މައުމޫން ހުންނެވީ އާދަޔާ ހިލާފް ހިތްވަރެއްގައި: ވަކީލު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލުގައި ހުންނަވާތާ މިއަދަށް 180 ދުވަސް ވެފައި ވިޔަސް އެމަނިކުފާނު ހުންނެވީ އާދަޔާ ހިލާފް ހިތްވަރާއި އަޒުމެއްގައި ކަމަށް ވަކީލު ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.


ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މައުމޫން ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު، ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވީ އުމުރުފުޅުން 80 އަހަރުގެ މައުމޫން މިއަދުވެސް ހުންނެވީ ޖަލަށް ގެންނެވުމުގެ ކުރީގައި ވެސް ހުންނެވި އަޒުމުގައި ކަމަށެވެ.

"ފެބްރުއަރީގައި ވެސް މައުމޫން ވިދާޅުވީ ޖަލުގައި ހުންނަން ޖެހިވަޑައިގެންނެވި ނަމަވެސް ސަރުކާރުގެ ކޮރަޕްޝަނާއި ހީލަތުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ. "މިއަދު ވެސް އެ ހުންނެވީ އެގޮތަށް."

މައުމޫން ޖަލުގައި ހުންނަވާތާ މިއަދަށް ހަ މަސް ވެފައިވާއިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އެ އުމުރުގެ ބޭފުޅަކާ ބަލާއިރު މައުމޫންގެ ހާލު ރަނގަޅު. އެކަމަކު ވެސް ޖަލުގައި ހުންނަންޖެހޭތީ ދިމާވާ ބައެއް ކަންތައްތައް ހުރޭ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މައުމޫން ގެންދަވަނީ ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯ އަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި، ކޮޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތް ދިމާވ ބައްޔެކެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ މިހާރު ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަން ވަރަށް ރަނގަޅަށް މައުމޫނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"މީހަކު ކިޔައިދީގެނެއް ނޫން. އަޅުގަނޑަށް ލަފާ ކުރެވެނީ އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ކަންކަން ދިރާސާ ކުރައްވާތީ އެނގިވަޑައިގަންނަވަނީ ކަމަށް. ވަރަށް ރަނގަޅަށް މި ހިނގަމުންދާ ކަންކަމާއި ހިނގާނެ ކަމަށް ލަފާކުރެވޭ ކަންތައްތައް މައުމޫނަށް އެނގިވަޑައިގަންނަވާ،" ޝަމީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް މައުމޫން ވަރަށް ބޮޑު މަސައްކަތެއް ކުރެއްވި އެވެ. ނަމަވެސް ފަހުން ޔާމިނުގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގެން އިސްލާހީ މަސައްކަތް ފެއްޓެވި އެވެ. އެއިރު އެމަނިކުފާނަކީ ވެރިކަން ހިންގާ ޕީޕީއެމްގެ ރައީސެވެ.

އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ ހިމެނޭ އިދިކޮޅު ކޯލިޝަނާއި މައުމޫން ގުޅިވަޑައިގެންނެވީ 2016 ވަނަ އަހަރު ޕީޕީއެމުން އެމަނިކުފާނު ދުރުކުރުމުންނެވެ. މިހާރު އެމަނިކުފާނާއި ސަޕޯޓަރުން ތަމްސީލު ކުރައްވަނީ މައުމޫން ރިފޯމް މޫވްމަންޓެވެ.

ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި މައުމޫނަށް ދައުލަތުން މިހާރު ކުރަނީ ޓެރަރިޒަމްގެ ދައުވާއެކެވެ. އެ ދައުވާ ސާބިތުވެއްޖެ މައުމޫނަށް އިތުރު 20 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ އެވެ.