މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސްގެ ނަމަށް ބަދަލު ކުރަން، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހުގައި ކަރެކްޝަންސްގެ ނަން ޕްރިޒަން ސާވިސަށް ބަދަލު ކުރުމުގެ އިތުރުން، އެހެން ބައެއް ކުދިކުދި އިސްލާހުތަކެއް ވެސް އެ ގާނޫނަށް ހުށަހަޅާފައިވެ އެވެ.
އެގޮތުން ކަރެކްޝަންސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ ބާރު ކޮމިޝަނާ އޮފް ޕްރިޒަންސަށް ދިނުމަށާއި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްގެ ޕެރޯލް ބާތިލް ކޮށްފި ނަމަ، އެ ހުކުމަކާ ގުޅިގެން އަލުން ޕެރޯލަށް ނޭދެވޭ ގޮތް ހެދުމުގެ އިތުރުން ޕްރޯލް ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ޝަރީއަތަށް ދިއުމުގެ މުއްދަތު 20 ދުވަހަށް ކުރު ކުރަން ވެސް އެ ބިލްގައި ހިމަނާފައިވެ އެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން މިދިޔަ ހޯމަ ދުވަހު އެ ބިލް ފާސްކުރީ ބިލަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ. ދެން އޮންނާނީ މަޖިލީހުގެ ތަޅުމުން ބިލާ މެދު ގޮތެއް ނިންމުމެވެ.