އައިޖީއެމްއެޗުގެ ނަރުހުންނަށް މިހާރު ދެމުން އަންނަ ބައެއް އެލަވަންސްތައް ކަނޑާލަން އެ ހޮސްޕިޓަލުން ނިންމައިފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލްގެ ނަރުހުންނަށް ކުރިން ދެމުން އައި ރިސްކް އެލަވަންސް، ޝިފްޓް އެލަވަންސް، ޓެކްނިކަލް ނުވަތަ ސަޕޯޓް އެލަވަންސް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަނޑާލާނެކަން ނަރުހުންނަށް މިހާރު ވަނީ އަންގައިފަ އެވެ.
އަލަށް ގެންނަ ބަދަލާ އެކު، ގެ އަށް ގެންދަން ނަރުހުންނަށް ލިބޭނީ މުސާރައިގެ އިތުރުން ސާވިސް އެލަވަންސް އެކަންޏެވެ.
ނަރުހުންނަށް ތަފާތު ނަންނަމުގައި ދެމުން އަންނަ އެލަވަންސްތައް ކަނޑާލައި، އަސާސީ މުސާރަ އަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ވެ އެވެ. ނަމަވެސް އެކަމުގެ މައުލޫމާތެއް އަދިއެއް ނުލިބެ އެވެ.
"އާ އޮނިގަނޑާ ބެހޭ މައުލޫމާތެއް އަދި ނުދޭ،" އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ނަރުހަކު ބުންޏެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެލަވަންސްތަކަށް ގެންނަ ބަދަލުތަކުގެ މައުލޫމާތު އަންނަ ހަފުތާގައި މީޑިއާ އަށް ދޭނެ ކަމަށެވެ.
އައިޖީއެމްއެޗުގެ ނަރުހުން މިހާރު މަސައްކަތް ކުރަނީ ޑިއުޓީއެއްގައި އަށް ގަޑިއިރެވެ. ނަރުހުންނަކީ ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި ހަމަޖައްސާފައި ވުމުން، ސިވިލް ސާވަންޓުން މަސައްކަތް ކުރާ ހަ ގަޑިއިރަށް ވުރެ ނަރުހުންގެ މަސައްކަތް އިތުރުވާ ކޮންމެ ޑިއުޓީއެއްގައި، ދެ ގަޑިއިރު އޯވަޓައިމް މިހާރު ލިބެ އެވެ.
ނަމަވެސް، އާ ބަދަލާ އެކު ނަރުހުން މަސައްކަތް ކުރާ ވަގުތު އަށް ގަޑިއިރަށް ބަދަލު ކުރުމުން ދެ ގަޑިއިރުގެ އޯވަ ޓައިމް ވެސް ވަނީ ކަނޑާލައިފަ އެވެ. ނަރުހުންނަށް ދެން އޯވަ ޓައިމް ލިބޭނީ އަށް ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުންނެވެ.