ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

އިދިކޮޅު ކޯލިޝަނުން މިިދިޔަ މާޗު މަހު ބޭއްވި މުޒާހަރާއެއްގައި ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓްކުރުމާ ގުޅިގެން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން މިއަދު ޖޫރިމަނާ ކޮށްފި އެވެ. މިއީ އަބުރުގެ ގާނޫނާ ހިލާފުވެގެން ރާއްޖެ ޓީވީ ޖޫރިމަނާކުރި ފަސް ވަނަ ފަހަރެވެ.


އެ ކޮމިޝަނުން ބުނީ ރާއްޖެ ޓީވީ ޖޫރިމަނާކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ބޭއްވި މުޒާހަރާއެއްގައި ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓްކުރުމުން ކަމަށެވެ. އެހެންވެ ދެ ގާނޫނަކާ ހިލާފުވެގެން ކުރި ޖޫރިމަނާ، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގައިފަ އެވެ.

ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރީ މާޗު 16، 2018 ވަނަ ދުވަހުގެ ރޭ ބްރޯޑްކާސްޓްކުރި މުޒާހަރާގެ ކަވަރޭޖުގައި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ގެނެސްދީފައިވާތީ ކަމަށް ބުނެ އެވެ.

އަބުރުގެ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ހިލާފުވެގެން އެ ޓީވީ ސްޓޭޝަން ޖޫރިމަނާކުރީ 750،000ރ. އިންނެވެ. އަދި އެ ގާނޫނުގެ 10 ވަނަ މާއްދާއާ ހިލާފުވެގެން 1،250،000ރ. އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

"ޖޫރިމަނާ ފައިސާއަށްވާ ޖުމްލަ 2,000,000ރ. މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީ އެވެ،" މައްސަލަ ނިންމި ގޮތުގެ ބަޔާނުގައި ވެ އެވެ.

އެ މައްސަލަ އަށް ޖަވާބުދާރީވުމަށް ރާއްޖެ ޓީވީ ހިންގާ ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ކުންފުންޏަށް ފުރުސަތު ދީފައިވާ ކަމަށާއި ނަމަވެސް އެއީ ގާނޫނާ ހިލާފަށް ދައްކާފައިވާ ކޮންޓެންޓެއް ކަން އެ ކުންފުންޏަށް ސާބިތުކޮށްދެވިފައިނުވާ ކަން ބްރޯޑްކޮމް އިން ބުންޏެވެ.

މީގެ ހަތް އަހަރު ކުރިން އުފެއްދި ޓީވީ ސްޓޭޝަން، އަބުރުގެ ގާނޫނުގެ ދަށުން މިިދިޔަ އަހަރު ފުރަތަމަ ޖޫރިމަނާކުރީ 250،000ރ. އިންނެވެ. އެ ޖޫރިމަނާ ދެއްކި ދުވަހު ވެސް އެ ސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އޭގެ ފަހުން ވެސް ބޮޑު އަދަދުތަކުން ޖޫރިމަނާކޮށްފައި ވެ އެވެ.

ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު އެ ފައިސާ ދެއްކުމަށް ރާއްޖެ ޓީވީން "އަބުރުފުޅު" ފަންޑުގެ ނަމުގައި ފޮށްޓެއް ހުޅުވުމަށް ފަހު، އެ އަށް ލިބޭ ފައިސާ އިން ޖޫރިމަނާ ދައްކަ އެވެ.