އަޅުގަނޑަށް ގޮން ނުޖައްސަވާ، ގިސާސް ހިފާނަން: ރައީސް

މަރުގެ ހުކުމް ތަންފީޒު ކުރައްވަން އެ މަނިކުފާނަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ބުނެ ގޮން ނުޖައްސަވަން އެދިވަޑައިގެން، މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން މިއަދު ވެސް ދެއްވައިފި އެވެ.


މި ސަރުކާރުން ހިންގި މަޝްރޫއުތަކެއްގެ ނިމުން ފާހަގަ ކުރައްވަން ގދ. މަޑަވެއްޔަށް ވަޑައިގެން ރައީސް ޔާމީން މިގޮތަށް މި ވިދާޅުވީ، މި ދައުރުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ވިޔަސް މިހާތަނަށް އެކަން ތަންފީޒު ނުކުރާތީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ޝައްކު ނުކުރައްވާ، ގިސާސް ހިފާނީ އަޅުގަނޑުގެ ސަރުކާރުގައި. -- ރައީސް ޔާމީން

ރައީސް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމުގެ އިޖުރާއާތުތައް ފުރިހަމަވުމާ އެކު ސަރުކާރުން އެކަން ކުރާނެ ކަމަށެވެ. އެ މަނިކުފާނަކީ ރައްޔިތުންނަށް ބޮޑެތި ވައުދުތައް ވެވަޑައިގަތުމަށް ފަހު، އެ ވައުދު ނުފުއްދަވައި އިތުރުފުޅު ހައްދަވާނެ ވެރިއެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގޮން ނުޖައްސަވާ. އަޅުގަނޑުގެ ސަރުކާރުގައި، އިރާދަ ކުރެއްވިޔާ ގިސާސް ތަންފީޒު ކުރާނީ. އެކަމާ ޝައްކު ނުކުރައްވާ. އެކަން ކުރާނީ އަޅުގަނޑު،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އެކި ކަރަކަރާގައި ވާހަކަތަކެއް ދައްކައިގެން ދައުލަތަށް އުނދަގޫވާ ކަންތައްތައް ކުރަމުން ދަނީ މަރުގެ ހުކުމް ތަންފީޒުކުރަން މި ސަރުކާރުން މަސައްކަތް ކުރާތީ އެވެ. ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި، ވެރިކަން ކުރެއްވި އެއްވެސް ރައީސަކު، މަރަށް މަރު ހިފުމުގެ ވާހަކަ ނުދައްކަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ، ގިސާސް ޔާމީން ނުހިފާނެއޭ، މި ވާހަކަ ދައްކަން އެ ބޭފުޅުންގެ ކޮން ހައިސިއްޔަތެއްތޯ އޮތީ. ގިސާސްގެ ވާހަކައަކީ އެ ބޭފުޅުންގެ ބަސް ކޮށާރުގައި ނުވެސް ނެތް އެއްޗެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބަޔަކަށް އުނދަގޫވެގެން އުޅެނީ އެ މަނިކުފާނުގެ ޚާރިޖީ ސިޔާސަތުގައި އިސްލާމީ، މިނިވަން އަދި ދިވެހިވަންތަ ސިފަތަކެއް ގެންގުޅޭތީ އެވެ. އަދި ދިވެހިންނަށް ގަބޫލު ނުކުރެވޭނެ ޑިމޮކްރެޓިކް ސިފަތައް ނުގެންގުޅޭނެ ކަމަށް ފާޅުގައި ބުނާތީ ކަމަށް ވެސް ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނެ ކޮޓަރިއެއް މާފުށީ ޖަލުގައި ވަނީ ހަދައިފަ އެވެ. ރާއްޖޭގައި މީހުން މަރަން ނިންމާފައި ވަނީ ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ. މި ދެ ގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުންވާ ސާމާނު ވެސް ހޯދާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފަ އެވެ.

ސަރުކާރުން ކުރިން އިއުލާން ކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ އެވެ. ޕީޕީއެމުން، އޮގަސްޓް 2016 ގައި ބޭއްވި ހަފުލާއެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު މަސް ނިމޭ އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށާނެ ކަމަށެވެ. އެކަން ފަށަން، އޭރު ކުރަން އޮތް މަސައްކަތަކީ ތަނެއް ތައްޔާރުކުރުމާއި އެ ތަނަށް ބޭނުންވާ ވަސީލަތްތައް ޖަމާކުރުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު އެކަން ލަސްވީ، އިޖުރާއާތުތައް ފުރިހަމަ ނުވާތީ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފަ އެވެ.