މާލެ-ހުޅުލޭ ބްރިޖަށް ދަތުރުކުރާ މަގުތަކުގައި ތާރު އަޅަން ފަށައި މަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާރު އަޅަން ނިންމާފައިވާ ސަރަހައްދުގައި އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރިންގު ރޯޑް ޕްރޮޖެކްޓަށް އާއްމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މުއިއްޒުގެ ޓްވީޓުގައި ޝުކުރު އަދާކުރައްވާފައިވެ އެވެ.
ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން އޮކްސިޖަން ކެފޭ ހުންނަ ސަރަހައްދާ ހަމައަށް މިހާރު ވަނީ މަގު ފުޅާކޮށް ތާރު އަޅަނ ބިންގަނޑު އެއްވަރުކޮށްފަ އެވެ. އެކަމަކު މިހާރު ތާރު އަޅާފައިވަނީ ޓާމިނަލް ކައިރިން ފެށިގެން ގާދޫ ބިލްޑިންނާ ހަމައަށެވެ.
ހައުސިން މިނިސްޓްރީން ނިންމާފައި ވަނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ތާރު އެޅުމަށެވެ. އެ މަސައްކަތުގެ ދަށުން މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރާނެ އެވެ. އެ މަގު ފުޅާ ކުރަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަޝްރޫއުގައި ހިމެނޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުުރުފާނު މަގުގެ އިތުރުން ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) އެވެ.
މާލެ-ހުޅުލެ ބްރިޖު މި މަހު ހުޅުވާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.