ބްރިޖް މަތީގެ ފުރަތަމަ ކައިވެނި މި މަހު 31ގައި

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފަައިވާ ބްރިޖް މަތީގައި ކުރާ ފުރަތަމަ ކައިވެނި، މި މަހު 31ގައި އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.


ބްރިޖްމަތީގައި ކައިވެނި ކުރަން ބޭނުންވާ މީހުން، އެކަމަށް އެދި ފޯމު ހުށަހެޅުމަށް މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އެކަމަކު ފޯމު ހުށަހެޅި މީހުންގެ އަދަދެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ފުރުސަތު ހުޅުވާލި ދުވަހު، އެ މިނިސްޓްރީއަށް ގޮސްގެން، 250 އަށް ވުރެ ގިނަ މީހުން ފޯމު ނެގި ކަމަށެވެ. އަދި އޮންލައިންކޮށް ވެސް ގިނަ ބަޔަކު ފޯމު ނެގި ކަމަށް ބުނެފައި ވެ އެވެ.

ކުރިން އެތަނުން އިއުލާނުކޮށްފައިވާ ގޮތުގައި ކައިވެނިތައް ކުރާނީ އަންނަ މަހުގެ އެކަކުން ފަހަކަށެވެ. އެކަމަކު މިހާރު އިއުލާންކޮށްފައިވާ ގޮތުން، އެ ހަފުލާތައް ބާއްވާނީ މި މަހުގެ 31ވާ ހުކުރު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށެވެ. އެކަމަކު އެއް ފަހަރާ ބާއްވަނީ ކިތައް ހަފުލާކަމެއް ނޭނގެ އެވެ.

އެ ހަފުލާތައް ޒީނަތްތެރިކޮށްދޭނެ މީހުން ހޯދުމަށް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ކައިވެނި ހަފުލާތަކުގެ ބެކްޑްރޮޕް އާއި ޑެކަރޭޝަންގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ އާދިއްތަ ދުވަހު އެކަމުގެ އަގު ހުށަހެޅުމަށް އިއުލާނުގައި ވެ އެވެ.

ބްރިޖް މަތީގައި ޕާޓީ ބާއްވަން ފަސް ތީމެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ "މޯލްޑިވިއަން"، "ޗައިނީޒް"، "ފްލޯރަލް"، "ސަންސެޓް"ގެ އިތުރުން "ވިންޓޭޖް" ތީމެވެ. ޕާޓީ ބާއްވަން އެދި ހުށަހަޅާ ފޯމުގައި، ދެ ތީމެއް ހިޔާރު ކުރެވެ އެވެ.

ސަރުކާރުން އެންމެ ފުރަތަމަ ނިންމާފައިވަނީ، ކައިވެނި ހަފުލާގެ ހުރިހާ ހަރަދަކާ ހަވާލުވުމަށެވެ. އެގޮތުން ކައިވެނީގައި އަންހެން މީހާ ލާ ހެދުމުގެ ހަރަދަށް، 15،000 ރުފިޔާ އަދި ފިރިހެން މީހާގެ ހެދުމަށް، 7000 ރުފިޔާ ދިނުމުގެ އިތުރުން ޒީނަތްތެރިވާން ވެސް ކޮންމެ މީހަކަށް 5،000 ރުފިޔާ ސަރުކާރުން ދޭނެ ކަމަށް ބުނެފައި ވެ އެވެ.

އެކަމަކު ފަހުން އެ ނިންމުން ބަދަލުކޮށް، ހަމައެކަނި ކައިވެނީގެ އިންތިޒާމްތަކާއި ސަޔަށާއި ފޮޓޯ ނެގުމުގެ ހަރަދު ދޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

ބްރިޖް މަތީގައި ކުރާ ކައިވެންޏަކީ އަންހެން މީހާ އާއި ފިރިހެން މީހާގެ ވެސް އަލަތު ކައިވެންޏަށް ވާން ޖެހެ އެވެ.