަގަކުރެއްވި އެވެ.

ވިލާ ހައި ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، ވިލާ ކޮލެޖުގެ ކައުންސިލް މެމްބަރު ޑރ. ހަސަން، ދަރިވަރަކަށް އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމިއްލަ ނަފުސަށް އިތުބާރުކުރުމަކީ ވެސް، ކާމިޔާބު ދިރިއުޅުމަކަށް މުހިއްމު ކަމެއް ކަމަށް ހަސަން ވިދާޅުވި އެވެ.

"ސްކޫލު ތައުލީމް ނިމިގެންދާއިރު، އެ ދަރިވަރަކަށް އަމިއްލަ ނަފްސު އެނގިގެން ދާން ޖެހޭ. ކުރަން ބޭނުންވާ ކަންތައްތަކާއި އެކަމެއްގައި ޝާމިލްވެގެން އުޅޭ އިރު މަޖާ ކުރާ ކަންތައްތައް ވެސް އެނގެން ޖެހޭ. އަދި ތިމާގެ ފަންވަރު އެނގެން ޖެހޭ. މިއީ ކިޔެވުން ކުރިއަށްގެންދާއިރު ވަރަށް މުހިއްމު ކަމެއް،" ހަސަން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ ނަތީޖާ ރަނގަޅުކުރަން ޓީޗަރުންގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބުނު ކަމަށެވެ. އެގޮތުން ޗުއްޓީގައި ތިބެގެން ވެސް، އޮންލައިން ސިސްޓަމް މެދުވެރިކޮށް ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދީފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ވިލާ ހައި ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، އެވޯޑު ހޯދި ބައެއް ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސައީދު ވިދާޅުވި ގޮތުގައި ވިލާ ހައި ސްކޫލަކީ އާ ކަންތައްތައް ފެށުމަށް ނަމޫނާ ސްކޫލެކެވެ. އެގޮތުން ދަރިވަރުން ލާންޖެހޭނީ ހުދު ޔުނީފޯމް ކަމަށް ވިސްނި ވިސްނުން މުޅިން ބަދަލުކޮށްފައިވާ ކަމަށާއި ޓެބްލެޓް ބޭނުންކޮށްގެން ވެސް އެންމެ ފުރަތަމަ ކިޔަވައިދޭން ފެށީ ވިލާ ހައި ސްކޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ހައި ސްކޫލުން ކިޔަވަން ބޭނުންވާ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަަށް ގިނަ ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ނާބިހު "މިހާރު"އާ ވާހަކަދައްކަމުން ބުނީ އެއްވަނަ ލިބޭނެ ކަމަށް އުއްމީދުނުކުރާ ކަމަށެވެ. ނަމަވެސް ރަނގަޅު ނަތީޖާއެއް ހޯދަން ވަރަށް ބުރަކޮށް މަސައްކަތް ކުރިކަމަށް، ވިލާ ހައި ސްކޫލުގެ މިދިޔަ އަހަރުގެ ޑެޕިއުޓީ ކެޕްޓަން ނާބިހު ބުންޏެވެ.

އޭނާ ބުނީ ވަގުތު ބަހާލައިގެން ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ ކަމަށެވެ. ކިޔަވާއިރު، ކަންތައްތައް ކުރާނެ ވަކި ޝެޑިއުލެއް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ނާބިހު ބުންޏެވެ.

ވިލާ ހައި ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ހަމީދު، ދަރިވަރަކަށް އެވޯޑު ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މަދަރުސީ ހަޔާތުގައި ދަސްވި އެންމެ ބޮޑު ކަމަކީ ޕެޝަން ބެހެއްޓި ވަރަކަށޭ ކަންތައްތައް ހާސިލްވާނީ. ކިތައްމެ ވަރަކަށް މަސައްކަތް ކުރިއަސް އެކަމަށް ހިތް ނުކިޔަންޏާ އެމީހަކަށް ކުރިއަކަށް ނުދެވޭނެ. ފޮތް ހިފައިގެން އުޅުނަސް އެ ކިޔާ އެއްޗަކާ ދޭތެރޭ ނުވިސްނަންޏާ ބޮލަކަށް ނުވަންނާނެ އެއްވެސް އެއްޗެއް،" އޯ ލެވެލް އިމްތިހާނުން ވެސް ރާއްޖޭން ދެ ވަނަ ހޯދި ދަރިވަރު ބުންޏެވެ.

އޭނާ ނިންމާފައިވަނީ އޭސީސީއޭ ކިޔަވައި ފައިނޭންސްގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި 124 ދަރިވަރުންނަށް އެވޯޑު ދީފައި ވެ އެވެ. އޭގެ ތެރެއިން 21 ދަރިވަރަކު ވަނީ ގައުމީ ގަދަ 10ގައި ހިމެނިފަ އެވެ.