ދިއްދޫގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން، މިހާރު ބާކީ ހުރި 100 ގެއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.


ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބުނީ ގެދޮރުގެ ދަތިކަން ބޮޑުވެފައިވާ ދިއްދޫން މިހާރު ދޫނުކޮށް ހުރި ގެތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައި، އެކަމާ ގުޅޭ ފޯމު އެ ރަށާއި އެ މިނިސްޓްރީން ދޫކުރަން ފަށާފައިވާ ކަމަށެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ދިއްދޫގައި އިމާރާތް ކުރި ހައުސިން ޔުނިޓްގެ ތެރެއިން އެންމެ ފުރަތަމަ ގެތައް ދޫކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ. އޭރު ދޫކުރީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ 125 ގެއަކާއި ދިއްދު އަށް ހިޖުރަ ކުރަން ބޭނުންވާ މީހުންނަށް 20 ގެއެކެވެ.

ހައުސިން މިނިސްޓްރީން ބުނީ ބާކީ ހުރި ގެތައް ވެސް ދޫކުރާނީ ކުރިއެކޭ އެއްގޮތަށް، އެޑްވާންސް ފީ ނަގައި، މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ކަމަށެވެ. އެ ގެތައް ދޫކޮށްފައި ވަނީ އެޑްވާންސްގެ ގޮތުގައި 19،000 ރުފިޔާ ދައްކައި، 20 އަހަރު ވަންދެން، ކުލީގެ ގޮތުގައި މަހަކު 2،500 ރުފިޔާ ދައްކައި ހަލާސް ކުރާ ގޮތަށެވެ.