އިދިކޮޅަށް 18 އަހަރު ބޭނުންވާ މަޝްރޫއުތައް ފަސް އަހަރުން ފުއްދައިދެވިއްޖެ: ރައީސް

އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި ރައްޔިތުންނަށް ފުއްދައިދޭން 18 އަހަރު ބޭނުންވާނެ މަޝްރޫއުތައް އެމަނިކުފާނު ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހަގީގަތަކަށް ހައްދަވައިދެއްވާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތ. ބުރުނީގައި ވިދާޅުވެއްޖެ އެވެ.


ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ބުރުނީގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ފައްޓަވައި ދެއްވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ރައްޔިތުންނަށް ހިންގި ކޮންމެ މަޝްރޫއަކަށް އެމަނިކުފާނުގެ ސަރުކާރުން މިހާތަނަށް ވަނީ ހަ މަޝްރޫއު ހިންގާފައި ކަމަށެވެ. އިދިކޮޅުގެ ސްޕީޑަށް ބަލާއިރު، 18 އަހަރު ހޭދަވާނެ ބޮޑެތި މަޝްރޫއުތައް ނިމި ރައްޔިތުންނަށް ފައިދާ ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ބުރުނީން މިސާލު ނަންގަވައި ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން އެ ރަށަށް ހިންގި މަޝްރޫއެއް ނެތް ކަމަށެވެ. އެކަމަކު 300 މީހުން ދިރިއުޅޭ ބުރުނީގެ ތަރައްގީ އަށް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި، 60 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ބުރުނީގައި މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުމެން ހިންގަނީކީ ކުދިކުދި މަޝްރޫއުތަކެއް ނޫން. އެ ބޭފުޅުން [އިދިކޮޅުން] ވެސް ގަބޫލުކުރައްވާނެ އެކަން،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅުގެ ކެމްޕޭންގައި، ތަރައްގީގެ ވާހަކަ އާއި ރައްޔިތުންނަށް ކޮށްދޭނެ ކަންކަމުގެ ވާހަކަ ފެށީ، ރާއްޖެއަށް އެމަނިކުފާނު ތަރައްގީ ގެންނަވާ ސްޕީޑު ފެނިފައި ކަމަށް ވެސް ވިދާޅުވި އެވެ.

ހުށަހަޅާ ކަންކަމުން ދޭހަވަނީ، އިދިކޮޅުގެ މެނިފެސްޓޯއަކީ ރައީސް ޔާމީން ކުރައްވާ ކަންތައްތަކުގެ ތެރެއިން ނުނިމި ހުރި ކަންކަން ނިންމާލަ ދިނުމޭ. --ރައީސް

ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅުން ގަބޫލުކޮށްގެން ތިބި ގޮތުގައި ރާއްޖޭގައި 10 ބުރިއަށް ވުރެ މައްޗަށް އިމާރާތް ވެސް ނުކުރެވޭނެ އެވެ. އެކަމަކު، އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތުގެ ރެސްޓޯރެންޓު ނުވަތަ ރޭޑިއޭޝަން މެޝިން ބަހައްޓާފައި ހުންނަނީ ކޮންތަނެއްގައިތޯ ކަރުހިއްލާލައިގެން ތިބެ ބަލަން ވެއްޖެ ނަމަ، ކަރަށް ނާރު އަރާނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅުގެ ކެމްޕޭންގައި، ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައްޔިތުންނަށް އިއުލާން ކުރައްވަނީ، އެމަނިކުފާނު ފުއްދަވައިދެއްވާފައި ހުރި ކަންކަން ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ރައީސް ތަކުރާރު ކުރެއްވި އެވެ.

ހދ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށް އިބޫ ރޭ ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އެ ބަދަލަކީ އެ ރަށުގެ އާބާދީ 10،000 އަށް އަރާއިރަށް ތޮބީއީ ގޮތުން އަންނާނެ ބަދަލެކެވެ. ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތުން 10،000 މީހުން ހަމަވާ ކޮންމެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބޭ ކަމަށާއި ކުޅުދުއްފުށީގައި މުޑުވައްކޮށްގެން ނުވަތަ މީހުން އުފައްދައިގެން ސިޓީއެއް ހަދަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.

އެއާއެކު ކުޅުދުއްފުށީގެ އެއާޕޯޓުގެ ވާހަކަ އިބޫ ދެއްކެވިއިރު، އެއީ ވެސް ބާރު ސްޕީޑުގައި ކުރިއަށްދާ މަޝްރޫއެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެފަދަ މަޝްރޫއުތައް ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ހިންގާނެ ކަމަށް ވިދާޅުވި އެވެ.

"ކުޅުދުއްފުށީގެ އެއާޕޯޓުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުން އެއްވެސް ބަޔަކަށް ކިހިނެއްތޯ އެކަން ހުއްޓާލެވޭނީ. އެއީ، ހިނގާނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.

އާ މަޝްރޫއުތައް ހުށަހަޅުއްވާ، އެ މަޝްރޫއުތަކަށް ފައިސާ ހޯއްދަވާނެ ގޮތުގެ ވާހަކަ ދައްކަވާ. --ރައީސް

"މެނިފެސްޓޯގައި އާ ކަންކަމެއް ނައިސް، އިއުލާންކުރާ ކަންތަކުން އަޅުގަނޑަށް ދޭހަވަނީ އެ ބޭފުޅުންގެ މެނިފެސްޓޯއަކީ ރައީސް ޔާމީން ކުރައްވާ ކަންތައްތަކުގެ ތެރެއިން ނުނިމި ހުރި ކަންކަން ނިންމާލަ ދިނުމޭ. އެއީ އެ ބޭފުޅުންގެ މެނިފެސްޓޯއަކީ."

ކޮންމެ ސަރުކާރެއް އަޔަސް، މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނުހުއްޓޭނެ ކަމަށް ރައީސް އެ ވިދާޅުވީ، އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި އެފަދަ މަޝްރޫއުތައް ހުރަސްއެޅޭ ފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އިބޫ ރޭ ދެއްވާފައިވާތީ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އިބޫ ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ ކޮންމެވެސް ފީއެއް ކަނޑުއްވާލައްވާނެ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި، ރައްޔިތުންނަށް ހިންގަވައިދެއްވާނެ، އާ ބޮޑެތި މަޝްރޫއުތަކަކީ ކޮބައިތޯ އިއުލާންކޮށްދެއްވަން ޖެހެ އެވެ.

"އަދި އެ މަޝްރޫއުތަކަށް ފައިސާ ހޯއްދަވާނެ ގޮތުގެ ވާހަކަ ދައްކަވާށޭ. އެފަދަ ވާހަކައެއް ނާދޭ ނޫންތޯއޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ބުރުންޏަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ކިތަން އެއްވި ބަޔަކާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ޒުވާނުންނަށް އެކަނި ބެލި ނަމަވެސް އެ ދާއިރާ އަށް ހުރި ފުރުސަތުތަކާއި ޒުވާނުން ބާރުވެރިކުރެވޭނެ ސިޔާސަތުތަކުގެ ވާހަކަ ފުރަތަމަ ދައްކަން ފެށީ 2013 ގައި އެމަނިކުފާނު ކަމަށް ވިދާޅުވި އެވެ. ކުރީގެ ސަރުކާރުތަކުން ޒުވާނުންނަށް އަޅާލިނަމަ ކުށުގެ ރެކޯޑު މަތިވެގެން ނުދިޔައީސް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި ޒުވާނުންނަށް ވެވަޑައިގެންނެވި ވައުދުތައް އަދި ނުފުއްދޭ ކަމަށް ފާޑުވިދާޅުވާ ކަމަށާއި އެކަމަކު އެއީ، ހަގީގަތެއް ނޫން ކަމަށެވެ.

"ޝައްކެއް ވެސް ނެތް ހުންނާނެ ކަންކަން ނުފުދި، އެކަމަކު އެނގޭ އެއްޗަކީ ފުދިފައި ހުރި ކަންކަން 100 އަކުން 90 އަށް ވާ ނަމަ، ނުފުދޭ ކަންކަން 100 އަކުން 10 އެކޭ. އެހެންކަމުން، ނުފުދި ހުރި ކަންކަން ވެސް ކޮންމެހެން އެހެން ބަޔަކު ކުރަން އުޅޭނެ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ބޮލަކަށް ޖެހޭ އާމްދަނީ، 20،000 ޑޮލަރަށް އިތުރުކުރުމެވެ. އެއީ އެމަނިކުފާނު ފުއްދައިދެއްވާނެ ވައުދުއް ކަމަށް ވިދާޅުވި އެވެ.

މި ވައުދާއި، އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރަން ހުށަހެޅުއްވި ފޯމިއުލާއާ ގުޅޭ ގޮތުން އޮޅުވާލައިގެން ވާހަކަތަކެއް ދައްކަމުންދާ ކަމަށާއި އެއީ ސިޔާސީ މޫސުމެއްގައި އިދިކޮޅު ޕާޓީތަކުން ޝައުގުވެރިކަމާ އެކު ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.